ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި

މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރުވާން އެ ބޭފުޅުންނަށް ޗިޓު ފޮނުވައިފި އެވެ.


ބުރާސްފަތި ދުވަހު ހެނދުނު އާޒިމާގެ ޝަރީއަތް ހިންގަން ތާވަލްކޮށްފައި ވާއިރު ޔާމީންގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މެންދުރު ފަހަށެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑެއެހުންތައް ބާއްވައި ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. އަދި އާޒިމާގެ މައްޗަށް ކުރާ ދައުވާގެ ލިޔެކިޔުންތައް ވަނީ މިދިޔަ ފެބްރުއަރީ މަހު އޭނާއާ ހަވާލުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އާޒިމާއާ ޗިޓް ހަވާލު ނުކުރެވިގެން ކަމަށް ބުނެ މައްސަލަ އޮތީ ހުއްޓިފަ އެވެ.

އާޒިމާ އަށް ދައުވާކުރަނީ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ. މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.