ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ނެތް، އޮތީ އިދާރީ ކަމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އޮތީ ޝަރީއަތުގެ އަޑުއެހުމެއް ނޫން ކަމަށާއި އެއީ އިދާރީ ކަމެއް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.


ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު 11:30 ގައި ބާއްވަން ކްރިމިނަލް ކޯޓުން އާންމު ކުރި ޝެޑިއުލްގައިވެ އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައިގައި އަޑުއެހުމެއް ނެތް ކަމަށާއި ޔާމީން ހާޒިރު ކުރަނީ އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށެވެ.

އެކަމަކު، އޭގެ އެއްވެސް ތަފްސީލެއް ކްރިމިނަލް ކޯޓުން ނުދެ އެވެ.

މަނީ ލޯންޑަރިންގެ މައްސަލާގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާ ވަނީ ކޯޓަށް ހާޒިރުވެވަޑައިގެންފަ އެވެ. އެކަމަކު، ކޯޓުން ބުނި ގޮތުގައި އެ މައްސަލާގައި އޮތީ ވެސް އިދާރީ ކަމެކެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑެއެހުންތައް ބާއްވައި ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. އަދި އާޒިމާގެ މައްޗަށް ކުރާ ދައުވާގެ ލިޔެކިޔުންތައް ވަނީ މިދިޔަ ފެބްރުއަރީ މަހު އޭނާއާ ހަވާލުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އާޒިމާއާ ޗިޓް ހަވާލު ނުކުރެވިގެން ކަމަށް ބުނެ މައްސަލަ އޮތީ ހުއްޓިފަ އެވެ.

އާޒިމާ މިއަދު ކޯޓަށް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާޒިމާ އަށް ދައުވާކުރަނީ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ. މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.