ޔާމީންގެ ބަޔާން އޭސީސީން ނެގީ އުސޫލާ ޚިލާފަށް!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ސުވާލުކޮށް، ބަޔާން ނަގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވީ ނަމަވެސް އެއީ، އެ ކޮމިޝަނުގެ ތަހުގީގު ކުރުމުގެ އުސޫލާ ޚިލާފަށް ނަގާފައިވާ ބަޔާނެއް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ވަންނަން ޖެހޭ ފައިސާ ޖަމާކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފްގެ އެކައުންޓަށެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ ތަހުގީގަށް އެމަނިކުފާނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީގެ ތަހުގީގު ޓީމުން ޔާމީނާ ސުވާލު ކުރުމުން، އެމަނިކުފާނާއި ރައީސް އޮފީހުން ވެސް ތަހުގީގު ޓީމަށް ފުރިހަމަ އެއްބާރުލުން ދިން ކަމަށް މެއި، 31، 2016 ގައި އޭސީސީން ވަނީ ބުނެފަ އެވެ. އެ ތަހުގީގަށް ފަހު، 700 ސޮފްހާގެ ބަޔާން ނެރުނުއިރު ވެސް ތަހުގީގަށް ޔާމީން ދެއްވި ބަޔާން ކަމަށް ބުނެ ވާހަކަތަކެއް ހިމަނާފައި ވެ އެވެ.

އެކަމަކު، "މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެއީ އޭސީސީގެ ތަހުގީގު ކުރުމުގެ އުސޫލްތަކާ ޚިލާފަށް، އަދި ޝަރީއަތުގައި ވެސް ބޭނުން ނުކުރެވޭ ގޮތަށް އެ ކޮމިޝަނުން ނެގި ބަޔާނެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ތަހުގީގަށް ޔާމީންއާ އޭސީސީން ސުވާލު ކުރުމުގެ ފުރުސަތު ދޭކަށް އެމަނިކުފާނު ފުރަތަމަ ބޭނުންފުޅެއް ނުވި އެވެ. ތަކުރާރުކޮށް އޭސީސީން އެދިގެން ވެސް ޔާމީން ބަޔާން ނުދެއްވުމުން، ޕްރޮސިކިއުޓަ ޖެނެރަލްއާ އޭސީސީން މަޝްވަރާކުރުމަށް ފަހު ހުށަހެޅުމުން ޔާމީން އެދިވަޑައިގަތީ އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ލިޔުމުން ފޮނުވައި ދިނުމަށެވެ.

އެސްއޯއެފުން އިސްލާމިކް ބޭންކަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން، އޭސީސީން ސުވާލު ފޮނުވުމުން، ޔާމީން ޖަވާބު ދެއްވީ، އެނގިފައިވާ ގޮތުގައި، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މެދުވެރިކޮށް ލިޔުމަކުންނެވެ.

އެއީ، ތަހުގީގަށް ދެއްވި ބަޔާނެއް ކަމަށް އިނގިލީގެ ނިޝާން ޔާމީން ޖައްސަވައިފައެއް ނުވެ އެވެ. ތަހުގީގުތަކުގައި އަމަލުކުރަން އޮންނަ އޭސީސީގެ އުސޫލުގައިވާ ގޮތުން، ތަހުގީގަށް ނަގާ ބަޔާނެއް ނަމަ ސުވާލުތަކާއި އެ މީހަކު ދޭ ޖަވާބުތައް ވެސް ރެކޯޑު ކުރަން ވާނެ އެވެ.

ޔާމީން، ލިޔުމުން ދެއްވި ޖަވާބާ ގުޅިގެން އިތުރު ސުވާލެއް އޭސީސީއަކުން އެމަނިކުފާނާ ނުކުރެ އެވެ.

އެހެންކަމުން، ހިޔާނާތުގައި ޔާމީނަށް ތުހުމަތު ކުރެވޭ ކަންކަން އޭސީސީން ކުރިއަށް ގެންދިޔައީ، އެ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރުމުގެ އުސޫލާ މުޅިން ޚިލާފަށެވެ. އަދި ޔާމީން ތަހުގީގަށް ދެއްވި ބަޔާނެއް ކަމަށް، ބުނެ ލިޔުމެއް ރިޕޯޓުގައި ހިމެނުމަކީ އާއްމުންނަށް އޮޅުވާލުން ކަމަށް ގާނޫނީ ބައެއް ވަކީލުން ވިދާޅުވެ އެވެ.

މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، ސައްހަ ނޫން ލިޔުމަކަށް ނުވަތަ އެއްޗަކަށް ހަވާލާ ދިނުން ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގެ ތެދުކަން ދެއްކުމުގެ ގޮތުން ކަމެއް ކުރުމަކީ ގާނޫނީ ގޮތުން އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

އެ ތުހުމަތާ ގުޅިގެން އޭސީސީގެ މެމްބަރަކު ނަން ހާމަނުކުރަން އެދިވަޑައިގެން ވިދާޅުވި ގޮތުގައި، ޔާމީންއާ އެ ކޮމިޝަންގެ ދެ މެމްބަރަކު ބައްދަލުކުރައްވައި ސުވާލުކުރި އެވެ. ތަހުގީގުގެ ބަޔާނުގައިވާ މައުލޫމާތުތަކަކީ އެ ސުވާލުތަކަށް ދެއްވި ޖަވާބުތަކާ އެކު އެކުލަވައިލި ބަޔާނެއް ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސް ހަސަން ލުތުފީ: ތަހުގީގަށް ޔާމީންގެ ބަޔާން އޭސީސީން ނެގީ އުސޫލާ ޚިލާފަށް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެއް މިލިއަން ޑޮލަރުގެ ވާހަކަ ފިޔަަވައި ބަޔާނުގައި އިތުރު ވާހަކައެއް ނެތް!

ޔާމީން، އޭސީސީ އަށް ދެއްވި ބަޔާން ކަމަށް ބުނެ ރިޕޯޓުގައި ހިމަނާފައިވާ ކުރު ލިޔުމުގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެކި ޖަލްސާތަކުގައި ވެސް ތަކުރާރުކޮށް ދައްކަވާފައިވާ ވާހަކަފުޅުތަކެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، އިސްލާމިކް ބޭންކަށް އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ސިޔާސީ ގޮތުން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ސިޔާސީ މަސައްކަތްތަކަށް ދީފައިވާ ފައިސާ އެވެ.

ސިޔާސީ ފަރާތްތަކުން އެމަނިކުފާނަށް ދޭ ފައިސާ ކުރިން ބެލެހެއްޓެވީ އަދީބު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި އަދީބުގެ އަތުން ފައިސާ ހޯއްދެވުމުގެ މަސައްކަތްޕުޅު ފެއްޓެވީ، ސެޕްޓެމްބަރު 2015 ގައި އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗްގައި އެއްޗެއް ގޮއްވާލުމުގައި އިސްކޮށް ހުންނެވީ އަދީބު ކަމަށް ޝައްކުކުރެވުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.

އަދީބު އަތުގައި ހުރި ފައިސާ ހޯދަން، ފޯނުގެ ޒަރިއްޔާ އާއި މެސެޖްގެ ޒަރިއްޔާ އިން މުއާމަލާތް ކުރެއްވި ކަަމަށް ޔާމީންގެ ބަޔާނުގައި އޮތް އިރު، އެއީ ކިހާ އަދަދެއްގެ ފައިސާތޯ ވެސް ތަހުގީގުގައި އޭސީސީން ސުވާލުކުރި ކަމެއް ތަހުގީގު ބަޔާނުން އެނގޭކަށް ނެތެވެ.

ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރީ ޔާމީނާ މަޝްވަރާކޮށްގެން، އެމަނިކުފާނުގެ އިރުޝާދާ އެކު ކަމަށް ތަހުގީގުގައި އަދީބު ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން ވެސް އޭސީސީން ކުރި ސުވާލަކަށް ޔާމީން ދެއްވި ޖަވާބެއް ތަހުގީގު ބަޔާނަކު ނެތެވެ. އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފް މެދުވެރިކޮށް، މަނީ ލޯންޑެރިން ހިންގައި އޭގެއިން ބައެއް ޔާމީނަށް ހަވާލުކުރާ ކަމަށް އެސްއޯއެފްގެ ހިއްސާދާރުން އާއްމުކޮށްފައިވާ މައުލޫމާތުތަކާ ގުޅޭ ގޮތުން ވެސް ޔާމީންގެ ޖަވާބެއް ބަޔާނުގައި ނެތެވެ.

"ތަހުގީގަށް ދޭ ހުރިހާ މައުލޫމާތެއް އާއްމުކޮށ،ް ރިޕޯޓު ނެރޭއިރު ނުހިމަނާނެ. މުހިއްމު މައުލޫމާތުތައް ހިމަނާނީ،" އޭސީސީގެ މެމްބަރު ވިދާޅުވި އެވެ.

ހިޔާނާތާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ތައްޔާރުކުރި ސްޓީލިން ޕެރެޑައިސް އަށް އެސްއޯއެފްގެ ހިއްސާދާރުން ދެއްކި ވާހަކަތަކާ ގުޅިގެން އަދީބާ ސުވާލުކޮށް، ދެއްކެވި ވާހަކަތައް ބަޔާނުގައި ހިމަނާފައިވެ އެވެ. އޭރު، އަދީބު ހުންނެވީ ޔާމީން އަވަހަރާކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލުގަ އެވެ.