އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން ހިންގި ކަމަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަން ކަށަވަރުކޮށް ދިނުން ފިޔަވައިި އިތުރު ވާހަކައެއް ފުލުހުން މިކަމުގައި ނުދެއްކި އެވެ.
ތުހުމަތު ކުރެވޭ ބައެއް މީހުން އެ މައްސަލައިގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކޮށް އަންނަނީ ބަޔާން ނަގަމުންނެވެ. ތަހުގީގަށް ލުތުފީ އަދި ހާޒިރެއް ނުކުރެ އެވެ. އޭނާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ މެލޭޝިއާ އަށް ވަޑައިގެންފަ އެވެ.
އޭނާގެ އާއިލާ ދިރިއުޅެމުން އަންނަނީ މެލޭޝިއާގަ އެވެ.
ލުތުފީގެ މައްސަލައެއް ބަލަމުން އަންނަ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯފުން ޖަމާކުރި 1 މިލިއަން ޑޮލަރު ދައުލަތަށް ނެގުމުގައި އޭސީސީން އިހުމާލުވި މައްސަލައިގައި ވެސް އޭނާ އާއި ކޮމިޝަނުގެ މެމްބަރުންނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަކަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރުން ޔާމީން މަނީ ލޯންޑެރިން ހިންގެވި ކަމަށް ފުލުހުން ތުހުމަތުކުރާތީ، ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ ޝަރީއަތަށް ފޮނުވައިފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގައި ލުތުފީ އަމަލުކުރެއްވީ އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި، ކޮރަޕްޝަންގެ ތުހުމަތުތަކުން ޔާމީނަށް ސަލާމަތްވެވޭނެ މަގު ފަހިކޮށްދެއްވުމަށެވެ. އެއް ކަމަކަށް، އޭސީސީ އަށް ގާނޫނީ ބާރު ލިބިގެންވީ ނަމަވެސް އެއް މިލިއަން ޑޮލަރު ޖަމާކުރި ޔާމީންގެ އެކައުންޓް ފްރީޒްނުކޮށް، އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރަން އެއްބަސްވުމެއް ހެދުމެވެ.
އެސްކްރޯ އެކައުންޓަކީ ދެ ފަރާތެއްގެ ދެމެދުގައި ކުރާ މުއާމަލާތެއްގައި ހިމެނޭ ފައިސާ ވަކި ޝަރުތުތަކެއްގެ މަތިން ތިން ވަނަ ފަރާތެއްގެ އެކައުންޓުގައި، އެ ފައިސާ ދޫކުރާ ގޮތަށް ބެހެއްޓުމެވެ. ޔާމީނަށް ޚާއްސަކޮށް ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވިއިރު، އޭސީސީން ތަހުގީގު ކުރި އެއްވެސް މައްސަލައެއްގައި މީގެ ކުރިން އެފަދަ އެކައުންޓެއް ހުޅުވާފައެއް ނުވެ އެވެ.
އެސްކްރޯ އެކައުންޓް އާއްމުކޮށް ހުޅުވަނީ، ވިޔަފާރި މުއާމަލާތްތަކުގައި އުފެދޭ މައްސަލަތަކާ ގުޅިގެން، އެ މައްސަލައަކަށް ގާނޫނީ ހައްލެއް ލިބެންދެނެވެ.
ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި، ޔާމީނާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވުމަކީ ގާނޫނީ ގޮތުން އޭސީސީ އަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެ ކޮމިޝަނަށް އޮތް ގާނޫނީ ބާރަކީ، ޔާމީންގެ އެކައުންޓަށް ފައިސާ ވަދެފައި ވަނީ އެސްއޯއެފް އިން ކަން އެނގުމާ އެކު އެ ފައިސާ ފްރީޒް ކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
މީގެއިތުރުން، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޔާމީންއާ ސުވާލުކޮށް، ބަޔާން ނަގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވީ ނަމަވެސް އެއީ ވެސް އެ ކޮމިޝަނުގެ ތަހުގީގު ކުރުމުގެ އުސޫލާ ޚިލާފަށް ނަގާފައިވާ ބަޔާނެކެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ތަހުގީގަށް ޔާމީންއާ އޭސީސީން ސުވާލު ކުރުމުގެ ފުރުސަތު ދޭކަށް އެމަނިކުފާނު ފުރަތަމަ ބޭނުންފުޅެއް ނުވި އެވެ. ތަކުރާރުކޮށް އޭސީސީން އެދިގެން ވެސް ޔާމީން ބަޔާން ނުދެއްވުމުން، ޕްރޮސިކިއުޓަ ޖެނެރަލްއާ އޭސީސީން މަޝްވަރާކުރުމަށް ފަހު ހުށަހެޅުމުން ޔާމީން އެދިވަޑައިގަތީ އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ލިޔުމުން ފޮނުވައި ދިނުމަށެވެ.
އެސްއޯއެފުން އިސްލާމިކް ބޭންކަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން، އޭސީސީން ސުވާލު ފޮނުވުމުން، ޔާމީން ޖަވާބު ދެއްވީ، އެނގިފައިވާ ގޮތުގައި، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މެދުވެރިކޮށް ލިޔުމަކުންނެވެ.
އެއީ، ތަހުގީގަށް ދެއްވި ބަޔާނެއް ކަމަށް އިނގިލީގެ ނިޝާން ޔާމީން ޖައްސަވައިފައެއް ނުވެ އެވެ. ތަހުގީގުތަކުގައި އަމަލުކުރަން އޮންނަ އޭސީސީގެ އުސޫލުގައިވާ ގޮތުން، ތަހުގީގަށް ނަގާ ބަޔާނެއް ނަމަ ސުވާލުތަކާއި އެ މީހަކު ދޭ ޖަވާބުތައް ވެސް ރެކޯޑު ކުރަން ވާނެ އެވެ. އެހެންކަމުން ޔާމީން ތަހުގީގަށް ދެއްވި ބަޔާނެއް ކަމަށް، ބުނެ ލިޔުމެއް ރިޕޯޓުގައި ހިމެނުމަކީ އާއްމުންނަށް އޮޅުވާލުން ކަމަށް ގާނޫނީ ބައެއް ވަކީލުން ވިދާޅުވެ އެވެ.
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، ސައްހަ ނޫން ލިޔުމަކަށް ނުވަތަ އެއްޗަކަށް ހަވާލާ ދިނުން ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގެ ތެދުކަން ދެއްކުމުގެ ގޮތުން ކަމެއް ކުރުމަކީ ގާނޫނީ ގޮތުން އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.