ހުޅުމާލޭގެ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި ބަންގްލަދޭޝްގެ މީހަކު މިރޭ މަރުވެއްޖެ އެވެ.


ފުލުހުން ބުނީ މިރޭ 7:50 ހާއިރު ހިނގި މި ހާދިސާގައި އުމުރުން 44 އަހަރުގެ ފިރިހެން މީހާގެ ބޮލުގައި ޖެހުނީ، ހަދަމުން ދިޔަ އިމާރާތުގެ ފަސްވަނަ ބުރިން ވެއްޓުުނު ގަލަކުން ކަަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނިގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އަދި އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާ ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

ފުލުހުން ބުނީ، މަރުވީ ހަދަމުން ދިޔަ އިމާރާތުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހެއް ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި އިމާރާތްކުރާ ތަންތަނުން ގަލާއި އަދި ބައެއް ސާމާނުތަކުން ޖެހި ފަހަކަށް އައިސް މީހުންނަށް އަންނަނީ ގެއްލުންތައް ވަމުންނެވެ.

މާލޭގައި، ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ބަންގްލަދޭޝްގެ ކުޑަ އަންހެންކުއްޖަކު ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މަރުވެފަ އެވެ. ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ ރައިޝަން ޖިއާން މިދިޔަ އަހަރުގެ ޑިސެމްބަރު 16 ގައި މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އަކުން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.