މާލޭގެ ބޮޑުތަކުރުފާނު މަގުން ވެހިކަލްތަކެއް ދުއްވާފައި ދަނީ: މާލޭގައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަނީ މިރޭ ފޭރިގެންފައި.---ފޮޓޯ: އަހުމަދު ނިޝާތު / މިހާރު
19 ފެބުރުއަރީ 2019 - 00:01
މާލޭގައި ވަޅިން ބިރު ދައްކައި، 560،000 އަށް ވުރެ ގިނަ ރުފިޔާ މިރޭ ފޭރިގެންފި އެވެ.
ފުލުހުން ބުނީ، ސައިކަލް ވިއްކާ ކުންފުނި، އެކްސްޕާޓް މޮޓޯސްގެ އޮފީހަށް ގެންދިޔަ ބައި މިލިއަން ރުފިޔާ ފޭރިގަތީ ދެ ސައިކަލެއްގައި ދިޔަ ތިން މީހަކު ވަޅިން ބިރު ދެއްކުމަށް ފަހު ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ފައިސާތައް އެކްސްޕާޓް މޮޓޯސްގެ އޮފީހަށް ގެންދިޔައީ ސައިކަލެއްގަ އެވެ. އެ ސައިކަލް ދުއްވަން އިން މީހާ ފިޔަވައި އެހެން މީހަކު އެ ސައިކަލްގައި ނެތެވެ.
މިރޭ 10:30 ހާއިރު އެ ފައިސާ ފޭރިގަތީ، ފަރީދީމަގުގައި ހުންނަ ފަތަހަ ސުންބުލި ކައިރިންނެވެ. އެއީ އެކްސްޕާޓް މޮޓޯސްގެ އޮފީސް ހުންނަ ސަރަހައްދެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ފައިސާ ފޭރުން އާންމުވެފައިވާއިރު، އެކަން ކުރާ ބަޔަކު ހޯދައި ފިޔަވަޅު އަޅާ ކަމަކަށް ނުވެ އެވެ. އަދި ފޭރުމުގެ ގިނަ ހާދިސާތަކެއް މިދިޔަ ދެ މަހެއްހާ ދުވަހު ހިންގާފައިވާއިރު، އެ ފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނާއި އަޅާ ފިޔަވަޅުތަކެއް ފުލުހުން މީޑިއާ އަށް ހާމައެއް ނުކުރެ އެވެ.
ހުޅުމާލޭގައި ހިންގާ ފިހާރައެއްގެ ގިނަ އަދަދެއްގެ ފައިސާ ބޭންކަށް ޖަމާކުރަން ދަނިކޮށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރު ދެއްކުމަށް ފަހު އެ ފައިސާތައް މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ފޭރިގެންފި އެވެ. ހުޅުމާލޭގެ ރޫޓް ފިހާރައިގެ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެ ދުވަހު ފޭރިގެންފައި ވަނީ ބޭންކަށް ޖަމާކުރުމަށްޓަކައި ފައިސާ ހިފައިގެން ވޭނަށް އަރަނިކޮށް، ސައިކަލެއްގައި މޫނު ނިވާކޮށްގެން ދިޔަ މީހަކު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުންނެއް ނުބުނެ އެވެ.
ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައިގެ އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ މީހާގެ މޫނަށް ސްޕްރޭ ޖަހައި ގިނަ އަދަދެއްގެ ފައިސާ މިދިޔަ މަހު ވަނީ ފޭރިގެންފަ އެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ކުންފުނިން، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ވެހިކަލަށް އަރުވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ވަނީ ފޭރިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރާބަރު
19 February 2019
އެއްވެސް މައްސަލައެއް ނެތް.. ފުލުހުން ހަމަ ބުނެ ބުނެ އޮއްވާތާ ނުވެސް ގުޅާ ތިދަނީ މާގަދަވެފަ.....
މަހޭ
19 February 2019
އިބޫ ސަރުކާރުގަ މިހިގަމުންދާ ކަންތައްތައް މިހާރު ހައްދުން ނައްޓާފި. މީ ސުވާލު އުފެދޭ ކަމެއް
މޯލްޑިވިއަންޕޮލިސް
19 February 2019
ކޮންމެބަޔަކުވެސް އަމިއްލަ ސޭފްޓީ ގްރޫޕެއް ހަދަންޖެހޭނީ. އޮފީސްތައްވެސް. ގެވެށިތަކުންވެސް. ޕޮލިހުގައިވެސް ތިބެނީ މީހުން. އަނބިދަރިންތިބި. އެމީހުންގެ ސަލާމަތްތެރިކަމެއްވެސް ނެތް. މިހާރު ބޭރުގައުމުތަކުގައިވެސް މިގޮތަށް ކަންތައްކުރަނީ..
ހސެން
19 February 2019
މިކަހަލަ ފޭރުމުގެ ކަންތައްތަކަކީ ދުރާލާ ރާވައިގެން ތަނުގެ ބައެއް މުއައްޒަފުން ބައިވެރިވެގެން ކުރާ ކަންތައްތައް
ތަރަބެ
19 February 2019
އެއް ބަޔަކު ވަރަށް ރޭވުން ތެރި ކަމާއި އެކު ގުޅިގެން ހިންގާ ޖަރީމާ އެއް. ތި ހުރިހާ ތިކަހަލަ ފޭތުމުގެ ސްޓަންޓް ތަކުގައި ބަެިވެގިވަނީ އެއް ގުރޫޕެއް
ކޮރަލް
19 February 2019
އަލިކިލެގެފާނު މަގު ކުރީގެ ދޫވެހި ކައިރީގަ ބަޔަކު ރޭގަނޑު ދަންވަރު 3 ޖަހާއިރު އަޑުގަދަ ކޮށް ހަލޭލަވާ އަޑައް ހޭލެވެއެވެ. ސިލްސިލާކޮށް ހިނގާ ކަމެކެވެ. ގްރޫޕްހަދައިގެން ދަންވަރު މަގުމަތީ ހުންނަށް ފުރުސަތު ދޭނެ ކަމެއް ނެތެވެ . ވައްކަން ގިނަ ވެއެވެ .
މަރޭމިތުރު
19 February 2019
ގައުމުގަ ހިނގާ ހުރިހާ ޖަރީމާއަކީ ފުހުންނަސް ނުކުމެ ހުއްޓުވޭނެ ކަމެއްނޫން! މީގައި ސޭފްޓީގެ މައްސަލަބޮޑީ! މިގައުމުގެ މަގުތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ނެތީ! ހަމަ އެގޮތައް ފައިސާ ގެންދާއިރު އެއްމެ މީހަކު ގެންދިއުމުގެ އާދަ ދޫކޮށް ކާރެއްގައި ނުވަތަ ތިންމީހުން މަދުވެގެން ގެނަދަންޖެހޭނީ! އެހެންވެ ބުނަނީ ވަގަކަށް ހާސްދުވަހޭ! އަމިއްލަ އެއްޗަކަސް އަމިއްލައަސް ނުބެލިއްޖެ ނަމަ ދެން ވެގެންދާނި މިކަހަލަގޮތެއް!
ސޯލިހު އަލީ
19 February 2019
ތިކަންވެސް ހުއްޓުވަންޖެހޭނީ ރައްޔިތުން ނުކުމެ ދަންތުރަ ޖަހަން..ގައުމުގެ ފުލުހުންގެ ހިދުމަތް މަދަނީ ނުވާކަމުގައިވާނަމަ މަދަނީ ޖަމިއްޔާތަކުން މިކަންކުރަން ފެނޭ...ފޭރޭމީހުން ހިފާ ދަންތުރައެއް މިހާރު މިގައުމަށް ބޭނުންވަނީ.
ނެޗްރަލް އަލީ
19 February 2019
ފޭރުން މެކުހުގައި. ފުލުހުން ކައިގެން ގޭގައި އަނބިންނިންދަވަން. މާލޭގައި މަގުމަތިން ކަންކަންމަތީގައި ފުލުހުންބައިތިއްބަން ގޮވާލަން. މުޅިސަރަހައްދުގައި ނެތްވަރުގެ ނުރައްކާގައުމަކަށް މިކުޑަކުޑަ ރާއްޖެއްޖެ. ކޮލަންބިއާ މެކްސިކޯ ތަންތަނާ އެއްވަރެއްގައި މިހާރު މިއޮތީ.
އަހަމަދު
19 February 2019
ފުލުހުންނަކީ ހަމަ ސުމެއް..ފޭރުނު ކިތައް މީހުންގެ ފައިސާތޯ ހޯދައިދެވުނީ..ހަމަގައިމު އަޅުގަނޑުމެން އަތުން ފޭރުނު އެތައްހާސް ރުފިޔާއެއް މިއަދާއި ހަމައަށްވެސް ހޯދައެއް ނުދެވޭ..މައްސަލވީ ނުވީ ތަނެއްވެސް ނޭނގޭ..