ޓީޗަރުންނާމެދު ކަންތައްކުރި ގޮތުން ޝެއިހުލް އަޒްހަރު ހުންނެވީ ކޯފާވެވަޑައިގެންފައި: އަލީ ޒާހިރު

އަޒްހަރު ޔުނިވާސިޓީގެ ޝެއިހުލް އަޒްހަރު، އަހުމަދު މުހައްމަދު އައްތޮއްޔިބް ހުންނެވީ މީގެ ކުރީގެ ސަރުކާރުން އެ ޔުނިވާސިޓީގެ ޓީޗަރުންނާމެދު ކަންތައް ކުރިގޮތުން ވަރަށް ބޮޑަށް ކޯފާވެފައި ކަމަށް މިސްރަށް ދިޔަ ވަފުދުން މިއަދު ބުނެފި އެވެ.


އަރަބިއްޔާ ސްކޫލަށް ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް މިސްރަށް ވަޑައިގެންނެވި މިނިސްޓަރުން އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ 2017 ވަނަ އަހަރު މިސްރުން ރާއްޖެ އައި ހަތް ޓީޗަރަކު ޑީޕޯޓުކޮށްލުމަކީ އެ ގައުމަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް ޝެއިހުލް އަޒްހަރު ވިދާޅުވި ކަމަށެވެ.

އަލީ ޒާހިރުގެ އިތުރުން އެ ދަތުރުގައި ދެން ބައިވެރިވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

މިސްރުން އައި ޓީޗަރުންނަށް ރާއްޖެ އަށް އެތެރެނުވެވުނީ، އެ މީހުން ޓޫރިސްޓު ވިސާގައި އައުމުންނެވެ. ނަމަވެސް އެއީ މީގެ ކުރިން ވެސް އަމަލުކުރި ގޮތެކެވެ. ވިސާގެ އުސޫލަށް އިމިގްރޭޝަނުން ބަދަލުގެނެސްފައި އޮތުމުން އެ މީހުންނަށް އެތެރެވެވޭ ގޮތް ނުވީ އެވެ. އެހެންވެ އެއާޕޯޓުގައި 12 ގަޑިއިރު ބޭތިއްބުމަށްފަހު އަނބުރާ ފޮނުވާލީ އެވެ.

އަލީ ޒާހިރު ވިދާޅުވީ ޝެއިހުލް އަޒްހަރާ ބައްދަލުކުރެއްވުމުން ޓީޗަރުން ނުލިބުމުގެ ހަގީގީ މައްސަލަ ސާފުވެގެން ދިޔަ ކަމަށެވެ.

"ކުރިން އަންނަނީ ތަންކޮޅެއް ޑިޕްލޮމެޓިކް ޖަވާބުތަކެއް. އެބޭފުޅުންނާ ގުޅިގެން ކުރަންޖެހޭ ކަންތައްތަކެއް ހަދަންޖެހޭ ޓެސްޓުތަކެއް ނުވަތަ ބަލަންޖެހޭ ބެލުންތަކެއް ބަލާ ސްކްރީންކުރުމުގެ ކަންތައްތަކެއް ކުރިއަށްދަނީއޭ އެކަން ނިމުނުހާ އަވަހަކަށް ކުރިއަށްދާނެ ކަމަށް. އެހެން ނަމަވެސް މި ބައްދަލުުވުމުން ވަރަށް ސާފުކޮށް އެނގިގެންދިޔައީ ހަގީގީ ސަބަބަކީ އެއީ ކަމަށް. ޝެއިހުލް އަޒްހަރު ވަރަށް ކޯފާވެފައި ހުންނެވީ އެ ހިނގާދިޔަ ކަންކަމުން،" އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަޒްހަރު ޔުނިވާސިޓީން ރާއްޖެއާ މެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. ކުރީގެ ސަރުކާރުން އެގޮތަށް ކަންތައް ކޮށްފައިވުމުން ލަދުވެތިވާން ޖެހުނުކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމާއި އެއީ ވަރަށް ބޮޑަށް އަޒްހަރަށާއި އަދި އަޒްހަރުގެ ޓީޗަރުންނަށާއި މުޅި މިސްރަށް ވެސް ބޮޑު އިހާނެތިކަމެއް ރައްދުކުރުވި ކަމެއްގެ ގޮތުގައި ޝެއިހުލް އަޒްހަރު ފާހަގަކުރެއްވި އަދި އެކަމާ ވަރަށް ބޮޑަށް ހިތްޕުޅާނުވެ ހުރި ވާހަކަ ފާހަގަކުރެއްވި. އެކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީ ސިފައެއްގައި އެންމެ މަތީ ފެންވަރުން މައާފަށް އެދެން ޖެހިވަޑައިގަންނަވާ ކަމަށް ޝެއިހުލް އަޒްހަރު ވިދާޅުވި."

އޭނާ ވިދާޅުވީ ރައީސްގެ ފަރާތްޕުޅުން އެކަމަށް މައާފަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އެ ސިޓީގައި އަޒްހަރު ޔުނިވާސިޓީއަށް އެހާނެތިކަން ރައްދުވާ ފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާފައިވާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުވެ ވަރަށް އަވަހަށް ޓީޗަރުން ރާއްޖެ އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަޒްހަރުން މިއަހަރު 22 ޓީޗަރުން ފޮނުވަން ހަމަޖައްސާފައި ވިޔަސް މިހާތަނަށް ރާއްޖެ އައީ ހަތަރު ޓީޗަރެެެެެކެވެ. ބާކީ ތިބި ޓީޗަރުން ރާއްޖެ އައިސްފައިނުވާތީ އަރަބިއްޔާ ސްކޫލުގައި މިވަގުތު ކިޔަވައިދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލެކްޗަރާއިންގެ އެހީގަ އެވެ. ނަމަވެސް އެމްއެންޔޫގައި އަންނަ ހަފުތާގައި ކިޔަވަން ފަށާތީ، އޭގެ ކުރިން އެހެންގޮތްތަކެއް ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އަރަބި ތައުލީމު އުނގަންނައިދިނުމަށް މީގެ 32 އަހަރު ކުރިން އަރަބިއްޔާ ސްކޫލު އުފެއްދި ފަހުން، ކޮންމެ އަހަރަކު ވެސް އަޒްހަރުން ޓީޗަރުން ފޮނުވަ އެވެ. އެމީހުން ފޮނުވަނީ ދެ ތިން އަހަރަށެވެ. އެ މުއްދަތު ހަމަވުމުން އަޒްހަރުން އަނެއްކާ ވެސް އާ ޓީޗަރުން ހޮވަނީ އެވެ. އެ ޓީޗަރުންނަށް މުސާރަ ދެނީ އަޒްހަރު ޔުނިވާސިޓީންނެވެ. ނަމަވެސް ޕޮކެޓް މަނީގެ ގޮތުގައި އަރަބިއްޔާ ސްކޫލުން 1200ރ. ދެ އެވެ.

ޝެއިހުލް އަޒްހަރަކީ އަޒްހަރު ޔުނިވާސިޓީގެ މިސްރުގެ ދީނީ ބާރުގަދަ ސިޔާސީ މަގާމެކެވެ.