ކެންޑިޑޭޓުންގެ މަސައްކަތަށް ދަނީ ހުރަސް އަޅަމުން: ކޮންގްރެސް ޕާޓީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ކުރައްވާ މަސައްކަތަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ، އެ ބޭފުޅުންގެ ހައްގުތައް ކަށަވަރުކޮށްދޭން ކޮންގްރެސް ޕާޓީން މިރޭ ގޮވާލައިފި އެވެ.


ކުރީގެ ރައީސް އަދި މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ކޮންގްރެސް ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަޖިލިހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުން ހަމަހަމަކަމާ އެކު ކެމްޕެއިން ކުރުމަށް އޮތް ފުރުސަތުތައް ނެތިކޮށްލުމަށް މަސައްކަތް ކުރާތީ ކަންބޮޑުވާ ކަމަށެވެ. އެހެންވެ، މި ސަރުކާރުގެ ނާތަހުޒީބު އަމަލުތައް ހިންގުން ހުއްޓާލުމަށާއި ކެންޑިޑޭޓުންގެ ހައްގުތައް ކަށަވަރުކޮށްދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ގޮވައިލި އެވެ.

ކޮންގްރެސް ޕާޓީން ބުނީ ޔާމީން، ގާނޫނީ އިމުގެ ބޭރުން ނުހައްގުން ހައްޔަރުކޮށް ޖަލަށްލުމަށް ފަހު އެމަނިކުފާނަށް އެކި ގޮތްގޮތުން ގޯނާ ކުރަމުންދާ ކަމަށެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ފުލުހުންގެ އިދާރާގައި ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން މިރޭ ބައިންދާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީ އާއި ޕީޕީއެމްގެ ކެންޑިޑޭޓުންނާއި އެހެން ބޭފުޅުންތަކެއް ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން، ކެންޑިޑޭޓުން އިންތިޚާބުގައި ތާއީދު ހޯދުމަށް ކުރާ މަސައްކަތަށް ވެސް އެތައް ގޮތަކުން ހުރަސް އެޅިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން، ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ބުދަ ދުވަހު ޕީޕީއެމް/ކޮންގްރެސް ޕާޓީން ބޭއްވި މުޒާހަރާގެ ތެރޭގައި، ފުލުހުންގެ ވެހިކަލެއްގެ ފުރޮޅެއް ކައިރީގައި، ގާބުރިއެއް ބޭއްވެވި މައްސަލައިގަ އެވެ. ނިހާންގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.

ޔާމީން ޖަލުގައި ބަންދުކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަން ފައިސާގެ އަދަދުތައް ހުށަހެޅި މައްސަލައިގަ އެވެ. އަދި އެ މައްސަލަތަކުގައި ބަޔާން ދިން މީހުންގެ ބަޔާން ބަދަލު ކުރުމަށް ފައިސާ ހުށަހެޅި ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އެހެންވެ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިދިޔަ ހޯމަ ދުވަހު ނިންމެވީ، ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.

ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީ އާއި ޕީޕީއެމްގެ ކެންޑިޑޭޓުންނާއި އެހެން ބޭފުޅުންތަކެއް ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން، ކެންޑިޑޭޓުން އިންތިޚާބުގައި ތާއީދު ހޯދުމަށް ކުރާ މަސައްކަތަށް ވެސް އެތައް ގޮތަކުން ހުރަސް އެޅިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ކޮންގްރެސް ޕާޓީން ބުނި ގޮތުގައި ވަކި ކެންޑިޑޭޓަކު ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކު ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ހައްގަކީ ގާނޫނުއަސާސީން ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިދީފައި އޮންނަ ހައްގަކަށް ވާއިރު، އެއްވެސް އަސާސެއް ނެތި ކެންޑިޑޭޓުން ތަންތަނަށް ހާޒިރު ކުރުން އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ އަމަލެކެވެ. އެހެންވެ، ކެންޑިޑޭޓުން ހައްގުތަކުން މަހްރޫމް ވެދާ ފަދަ ކަންކަން ސަރުކާރުން ކުރަމުން ގެންދާތީ އެކަންކަން ބެލުމަށް ވެސް ކޮންގްރެސް ޕާޓީން ވަނީ ގޮވާލައިފަ އެވެ.