ކުރީގެ ނައިބު ރައީސުން ވަނީ މަގުމަތިވެފައި: ބައެއް މެމްބަރުން

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން މަގުމަތިވެފައިވާ ކަމަށާއި އެ ބޭފުޅުންނަށް ފުރިހަމަ ރައްކާތެރިކަމާއި އިނާޔަތް ލިބެން ވާނެ ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުށަހެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމުގެ ބިލްގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުން ވަނީ މިހާރަށް ވުރެ ފުރިހަމަ، ހާއްސަ ގޮތްތަކެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ކޮމިޓީ މަރުހަލާގައި މިއަށް ބަދަލު ގެނެސްގެން، ރައީސަށް ވެސް ވަރުގަދަ އިނާޔަތްތަކެއް ދޭން ޖެހޭ. މާދަމާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމިގެން ދާއިރު، ކޮންމެވެސް ކަހަލަ މަޅިއެއްގައި ޖަލަށް ދާން ޖެހުނީމަ، އެއީކީ މި ގައުމުގައި ރަނގަޅު ގޮތެއް ނޫން،" ---ސަލީމް
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

އެކަމަކު ބައެއް މެމްބަރުން ވަނީ މަޖިލިހުން މިފަދަ ބިލެއް ފާސް ކުރުމުގެ ކުރިން، ދައުލަތުގެ ބަޖެޓުން އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އޮތްތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ނުދިނުމަށް ބައެއް މެމްބަރުން ގޮވާލެއްވި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވީ ނައިބު ރައީސެއްގެ ދައުރު ހަމަވުމަށް ފަހު، އެބޭފުޅަކީ މަގުމަތީގައި ސަލާން ޖަހަން ޖެހޭ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި، ރައީސުންނެކޭ އެއްގޮތަށް ނައިބު ރައީސުންނަށް ވެސް އިނާޔަތާއި ރައްކާތެރިކަން ލިބެން ޖެހެ އެވެ.

ސަލީމް ވިދާޅުވީ ރައީސްކަން ކުރައްވާފައި ހުންނަވާ ބޭފުޅަކު، ކުށްވެރިނުވާހާ ހިނދަކު ޖަލަށް ލައި ހެދުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ. ރައީސަކު ކުށްވެރި ނުވާހާ ހިނދަކު، އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީ މަރުހަލާގައި މިއަށް ބަދަލު ގެނެސްގެން، ރައީސަށް ވެސް ވަރުގަދަ އިނާޔަތްތަކެއް ދޭން ޖެހޭ. މާދަމާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމިގެން ދާއިރު، ކޮންމެވެސް ކަހަލަ މަޅިއެއްގައި ޖަލަށް ދާން ޖެހުނީމަ، އެއީކީ މި ގައުމުގައި ރަނގަޅު ގޮތެއް ނޫން،" ސަލީމް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން. (ކ-ވ). އަބްދުﷲ ޖިހާދު، ޑރ. މުހައްމަދު ވަހީދު، މުހައްމަދު ވަހީދުއްދީން، ޑރ. މުހައްމަދު ޖަމީލް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު. --- ފޮޓޯ: މިހާރު

ބިލަށް ތާއީދު ކުރައްވައި ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި މިއީ ވީހާ ވެސް އަވަހަކަށް ފާސް ކުރަން ޖެހޭ ބިލެކެވެ. އެހެންވެ، ބިލް މަޖިލިހުގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިގެން ބިލް އަލުން މަޖިލިހުގެ ތަޅުމަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ކުރީގެ ނައިބު ރައީސުންނެކޭ އެއްގޮތަށް މަޖިލިހުގެ ރައީސުންނަށް ވެސް މިހާރަށް ވުރެ ފުރިހަމަ، ހާއްސަ ގޮތްތަކެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މަޖިލިހުގެ ރައީސުންނަށް މިހާރު ލިބެނީ ހަމައެކަނި ޑިޕްލޮމެޓިކް ޕާސްޕޯޓެއް ކަމަށް ރިޔާޒް ފާހަގަކުރެއްވި އެވެ.

ރިޔާޒް ވަނީ ރިޓަޔަ ކުރައްވާ މަޖިލިހުގެ މެމްބަރުންނަށް ރައްކާތެރިކަމާއި އިނާޔަތް ލިބޭ ގޮތަށް ބިލެއް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ކުރީގެ ނައިބު ރައީސުންނަށް މުސާރަ ނުވަތަ އެލަވަންސެއް ދިނުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދޭން ޖެހެނީ އެބޭފުޅުންނަށް ދެރަ ގޮތްތަކެއް ވަމުންދާތީ އެވެ.

"ބައެއް ހާލަތްތަކުގައި ނައިބު ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އާދައިގެ ރައްޔިތުންނަށް ވުރެ ދަށްވެގެން ދާތަން އެބަ ފެނޭ. މިއީ ހިތާމަ ކުރަން ޖެހޭ ކަމެއް،" ސައުދުﷲ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވި ގޮތުގައި ނައިބު ރައީސުން ކުރެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރައްކާތެރިކަމާއި ހިމާޔަތާއި އިންޝުއަރެންސް ވެސް ލިބެން ޖެހެ އެވެ. އަދި އެ ބޭފުޅުން ގައުމަށް ކޮށްދެއްވި މަސައްކަތަކީ ނަމެއްގެ ގޮތުގައި އޮންނަން ބޭނުން ނުވާ ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.

ނަމަވެސް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރައީސާއި ނައިބު ރައީސަކު ފަސް އަހަރުގެ މުއްދަތަކަށް އައްޔަން ކުރާ އިރު، އޭގެ ތެރެއިން ތިން އަހަރުގެ ޓާމެއް ފުރިހަމަ ކުރާ ނަމަ، ރައީސާއި ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން މިހާރު ވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.

"މިދިޔަ ފަސް އަހަރުގެ ތެރޭގައި ނައިބު ރައީސްކަން ކުރައްވާފައިވޭ ތިން ބޭފުޅުން. މި ހުރިހާ ބޭފުޅުންނަށް ދައުލަތުން އިނާޔަތާއި ރައްކާތެރިކަން ދެވޭނެތޯ؟،" ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން އަހަރުގެ މުއްދަތު ފުރިހަމަ ނުކުރައްވާ ދެ ނައިބު ރައީސުން އެބަ ތިއްބެވި ކަމަށެވެ. އެހެންވެ ބިލް ހުށަހަޅައިގެން އުޅެނީ އެ ބޭފުޅުންނަށް އިނާޔަތް ދޭން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު "އެއް ދުވަހު، ނޫނީ އެއް މަސް ދުވަހު ނޫނީ ދެ މަސް ދުވަހު" ނައިބު ރައީސް ކަން ކުރެއްވީމަ، ހުރިހާ އިނާޔަތެއް ދޭން އެއްބަސް ނުވެވޭވެނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބޭ ބިލެއް މަޖިލީހަށް ހުށަހެޅި އިރު، ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަ ތިއްބެވި އެވެ. އޭގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ ވިޔަފާރިވެރިޔާ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ. އަދި މިހާރު ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމަށް ބިލުން އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ކުށްވެރިނުވެ، މަގާމުން ވަކިވެ ވަޑައިގަންނަވާ ހިސާބުންނެވެ.

ސަލީމް ހުށަހެޅުއްވި ބިލްގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ނައިބަށް ދޭން ޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި އިނާޔަތްތައް އެބޭފުޅުންނަށް ވެސް ލިބެން ވާނެ ކަމަށެވެ.