ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން މުހަންމާ މަޖިލިހަށް ހުށަހަޅުއްވައިފި

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅުއްވައިފި އެވެ.


ގައުމުތަކުގައި ނުހައްގު މުއްސަނދިކަމެއްގެ ގޮތުގައި، ބަލަނީ ތިމާއަށް އަސްލު ލިބޭ އާމްދަނީ އަށް ވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ތިމާގެ އަތުގައި ހުންނަ އަގުބޮޑު މިލްކިއްޔާތުތަކަށެވެ. މަޖިލިހުން ގާނޫނުލްއުގޫބާތު ކުރިން ފާސް ކުރިއިރު، ނުހައްގު މުއްސަނދިކަން ކުށެއް ގޮތުގައި ކަނޑައަޅައިފައެއް ނުވެ އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ): ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން މަޖިލިހަށް ހުށަހެޅުއްވީ މުހައްމާ. --- ފޮޓޯ: މިހާރު

ބިލްގައިވާ ގޮތުން ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ނިންމީ ރާއްޖޭގެ ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާ ގޮތަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، ދައުލަތުގެ މުވައްޒަފުންނަށް ލިބޭ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާ ބަލާއިރު، އެ މީހުންނަށް ނުހޯދޭނެ ނުވަތަ ހޯދަން އެކަށީގެން ނުވާ ނުވަތަ ހޯދުނު ގޮތް ބަޔާންކޮށް ނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށް ހުރެ، ލިބޭ ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރިިއިރު ލިބުނު އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމުކޮށް ދެމެހެއްޓުމަކީ ކުށެކެވެ.

މީގެއިތުރުން ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބުނު ނުވަތަ ދައުލަތުގެ މުވައްޒަފަކަށް ހުރެ ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކުކޮށްފައި ވުމަކީ ކުށެއް ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައި ވަނީ ދެ ކުށުގައި ދައުވާ ލިބޭ މީހަކާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މިލްކު ކުރާ މުދާ، އެ މީހެއްގެ ނަމުގައި އެހުރީ ދައުވާ ލިބޭ މީހާގެ ބޭނުމަށްޓަކައި ނުވަތަ އޭނާ އަށް މަންފާ ލިބިދެވޭ ގޮތަށް ކަމުގައި ނުވަތަ ބާރު ހިނގާ ގޮތަށް ކަމުގައި ކޯޓަށް ސާބިތުކޮށްދީފި ނަމަ، އެ މުދަލަކީ ދައުވާ ލިބޭ މީހާގެ ނަމުގައި ހުރި މުދަލެކޭ އެއްފަދަ އިން އެ މީހަކަށް ނިސްބަތް ކުރެވޭނެ މުދަލެއް ކަމުގައި ބަލައި، އެ މުދާ ދައުލަތަށް ނެގުމަށް ކޯޓަށް އަމުރު ކުރަން ވާނެ ކަމަށެވެ.

މުހައްމާގެ އިސްލާހުގައި ވަނީ ކުށް ކުރީ ރައީސް، ވަޒީރެއް، ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް އަދި ފަނޑިޔާރެއްގެ މަގާމެއްގައި ހުރި ބޭފުޅަކު ކަމަށްވާ ނަމަ، އެ ކުށަކީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. ކުށް ސާބިތުވެއްޖެ ނަމަ، އެންމެ ގިނަވެގެން ދެވޭނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެންމެ ކުޑަ އަދަބެއްގެ ގޮތުގައި ދެވޭނީ އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ރައީސާއި ވަޒީރުންނާއި މަޖިލިހުގެ މެމްބަރުންނާއި ފަނޑިޔާރުން ފިޔަވައި ދެން ތިބި މީހުން ކުށް ކުރާ ހާލަތްތަކުގައި އެ ކުށަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެ އެވެ. އެހެންވެ، ކުށް ސާބިތުވެއްޖެ ނަމަ، އެންމެ ގިނަވެގެން ދެވޭނީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެންމެ ކުޑަ އަދަބެއްގެ ގޮތުގައި ދެވޭނީ ނުވަ މަހާއި 18 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

މުހައްމާގެ އިސްލާހުގައިވާ ގޮތުން މި ބިލަށް އަމަލު ކުރަން ފަށާނީ، ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް މަޖިލިހަށް ގާނޫނެއް ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.