އެންމެ މެމްބަރަކު ނެތިގެން ރިޔާސީ ކޮމިޝަންގެ ބިލަށް ވޯޓަށް ނޭހުނު

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވެގެން މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.


އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސް ކުރަން ބޭނުންވާ ނަމަ، މިހާރުގެ މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ތަޅުމުގައި ތިއްބަވަން މަޖުބޫރެވެ. އެކަމަކު މިއަދުގެ ޖަލްސާގައި މަދުވީ އެންމެ މެމްބަރެކެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރާ ޖަލްސާއެއްގައި 43 މެމްބަރުން ތިބެން ޖެހެނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ބިލުގައި ހުރުމުން އެފަދަ ބިލެއް ފާސްކުރަން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތުމުންނެވެ.

ނަމަވެސް، މިއަދުގެ ޖަލްސާ އަށް ހާޒިރުވެ ތިއްބެވީ 42 މެމްބަރުން ކަމަށްވާތީ، އެ ބިލަށް ވޯޓަށް ނާހައި، މާދަމާ ޖަލްސާއެއް އޮންނާނެކަން މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އިއުލާން ކުރައްވައިފަ އެވެ. އެހެންކަމުން، މާދަމާގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލުގެ އިތުރުން، ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހު ފާސް ކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވެގެން އެ ބިލަށް ވެސް ވޯޓަކަށް ނާހަ އެވެ. އެ ބިލް ފާސްކުރަން ވޯޓު ނަގާއިރު، 43 މެމްބަރުން ތިއްބަވަން ޖެހެ އެވެ.

މިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ދެ ބިލަށް ވޯޓަށް އަހަން ބެލި އިރު، ގާނޫނީ އަދަދަށް މެންބަރުން ޖަލްސާގައި ނެތުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި އިދިކޮޅު ޕީޕީއެމް މެމްބަރުން ވަނީ ޖަލްސާ ބޮއިކޮޓް ކުރައްވައިފަ އެވެ.

އެހެންކަމުން މިއީ، މި ދެ ބިލަށް ވޯޓަށް ނާހައި މަޖިލިސް ނިންމާލި ދެ ވަނަ ފަހަރެވެ.

ދެ ބިލަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލިޔަސް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހުށަހެޅި ބިލް މަޖިލިހަށް ބަލައިގަނެ، ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ވަނީ ފޮނުވައިފަ އެވެ. އަދި ބާ ކައުންސިލެއް އުފެއްދުމުގެ ބާރު ލިބޭ ގޮތަށް ހުށަހެޅި ގާނޫނީ ހިދުމަތުގެ ބިލާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް ވަނީ ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވާލައިފަ އެވެ.

އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން، ބިލް ހުށަހެޅުއްވި އިރު، ގާނޫނުއަސާސީ އާއި މިހާރު ހުރި ގާނޫނުތަކާ ފުށުއަރާ ބައިތައް ބިލުގައި ހުރި ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އަމާޒުވި އެވެ.

އިދިކޮޅު މެމްބަރުން ކުރިން ވަނީ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިހުގައި އިހްތިޖާޖު ވެސް ކުރައްވައިފަ އެވެ.

އިދިކޮޅު ފަރާތްތަކާއި ގާނޫނީ ބައެއް ވަކީލުންގެ ކަންބޮޑުވުންތަކާ ހެދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކޮމިޝަންތަކަށް ބާރު ލިބޭ ގޮތަށް ހުރި ބައެއް މާއްދާތައް ބިލުން އުނިކޮށްފަ އެވެ. އެކަމަކު އެވަރުން ވެސް އިދިކޮޅު މެމްބަރުން ހިތްހަމައެއް ނުޖެހެ އެވެ.