އިންޑިއާ އިން ރާއްޖެ އައި މީހެއްގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާ އިން ރާއްޖެ އައި މީހެއްގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.


ކަސްޓަމްސް އިން މިއަދު ބުނީ ދެ ކިލޯގެ މަސްތުވާތަކެތި ފެނުނީ އުމުރުން 24 އަހަރުގެ ދިވެއްސެއްގެ ލަގެޖް ތެރެއިން ކަމަށެވެ. އެ މީހާގެ އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު، ޕެކެޓެއްގައި މުށި ކުލައިގެ ދިޔާ ތަކެތި ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިދިޔަ ބުދަ ދުވަހު ރާއްޖެ ގެނައި މި ތަކެތި ކަސްޓަމްސް އިން އިތުރަށް ތަހުލީލް ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލައިގައި ޝާމިލްވާ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.