ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި އޮތީ މޮޅަށް ކުޅޭ ޓީމު ކަމަށާއި އިދިކޮޅު ޓީމު މޮޅުވާން ޖެހޭނީ ކުޅެގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިދިކޮޅު ފަރާތްތަކަށް މިރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަސީހު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ސިޔާސީ ދަނޑުގައި ކުޅެގެން މޮޅުވަނީ ރައީސް އަބްދުﷲ ޔާމީންގެ ޓީމު ކަމަށެވެ. އަދި 2018ގައި ރިޔާސީ ތަށި ލިބިވަޑައިގަންނަވާނީ ރައީސް ޔާމީނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފުޓްބޯޅަ މެޗެއްގައި ހިނގާ ކަންކަމުން މިސާލު ނަންގަވަމުން މަސީހު ވިދާޅުވި ގޮތުގައި އިދިކޮޅު ބޭފުޅުންނަށް ބޯޅަ ނުލިބުމުން، މަސައްކަތް ކުރައްވަނީ "ދަތިއަޅުވައި ވައްޓާލައިގެން" ބޯޅަ ހޯދުމަށެވެ. އަދި ކުޅިވަރުގެ ރޫހާ އެއްގޮތަށް އިދިކޮޅު ބޭފުޅުން ކުޅުއްވަން މަސައްކަތް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދިކޮޅު އެއްވެސް ބޭފުޅަކަށް ހިފަހައްޓާނުލެވިގެން މިދަނީ. ނުހިފެހެއްޓޭތީ މި ހަދާ ގޮތަކީ އަޅުގަނޑުމެން ބޯޅަ ހިފަހައިގެން ދާއިރު ސޯޓު ބާލަން އުޅެނީ. އަޅުގަނޑުމެންގެ ޖާޒީ ބާލަން އުޅެނީ، އެހެނެއް މޮޅެއް ނުވާނެ، މޮޅުވާން ޖެހޭނީ ކުޅެގެން،" މަސީހް ވިދާޅުވި އެވެ.
މަސީހު ވިދާޅުވީ ސަރުކާރު ހިނގަމުން ދަނީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެގެން ކަމަށާއި ރައީސް ޔާމީން ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވާނެ ކަމަށެވެ. ސަރުކާރު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުން ދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް މަސީހު ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ބަޣާވާތަކުން ސަރުކާރު ބަދަލު ކުރަން ކުރާ މަސައްކަތްތަކާ ދެކޮޅަށް، ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވެރިކަމެއް ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެކަން ކުރަން ޖެހޭނީ ރައްޔިތުން މަޖިލީހުން ވޯޓު ނަގައިގެންނެވެ. އެ ނޫން ގޮތަކަށް ވެރިކަން ބަދަލުކުރުމަކީ ބަޣާވާތް ކުރުން ކަމަށާއި ސަލާމަތީ ބާރުތަކުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ރަނގަޅަށް މި ދަނީ ސިޔާސީ މަސްރަހުގައި ކަންތައް ހިނގަމުންދާ ގޮތް ވަރަށް ރަނގަޅަށް ބަލަމުން، އަސްކަރިއްޔާ އާއި ސަރުކާރުގެ ބާރުތައް ހުރި ހުރިހާ މުއައްސަސާއެއް ގުޅި މިއޮތީ ލާމެހިފައި، އަސްކަރިއްޔާގެ ބާރުތަކުން ސަރުކާރު ބަދަލުކުރުމަށް ފުރުސަތެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.