ޕީޕީއެމްގެ އައްޑޫ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް، އެމްޑީޕީ އަށް ވޯޓް ދެއްވާ: ނަަޝީދު

އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިހަށް އައްޑޫގެ ދާއިރާތައް ތަމްސީލު ކުރަން އެމްޑީޕީން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް އިދިކޮޅު ޕީޕީއެމްގެ އައްޑޫގެ ހުރިހާ ސަޕޯޓަރުން ވެސް ވޯޓު ދިނުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ.


އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީން ސ. މަރަދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އައްޑޫގެ ހަތް ދާއިރާ އަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޕީޕީއެމްގެ އައްޑޫ ސަޕޯޓަރުން ވެސް ވޯޓު ދޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ނަޝީދު ވިދާޅުވި ގޮތުގައި ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުންނަށް އައްޑޫ މީހުން ވޯޓު ދޭން ޖެހޭ ސަބަބެއް ވެސް ނެތެވެ. އެގޮތުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިިރު، ތަރައްގީ އާއި ކުރިއެރުން ގެނެސް ދިނުމުގެ ވިސްނުމުގައި އައްޑޫގައި ހިންގާފައިވާ އެއްވެސް މަޝްރޫއެއް ފެންނަން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމާ ވަކިން ހާއްސަކޮށް އެމްޑީޕީގެ މި ހަތް ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އިހުލާސްތެރިކަމާ އެދެން،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އައްޑޫ ރައްޔިތުން ގާތުގައި އަހާލަން ބޭނުން ވިސްނަވާށޭ މިދިޔަ ފަސް އަހަރު ހަގީގަތުގައި މި ސިޓީ އަށް ރައީސް ޔާމީން ކޮށްދެއްވި [ކަމަކީ ކޮބައިތޯ؟]. އަޅުގަނޑަށް ވެސް އެބަ ފެނޭ ފޭދޫގައި ބިން ހިއްކާފައި އޮތް ތަން. އެހެން ނަމަވެސް މި ސިޓީ ތަރައްގީކޮށް ކުރިއެރުވުމުގެ ވިސްނުމާ އެކު ހިންގާފައިވާ އެއްވެސް ކަމެއް ފެންނާކަށް ނެތް."

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ވައުދުތައް ވެ، އެ ވައުދުތައް ފުއްދާ ޕާޓީ އެކެވެ. އެހެންވެ، މި އާންމު އިންތިޚާބުގައި ވޯޓު ދިނުން ހައްގީ ތަރައްގީގެ ތަސައްވުރުގައި މަސައްކަތް ކުރާ ބަޔަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ޕާޓީތަކުގެ ވައުދުތަކަކީ ރަނުން ރަނަށް އިދާރަކުރެއްވިއްޔާ އަޅުގަނޑުމެން ފުއްދާނެ ވައުދުތަކެއް. އެއީ ހިސާބު ޖަހާފައި އަންދާޒާ ކޮށްފައި ވެފައިވާ ވައުދުތަކެއް،" ނަޝީދު ވިދާޅުވި އެވެ.

"އެ ވައުދުތައް ފުއްދުމަށްޓަކައި މަޖިލިސް ނަވާރަ ވެގެން ދާނީ އެންމެ މުހިއްމު ވަސީލަތަށް."

މި އިންތިޚާބުގައި އައްޑޫގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ މިހާރު ވެސް ހިތަދޫ އުތުރު ދާއިރާ ތަމްސީލު ކުރައްވާ މުހައްމަދު އަސްލަމާއި މަރަދޫފޭދޫ ދާއިރާ މިހާރު ވެސް ތަމްސީލު ކުރައްވާ ރޮޒައިނާ އާދަމާއި ހުޅުދޫ ދާއިރާ އަށް ވާދަ ކުރައްވާ އަދި ކުރިން ވެސް އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އިލްޔާސް ލަބީބާއި މަރަދޫ ދާއިރާ މިހާރު ވެސް ތަމްސީލު ކުރައްވާ އިބްރާހީމް ޝަރީފް (މަވޯޓާ) އާއި ހިތަދޫ ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އިބްރާމް ނާޒިލް އާއި ހިތަދޫ މެދު ދާއިރާ އަށް ނުކުންނަވާ އަހުމަދު ރަޝީދު (ޗެކްމާކް އަަހުމަދު) އަދި ފޭދޫ ދާއިރާ އަށް ވާދަކުރައްވާ މުހައްމަދު ނިހާދެވެ.

މި ކެންޑިޑޭޓުން ވެސް މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އެވެ.