ހެލްމެޓް އަޅައިގެން ފޭރުނު މައްސަލާގައި ހިމެނޭ ބޮޑު ދެ މީހުން ދޫކޮށްލައިފި

ހެލްމެޓް އަޅައިގެން ތިބެ، މާލޭގައި މީހަކަށް ވަޅިން ބިރު ދައްކައި 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.


ބީއެޗްއެމް ޓްރޭޑާސްގެ އެ ފައިސާތައް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގޮސް ހުއްޓަކައި ފޭރިގަތީ އިންޑިއާގެ މީހެއްގެ އަތުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ބަންދުގައި މިހާރު ތިބީ 18 އަހަރުން ދަށުގެ ދެ ކުދިން އެކަނި ކަމަށެވެ. ބޮޑު ދެ މީހުން ދޫކޮށްލީ ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ ދެ މީހުން ދޫކޮށްލީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 23 އަހަރުގެ ދެމީހުންނާއި 18 އަހަރުން ދަށުގެ ދެ ކުދިންނެވެ. އެ މީހުންނާ ގުޅޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހުން ފޭރުނު ފައިސާ ހޯދުނު ކަމެއް އަދިއެއް ނޭނގެ އެވެ.

ހެލްމެޓް އަޅައިގެން ތިބެ ހިންގި ފޭރުމުގެ އެ ހާދިސާ އަކީ ސިނަމާލެ ބްރިޖާއި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭގައި ދުއްވާއިރު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހެލްމެޓް އަޅަންޖެހޭ ގޮތަށް ސަރުކާރުން ހަމަޖެއްސި ފަހުން ހިނގި ފުރަތަމަ ހާދިސާ އެވެ. ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ފޭރުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ފޭރޭމީހުންގެ އަމާޒަކީ ބޮޑެތި އަދަދުތަކުން ފައިސާ ހިފައިގެން ދާ މީހުންކަން ހިނގާފައިވާ ގިނަ ހާދިސާތަކުން އެނގެ އެވެ.