ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ ކޯމާއެއްގައި

ތ. ތިމަރަފުށީގައި އިއްޔެ ހިނގި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު އަންހެން މީހާގެ ހާލު ސީރިއަސްވެ، އޭނާ އޮތީ ކޯމާއެއްގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.


މި އެކްސިޑެންޓުގައި އަނިޔާވީ ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްގެ މައިދައިތަ އެވެ.

މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ އުމުރުން 52 އަހަރުގެ ޒުލޭޚާ އަބްދުލް ޣަނީގެ ބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް، ސިކުނޑި އަށް ވަނީ ލޭ އެޅިފަ އެވެ. ފަސް ކުދިންގެ މަންމަ ޒުލޭޚާ ނޭވާލަމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

ގިޔާސް "މިހާރު" އަށް މިއަދު ވިދާޅުވީ، މައިދައިތަގެ ސިކުނޑީގެ އޮޕަރޭޝަނެއް ވަނީ ރޭ ކޮށްފައި ކަމަށެވެ. މައިދައިތަގެ މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކައްޓެއް އަދި ދެ ދަތް ވެސް ވަނީ ބިނދިފައި ކަމަށް ގިޔާސް ވިދާޅުވި އެވެ.

ވަންދު އަށް އުފަން ޒުލޭޚާ ތިމަރަފުށްޓަށް އިއްޔެ ދިޔައީ އޭނާގެ އާއިލާގެ ބަޔަކު މާލެއިން އަންނާތީ، އެ މީހުން ބަލާ ކަމަށް ގިޔާސް ވިދާޅުވި އެވެ.

އެކްސިޑެންޓުވީ، ތިމަރަފުށީ އެއާޕޯޓަށް ދާ މަގުގެ އެއްފަރާތުން ޒުލޭޚާ ހިނގާފައި ދަނިކޮށް، ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި، އޭނާގެ ގައިގައި ޖެހުމުންނެވެ.

"އެކްސިޑެންޓު ވީ ފަހުން [ޒުލޭޚާ] ހެއެއް ނާރާ. ހާލަށް ބަލާފައި އިތުރު ފަރުވާ ދޭނެ ކަމަށް ބުނީ،" ގިޔާސް ވިދާޅުވި އެވެ.

މި އެކްސިޑެންޓުގައި އެހެން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް އެ ވޭނުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ އެވެ.

އެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާލޭގެ ސެނަހިޔާ ކައިރީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް ޓެކްސީ އަކުން ޖެހި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ އަށް އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެ އެކްސިޑެންޓުގައި، ޓެކްސީ ދުއްވި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހުއްދަ ބާތިލްކޮށްފަ އެވެ. އަދި އެ ޑްރައިވަރަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފެ އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 46 އަހަރުގެ އަންހެންމީހާ އަކީ 18 މަހުގެ ކުއްޖެއްގެ މަންމަ އެކެވެ. އޭނާގެ ސިކުންޑި އަށް ލޭ އެޅި އަދިވެސް އޮތީ ނާޒުކް ހާލަތެއްގަ އެވެ.