ގާސިމްގެ ނިންމެވުމަކީ ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރުކުރަން ރައީސަށް އަރުވާ ހަދިޔާއެއް: އަމީން

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ގާސިމް އަރުވާ ހަދިޔާއެއް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.


ގާސިމްގެ ނިންވެވުމާ ގުޅިގެން ޖޭޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ބެހޭ ގޮތުން އަމީން "މިހާރު" އަށް ވިދާޅުވީ، ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ގާސިމް ނިންމެވުމަކީ ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރު ކުރަން ރައީސަށް އަރުވާ ހަދިޔާކަން ފަހުން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ގާސިމްގެ ނިންމެވުމާ އެކު، ޖޭޕީގެ އިސް ބައެއް ބޭފުޅުން ދެކޮޅު ހައްދަވައި ފާޅުގައި ވަނީ ވާހަކަ ދައްކަވަން ފައްޓަވައިފަ އެވެ.

އޭގެ ތެރޭގައި އެންމެ އިސްކޮށް އުޅުއްވަނީ ގާސިމްގެ ހަގު އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ނަމަވެސް ޖޭޕީގެ ޓިކެޓުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ބޭއްވެވި ކެމްޕެއިން ހަފުލާގައި އާއިޝާ ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި އެވެ. އެކަމަކު، ގާސިމްގެ އެހީތެރިކަމާ އެކު، ކެބިނެޓަށް ވަޑައިގެންނެވި އަލީ ވަހީދު ވަނީ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އޭނާގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ޖޭޕީ އާއި އެ ޕާޓީގެ ތާއީދު އޮތް ކެންޑިޑޭޓުންގެ ބަދަލުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފަ އެވެ.

ޖޭޕީގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތަކާ ގުޅިގެން، އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާސިމްގެ އަގު ވެއްޓޭ ގޮތަށް އެ ޕާޓީގެ ބައެއް މެމްބަރުން ވާހަކަ ދައްކަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އޭނާ ވަނީ ގާސިމްގެ ނިންމެވުން ހަރުދަނާ ނުވި ނަމަ، ޖޭޕީ ބައިވެރިވާ ސަރުކާރެއް ގެނެސް އެ ޕާޓީގެ މީހުން ހިމެނޭ ސަރުކާރެއް ގެނެވިދާނެތޯ ސުވާލު އުފައްދަވައިފަ އެވެ.

ގާސިމާއި ފައިސަލް ނަސީމް: ލ. އަތޮޅަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ފައިސަލް އިއްޔެ ބައިވެރިވެވަޑައިގެންނެވި.---ފޮޓޯ: މިހާރު

އަމީން ވިދާޅުވި ގޮތުގައި، ޖޭޕީން ބޭރު ޕާޓީތަކުގެ އެހީތެރިކަން މި ފަހަރުގެ މަޖިލިސް އިންތިޚާބަށް ހޯއްދަވަން ގާސިމަށް ޖެހިވަޑައިގަތީ ކޯލިޝަން އެއްބަސްވުމެއް ނެތް ކަމަށް ބުނެ މަޖިލިހުގެ ހުރިހާ ގޮނޑި އަކަށް އެމްޑީޕީން ވާދަކުރަން ނިންމުމުންނެވެ. އެއީ މައްސަލަ އުފެދުމުގެ އަސްލު ކަން ހަނދާން ކޮށްދެމުން އަމީން ވިދާޅުވީ 2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގެ ނަތީޖާ ނުކުތް ގޮތް ވެސް ފެނިފައިވާނެ ކަމަށެވެ.

"ކޯލިޝަން އެގްރީމަންޓާ ޚިލާފަށް އެމްޑީޕީން 86 ދާއިރާ އަށް ނުކުމެ މުޅި ގައުމު ހިސާރު ކުރަންދެން މަޑުން ތިބެންވީ ތޯ؟ އެއީ ތޯ ގައުމާއި އަޅުގަނޑުމެންނަށް އެންމެ ފައިދާ ހުރި ގޮތަކީ؟ މި ހާލަތުގައި ޖޭޕީ، ޕީޕީއެމް އަދި އަދާލަތު ޕާޓީގެ މެމްބަރުންގެ ތެރެއިން ހިޔާލު ތަފާތުވެ، ޔާމީން އަބްދުލްގައްޔޫމާ އެކު ދިޔަ މެމްބަރުންގެ އެހީތެރިކަން ނުހޯދައި ދޫކޮށްލަން ވީ ތޯ؟،" އަމީން ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއާ އެކު ޖޭޕީން ހަރަކާތްތެރިވާން ފެށުމުން ވެސް ބަޔަކު ފާޑުކިޔަމުން ދިޔަ އެވެ. އަދި އެމްޑީޕީން ޖޭޕީ އަށް މިއަދު މަލާމާތް ކުރާ ބީދައިން އެ ދުވަހު ޕީޕީއެމުން ވެސް މަލާމާތް ކުރި ކަމަށް އަމީން ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގައި ޖޭޕީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކޮށްދިނުމަށް އެ ޕާޓީގެ މެމްބަރުންގެ ކިބައިން ގާސިމް ވަނީ އެދިވަޑައިގެންފައި.---ފޮޓޯ؛ މިހާރު

"އެގޮތަށް [ޖޭޕީ] ނުނިންމި ނަމަ މިއަދު ގައުމާއި އަޅުގަނޑުމެން މި ދެކޭ އުފާވެރިކަން ފެނުނީސްތޯ؟ އަޅުގަނޑުމެންގެ ބުރަދަން އެބަހުރިތޯ ލީޑަރު ދޫކޮށްލާފައި ނުކުތުމުގެ. ހުރި ނަމަ ހުރި ބުރަދަނަކީ ލީޑަރުގެ ނިންމުން ގަބޫލު ކުރުމުން ހުރި ބުރަދަނެއް. މިކަން ދަންނަން ވާނެ އެންމެން ވެސް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާސިމްގެ ނިންމެވުމަކީ އަނިޔާވެރިކަމާއި ކޮރަޕްޝަނަށް އާނއެކޭ ބުނުން ނޫން ކަމަށެވެ.

"އިންސާފަށް ދެކޮޅުވުމެއް ވެސް ނޫން. ލީޑަރުގެ މި ނިންމެވުމަކީ ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އަރުވާ ހަދިޔާއެއް. މިކަން ފަހުން ގަބޫލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.