މާލޭގައި ބަނގުރާ "ފެކްޓަރީއެއް"! 800 ފުޅި ރާ އަތުލައިގެންފި

މާލޭ ގެއެއްގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ކައްކައި އޭގެ ވިޔަފާރި ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަށް މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.


މިއީ މިހާ ގިނަ އަދަދެއްގެ ބަނގުރަލާ އެކު މާލޭން ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

ރާ ފެކްޓަރީއެއްގެ ގޮތުގައި އެތަން ސިފަކުރެވެނީ ބަނގުރާ އަޅާފައި ހުރި 800 އަށް ވުރެ ގިނަ ފުޅި ފެނުމުންނެވެ. ފެން ހުސްކޮށްފައި ހުރި 500 އެމްއެލްގެ 888 ފުޅީގައި ބަނގުރާ އަޅާފައި ހުރި ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

އޭގެ އިތުރުން ބަނގުރާ އަޅާފައި ހުރި ފަސް ލީޓަރުގެ ހަ ޕްލާސްޓިކް ފުޅި އާއި 14 ޓައްޕު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

މާލޭ ގެއަކުން ފުލުހުން އަތުލައިގެން ބަނގުރާ: މިއީ މާލޭން މިހާ ގިނަ ބަނގުރާ އަތުލައިގެން ފުރަތަމަ ފަހަރު-- ފޮޓޯ: ފުލުހުން

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި މައްޗަންގޯޅީގައި ހުރި އެ ގެއިން ހައްޔަރުކުރީ 21 އަހަރާއި 33 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނުން ކަމަށެވެ.

ފުލުހުންގެ މި އޮޕަރޭޝަން މިއައީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެގޮތުން މި ފަހުން ވަނީ ތިން ގެއެއް ފާސްކޮށް މަސްތުވާތަކެއްޗާ އެކު 52 މީހުން ހައްޔަރުކޮށްފަ އެވެ. އެ ދެ ފަހަރު އެންމެ މީހަކު ނޫނީ ދިން ތިބީ މުޅިން ވެސް ދިވެހިންނެވެ.