އިންޑިއާ އިން ރާއްޖެއަށް ހިލަ އާއި ހިލަވެލި އަދި އެހެނިހެން އަސާސީ ތަކެތި އެތެރެކުރުމުގެ ކޯޓާ އެ ގައުމުން ތިން އަހަރަށް އިތުރުކޮށްދީފި އެވެ.
އަސާސީ ތަކެތި އެތެރެކުރުމަށް އޭޕްރިލް 1 އިން ފެށިގެން ތިން އަހަރު ދުވަހަށް ކޯޓާ ދޫކުރަން ނިންމިކަން އިއުލާނުކުރެއްވީ ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖެވެ.
ހިލަ އާއި ހިލަވެލީގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް އެތެކުރާ އަސާސީ ތަކެއްޗަކީ އަލުވި، ފިޔާ އަދި މުގެވެ. މީގެ ތެރެއިން ހިލަ އާއި ހިލަވެލި ފިޔަވައި އެހެން ތަކެތި އެތެރެކުރުމުގެ ކޯޓާ މީގެ ކުރިން ކޮންމެ އަހަރަކު އާކުރަން ޖެހެ އެވެ. ހިލަ އާއި ހިލަވެލީގެ ކޯޓާ އިންޑިއާ އިން އާ ނުކޮށްދީ އޮންނަތާ މިހާރު ދެ އަހަރު ވެއްޖެ އެވެ.
އަސާސީ ތަކެތީގެ ކޯޓާ އިތުރުކޮށްދިނުމުގެ އިތުރުން އެކި ދާއިރާތަކުން އިންޑިއާގެ އެެހީތެރިވާނެކަން ސުޝްމާ ހާމަ ކުރެއްވި ކަމަށް ދެ ގައުމުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުންޏެވެ. އެ ބަޔާނުގައި ބުނީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރަން އިންޑިއާ އިން މެދު ނުކެނޑި އެހީތެރިވާނެކަން ސުޝްމާ ހާމަ ކުރެއްވި ކަމަށެވެ. ސިއްހީ ދާއިރާ ތަރައްގީކުރަން އެހީތެރިވުމުގެ ގޮތުން އެ ގައުމުން ކޮށްދޭނެ ކަމަކީ މީހުން ބިނާކުރުމާއި އިކުއިޕްމެންޓް ފޯރުކޮށްދިނުމެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ބޭއްވެވި ދެ ގައުމުގެ މަޝްވަރާތަކުގެ އިތުރުން ރާއްޖޭގެ މިނިސްޓަރުންނާ އެކު ވެސް އިންޑިއާގެ ވަފުދުގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ރާއްޖެއަށް ވަަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ އެކި މިނިސްޓަރުން ވަނީ ގިނަ އިންޑިއާ އަށް ދަތުރުތައް ކުރައްވައިފަ އެވެ. ބައެއް މިނިސްޓަރުން ވަނީ އެއް ފަހަރަށް ވުރެ ގިނައިން ވެސް އެ ގައުމަށް ރަސްމީ ދަތުރުތައް ކުރައްވައިފަ އެވެ.