ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މާލޭގައި ފަށަނީ

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މާލޭގައި ފެށުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ރިޔާސީ އިންތިޚާބުގައި މާލޭން އެ މަނިކުފާނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

އަމީނިއްޔާ ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލެއަކީ ބަޔަކު ދިރިއުޅެން ރަނގަޅު ނުވާނެ ހުރިހާ ސިފައެއް ހުރި މުޖުތަމައުއެއް ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އާއި ޓްރެފިކް ފަދަ މައްސަލަތައް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އެކަންކަން ބަދަލު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދަކަށް ވާއިރު ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މާލެއަކީ ސާފު ރަނގަޅު ތަނަކަށް ހެދުމަކީ އަޅުގަނޑުމެންގެ ވައުދެއް. މާލެ އަކީ ހިތް ފަސޭހަތަނަކަށް ވެގެންދާތަން ފެނިގެން ދާނެ،" ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އިންތިޔާޒް ފަހުމީގެ ކެމްޕެއިން ޖަލްސާގެ ތެރެއިން. -- ފޮޓޯ: އެމްޑީޕީ

މާލެ އަށް ބަދަލު ގެނައުމަށްޓަކައި ވިޔަފާރި ބަނދަރާއި އެ ސަރަހައްދުގެ ވިޔަފާރިތައް ތިލަފުއްޓަށް ބަދަލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު އެ ސަރަހައްދަށާއި މުޅި މާލެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރަކީ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް އައި ސަރުކާރެއްކަން ތަކުރާރުކޮށް ފާހަގަ ކުރައްވައި އޭގެ ތެރެއިން އެއްވެސް ބައެއްގެ މަތިން ހަނދާން ނުނެތޭނެ ކަމަށް މިރޭ ވެސް ވިދާޅުވެފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ގިނަ ވައުދުތަކަކާ އެކު ކަމަށްވާއިރު އެކަންކަން ހަގީގަތަކަށް ހެދުމަށް މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަކީ އެކަން ކޮށްދިނުމަށް އެއްބަސްވެ އެ އަޒުމުގައި ތިއްބެވި ބޭފުޅުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމްޑީޕީން ވަރަށް ދަތި ދުވަސްތަކެއް ތަޖުރިބާ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ދުވަސްވަރު އެ މަނިކުފާނާ އެކު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނަކީ އެމަނިކުފާން ދޫނުކުރައްވާނެ ބޭފުޅުން ކަމަށް ވިދާޅުވެ ޖަލްސާގައި ތިއްބެވި އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ނަންތައް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި އިންތި އާއި އަހުމަދު ޝާހިދު (ސާބެ) އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެމްޑީޕީ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމްގެ ނަން ފާހަގަ ކުރެއްވި އެވެ.