މާލެ ކައިރިން ދަތުރުދާނެ ރަށެއް ވަރަށް އަވަހަށް ހަމަޖައްސާނަން: ރައީސް

މީހުން ދަތުރު ދިއުމަށް މާލެ ކައިރިން ވަރަށް އަވަހަށް ރަށެއް ހަމަޖައްސަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ގިނަ ކަންތައްތަކެއް ވަރަށް އަވަހަށް ކުރައްވާނެ ކަމަށެވެ. އެގޮތުން ރަނގަޅު ހިދުމަތްތަކާ އެކު މާލެ ސަރަހައްދުން ދަތުރު ދިއުމަށް ވަރަށް އަވަހަށް ރަށެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، އެއީ ކޮން ރަށެއް ކަމެއް ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.

މާލެ ސަރަހައްދުގައި ދިވެހިން ދަތުރު ދާން ބޭނުންކުރި ހުރިހާ ރަށެއް ޓޫރިސްޓް ރިސޯޓަށް ވަނީ ހަދައިފަ އެވެ. އޭގެ ތެރޭގައި ކުޑަބަނޑޮހާއި މާދޫފިނޮޅާއި ފޭދޫ ފިނޮޅު ހިމެނެ އެވެ. އެހެންވެ، ޕިކްނިކް ދިއުމަށް ހާއްސަ ރަށްތަކެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މިރޭގެ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: ވަރަށް އަވަހަށް ދަތުރުދާނެ ރަށެއް މާލެ ސަރަހައްދުގައި ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި-- ފޮޓޯ: އެމްޑީޕީ

އާ ސަރުކާރުގެ 100 ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި މާލޭގެ ރައްޔިތުން ހަފުތާ ބަންދުގައި އާއިލާއާ އެކު ދަތުރު ދިޔުމަށް މާލެއާ ކައިރިން ރަށެއް ހާއްސަ ކުރުމަށް ވަނީ ނިންމައިފަ އެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ނުލިބިވާ މީހުންނަށް ހިޔާވަހިކަން ހޯދައިދިނުމަށް ވަރަށް އަވަހަށް ހައުސިންގެ ބޮޑު މަޝްރޫއެއް އިއުލާން ކުރައްވާނެ ކަމަށް ވެސް ރައީސް މިރޭ ވަނީ ވިދާޅުވެފަ އެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް މާލެއަކީ ނޭވާލާން ފަސޭހަ ތަނަކަށް ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިސަރުކާރު އައީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވުމަށްފަހުގައި ކަމަށްވާއިރު އެކަން ކުރުމަށް މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް މިރޭ ވެސް ރައީސް ވިދާޅުވި އެވެ. އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓުން ތިއްބެވީ އެކަން ކޮށްދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އީވާ އަކީ އިސްލާހީ މަސައްކަތުގައި ބުރަކޮށް އުޅުއްވާފައިވާ ބޭކަނބަލެއް ކަމަށް ވިދާޅުވެ ރައީސް ވަނީ އޭނާ މަޖިލީހަށް އިންތިޚާބު ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.