ވެލާ ހިންގާ ކުންފުންޏާ ދެކޮޅަށް ކުރާ ދައުވާއާ ގުޅިގެން މުވައްޒަފުންގެ ޕެޓިޝަނެއް ރައީސަށް ހުށަހަޅައިފި

ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށް ދިން ގަސްތަކަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ އެ ރިސޯޓް ހިންގާ ކުންފުންޏާ ދެކޮޅަށް މީހަކު ކުރާ ދައުވާއާ ގުޅިގެން އެ ރިސޯޓްގެ މުވައްޒަފުންތަކެއް ކަންބޮޑުވުން ފާޅުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.


ފުށިވެލާވަރު ރިސޯޓް ހިންގާ ގެލްޑޯނިއާ މޯލްޑިވްސްއާ ދެކޮޅަށް މީހަކު ދައުވާކުރަނީ އެ ރިސޯޓަށް އޭނާ ފޮނުވައިދިން ގަސްތަކަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ. ށ. ފޯކައިދޫ އައްސޭރި، އަހުމަދު އަޝްފާގު އެ މައްސަލާގައި ދައުވާ ކުރަނީ ގަސްތަކުގެ އަގާއި އެ ފައިސާ ނުދެއްކުމުން ލިބުނު ގެއްލުމުގެ ބަދަލާ އެކު 2.2 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން 2015 ގައި ނިންމާފައި އޮތީ އެ ދައުވާ ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ އަޝްފާގުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން 2016 ގައި ވަނީ އެ މައްސަލަ އަލުން ދަށު ކޯޓުން ބެލުމަށް އަމުރުކޮށްފަ އެވެ.

ހައި ކޯޓުގެ އެ ނިންމުން ގްލެޑޯނިއާ ކުންފުނިން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އެ މައްސަލައާ ގުޅިގެން އެ ރިސޯޓްގެ މުވައްޒަފުން ސޮއިކޮށް، މިދިޔަ ހަފުތާގައި ރައީސަށް ފޮނުވި ޕެޓިޝަންގައި ވަނީ ގަސްތައް ފޯރުކޮށް ދިނުމާ ގުޅޭގޮތުން އަޝްފާގާ އެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ރިސޯޓް ހެދުމުގެ މަސައްކަތް ކުރިއިރު އުޅުނު ބައެއް މުވައްޒަފުން ވެސް އެގޮތަށް ބުނާ ކަމަށް އެ ޕެޓިޝަންގައިވެ އެވެ.

އެ ޕެޓިޝަންގައި ވަނީ އެ މައްސަލާގައި ގްލެޑޯނިއާ މެދު ބޭއިންސާފުން އަމަލު ކުރެވިއްޖެ ނަމަ، އެ ކުންފުނީގެ ވެރިފަރާތުން އެ ވިޔަފާރިއާ މެދު ޝައުގުވެރިކަން ގެއްލިގެން ދިއުމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންވެއްޖެ ނަމަ، ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ދޭ ލިބެމުންދާ އެކި އިނާޔަތްތަކާއި ލުއިތަކަށް އަސަރުކޮށް، މުވައްޒަފުންނަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ޕެޓިޝަންގައިވެ އެވެ.

އެ ޕެޓިޝަންގައި ރައީސްގެ ކިބައިން އެދިފައިވަނީ އެކަން ރައީސްގެ ފަރާތްޕުޅުން ރަނގަޅަށް ބައްލަވައި ދެއްވުމަށެވެ. އަދި އެ ކުންފުންޏަށް އިންސާފު ހޯދައި ދިނުމުގައި މުވައްޒަފުން ދެމި ތިބޭނެ ކަމަށް ވެސް 300 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް، ހުށަހަޅާފައިވާ އެ ޕެޓިޝަންގައިވެ އެވެ.

ގްލެޑޯނިއާ އިން ކޯޓުގައި ބުނަމުންދަނީ އެ ރިސޯޓަށް ގަސް ފޯރުކޮށް ދިނުމާ ބެހޭގޮތުން އަޝްފާގާ އެކު އެއްބަސްވުމެއް ނޯންނާނެ ކަމަށާއި އެ ރިސޯޓަށް ގަސްތައް ގެނެސްދިނީ އެހެން މީހަކު ކަމަށެވެ. އަދި އެ ގަސްތައް ގެނެސްދިން ފަރާތަށް ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ކުރިން އޮތީ ދައްކާފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.