މުޣުނީ އަށް އެމްޑީޕީން އަލުން ތާއީދުކޮށްފި

ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީގެ ތާއީދު އަނބުރާ ގެންދިޔަ ކެންޑިޑޭޓް އަބްދުލް މުޣުނީ އަށް އެ ޕާޓީން އަލުން ތާއީދު ކުރަން ނިންމައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ތިނަދޫ އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބްދުލް މުޣުނީއަށް ތާއީދު ނުކުރާނެކަން އިއުލާން ކުރުމަށް ފަހު އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންތަކެއް ތިނަދު އަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވަނީ އޭނާ އަކީ އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ބަލައިގެންފަ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި މުޣުނީގެ ކަރުގައި، އެޖެންޑާ 19 ގައި ސޭޝް އަޅުވައި ދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކުރީގެ އަންހެނުންނަށް އަނިޔާ ކުރި ކަމުގެ ތުހުމަތު އެޅިފައިވާ މުޣުނީ އަށް ތާއީދު ކުރަން އެމްޑީޕީން މި ނިންމީ، އެފަދަ ތުހުމަތެއް ކުރެވޭ ކެންޑިޑޭޓެއްގެ ކެމްޕޭންގައި އެ ޕާޓީން ބައިވެރިނުވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.

ކެމްޕޭނަށް ނަޝީދު މިއަދު ތިނަދު އަށް ވަޑައިގަތުމުން ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި އިސްކޮށް އުޅުއްވީ މުޣުނީ އެވެ.

ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި އެކު ނަޝީދު ސްޓޭޖްގައި

މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި އެ ވާހަކަ އޭނާ ހިއްސާ ކުރުމުންނެވެ. މީގެ 11 އަހަރު ކުރިން ހިނގާފައިވާ އެކަންތައްތަކާ ގުޅޭގޮތުން އެ އަންހެން މީހާ ބުނެފައި ވަނީ އެ މައްސަލަތައް ފުލުހުންނަށް އޭރު ހުށަހަޅާފައިވާ ކަމަށެވެ.

އެކަމަކު މުޣުނީއާ ގުޅުން ހުރި އެއްވެސް ގެވެށި އަނިޔާގެ މައްސަލައެއް ހުށަހަޅާފައިވޭތޯ ބެލުމަށް އޭނާ ފުލުހުންނަށް ފޮނުވި ސިޓީ އަށް މިދިޔަ ހުކުރު ދުވަހު ފުލުހުން ދިން ޖަވާބުގައި ބުނެފައިވަނީ މުޣުނީގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް އެއްވެސް އިރެއްގައި ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އޭގެ ފަހުން ވެސް އެމްޑީޕީން ބުނެފައި ވަނީ މުޣުނީގެ ތާއީދު އަނބުރާ ގެންދަން ނިންމި ނިންމުން ބަދަލެއް ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ނިންމުމާ ގުޅިގެން މުޣުނީ ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކަށް ހަމައެކަނި ބަލައި، ސުވާލެއް ވެސް ކުރުމެއް ނެތި އެމްޑީޕީގެ ތާއީދު އަނބުރާ ގެންދިއުމަކީ ހިތާމަ ކުރައްވާ ކަމަށެވެ.

"ޕާޓީގައި އެބަހުރި އެކަހަލަ ތުހުމަތެއް ކޮށްފިއްޔާ ބެލޭނެ ގުނަވަންތައް. އަޅުގަނޑަށް ސުވާލެއް ވެސް ކުރުމެއް ނެތި މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަކުރަން. މީހަކު ސޯޝަލް މީޑިއާގައި ކޮށްލާ ޓްވީޓަކަށް އަޅުގަނޑުގެ ބަހެއް ނެތި، އެމްޑީޕީ ކަހަލަ ތަސައްރަފު ފުދިފައިވާ ޕާޓީއަކުން މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރަން،" އެ މައްސަލަ ފެންމަތިވި ދުވަސްކޮޅު މުޣުނީ ވިދާޅުވި އެވެ.

މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ.