ކެމްޕެއިންގައި ނުރަނގަޅު މީހެއްގެ ފަހަތުގައި ނުހުންނާނަން: ނައިބު ރައީސް

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިންގައި ހުންނަވާނީ ރަނގަޅު ކެންޑިޑޭޓުންގެ ފަހަތުގައި ކަމަށާއި ނުރަނގަޅު މީހެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.


އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ނ. ވެލިދޫ ދާއިރާ އަށް ވާދަކުރައްވާ، މުހައްމަދު އަބްދުﷲ ޝަފީގް (ފިއެސް މޯޑު) ގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ނައިބު ރައީސް ވިދާޅުވީ މަޖިލިހަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރާނެ ބަޔަކު އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ.

މަޖިލިހަށް ހޮވޭ ހަމައެކަނި ބޭނުމަކީ ރައްޔިތުންނަށް ވަފާތެރިކަމާއި ނަޒާހާތްތެރިކަމާ އެކު ހިދުމަތް ކުރުން ކަމަށް ވާއިރު، ރަނގަޅު ބޭފުޅުން މަޖިލިހަށް އިންތިޚާބު ނުކުރެވިއްޖެ ނަމަ، ރައްޔިތުން މާދަމާ އެކަމާ ހިތާމަ ކުރަން ޖެހޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"މަޖިލިހަށް އަންނަނީ އަމިއްލަ ކަންކަން، މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ކުރާކަށް ނޫން،" މަޖިލިހުގައި ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި ފައިސަލް ވިދާޅުވި އެވެ.

"އެހެންވީމާ، މި ކަހަލަ ޕޯޑިއަމްތަކަށް، މި ކަހަލަ ސްޓޭޖްތަކަށް ތި ފަދަ ބޭފުޅުންނާ ކުރިމަތިލެވެނީ މި ސްޓޭޖްތައް ވެސް ރަނގަޅުވީތީވެ، ތިޔަބޭފުޅުން ވެސް ރަނގަޅުވީމަ."

ނައިބު ރައީސް އެގޮތަށް ވިދާޅުވި އިރު، ލ. އަތޮޅަށް އެމަނިކުފާނު ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓުންތަކަކަށް ތާއީދު ކުރެއްވި މައްސަލަ ފައިސަލް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ތެރޭގައި ވަނީ ހޫނުވެފަ އެވެ. އެނގިފައިވާ ގޮތުގައި، ޖޭޕީގެ ޓިކެޓުގައި ކުރިމަތިލައްވާ ބައެއް ކެންޑިޑޭޓުންނާ މެދު ނައިބު ރައީސް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވަ އެވެ.

ފައިސަލް ވަނީ ލ. ގަމަށް ވަޑައިގެން، އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށާއި ފޮނަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު މޫސާ ސިރާޖަށް ތާއީދުކޮށް، ބޭއްވި ސައިކަލް ބުރެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ނ. ވެލިދޫގައި ރޭ ބޭއްވި ޖަލްސާގަައި ވާހަކަފުޅު ދައްކަވަނީ. ---

ނައިބު ރައީސް ފައިސަލް، ވިސާމަށް ތާއީދު ކުރައްވައި ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި އިރު، ގަމު ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަނީ އާދަމް އާސިފެވެ. އާސިފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ފޮނަދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ގާނޫނީ ވަކީލް ސިރާޖްގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވި އިރު، ޖޭޕީގެ ޓިކެޓުގައި އެ ދާއިރާ އަށް ނުކުންނަވަނީ ފާތުމަތު ޒައީމާ އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަދަ ހެޔޮލަފާ ބޭފުޅަކު ރައްޔިތުން ހޮވީ ކުރިއެރުމާއި ތަރައްގީ ބޭނުންވާތީ އެވެ. މިދިޔަ އަހަރުތަކަކީ އަނދިރި، ނާމާން ދުވަސްތަކެއް ކަމަށާއި އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މަޖިލިހަށް އަންނަނީ އަމިއްލަ ކަންކަން، މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ކުރާކަށް ނޫން،" މަޖިލިހުގައި ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި ފައިސަލް ވިދާޅުވި އެވެ.

"ކާކަށްތޯ އަނިޔާ ނުލިބެނީ؟ މީހެއް ކައިރީ ހައްޔަރު ކުރިހޭ އަހާލަން ވެސް ބޭނުމެއް ނުވޭ. ޔަގީން ކަށަވަރު ކަމެއް އޮންނާނީ އެކަން ކޮށްފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އިސްލާހަށް މަސައްކަތް ކުރި ކޮންމެ މީހަކު ހުރަގެއަށް ލާންޖެހޭ ކަމަށް އޭރު ގަބޫލު ކުރެވިފައި އޮތްއިރު، ވިޔަފާރިވެރިންނަށާއި ޑިމޮކްރަސީ ހަރުދަނާކޮށް، އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރި މީހުންނަށް އުނދަގޫ ކުރި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ ދުވަސްތަކުގައި ގާނޫނުއަސާސީގައި ރައްޔިތުންނަށް ދީފައި ހުރި މިނިވަންތައް ނަގާލައި، ރައްޔިތުންނަށް ބިރު ދެއްކުމަށް ގާނޫނުތައް ފާސްކޮށްފައި އެބަހުއްޓެވެ. އެހެންވެ، ރައްޔިތުންނަށް ގާނޫނީ ބާރުވެރިކަން ލިބުމަކީ މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.