ގާސިމްގެ ހިތްހަމަނުޖެހުން: "ތިޔަ ގޮވަނީ ގުދޯ ގުދޯ"!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅުވައި އޭނާ އާއި ޖުމްހޫރީ ޕާޓީ އަށް ފާޑުކިއުން އަމާޒުކުރާ އިރު، ގާނޫނުއަސާސީއާ ޚިލާފަށް އަމަލުކޮށް، އަނިޔާވެރިކަން ގެނައުމާ ދިމާލަށް މިސްރާބު ޖެހީ އެމްޑީޕީން ކަމަށް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.


އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލީސް އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީން ތާއީދުކުރަން ނިންމާފައިވާތީ އެމްޑީޕީން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ސަރުކާރު ކޯލިޝަންގައި ޖޭޕީ އޮވެ، އިދިކޮޅާ އެކު މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

ޖުމްހޫރީ ޕާޓީން އިދިކޮޅު ޕާޓީތަކާ އެކު މަޖިލީހުގައި މަސައްކަތް ކުރަން ނިންމާފައިވާތީ ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ގެންދަވަނީ ނުސީދާކޮށް، ގާސިމަށް ފާޑުވިދާޅުވަމުންނެވެ. އިދިކޮޅާ ގުޅިގެން މަސައްކަތް ފެށުމަކީ އަނިޔާވެރިކަމަށް މިސްރާބު ޖެހުން ކަމަށް ބައެއް ބޭފުޅުން ސިފަކުރައްވައި އެމްޑީޕީގެ ވިސްނުމަށް ބާރު ލިބޭ ގޮތަށް ވާހަކަ ވެސް ދައްކަވަ އެވެ.

މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުންނަށް ފާޑުވިދާޅުވެ ގާސިމް "މިހާރު" އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ "ގުދު ނެތް މީހާއާ ދިމާލަށް އެއްޗެހި ގޮވަމުން ދަނީ ހަތް ގުދު އޮތް މީހާ" ކަމަށެވެ. މިގޮތަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގާނޫނުއަސާސީއާ ޚިލާފަށް ކުރެއްވި ބައެއް ކަންކަމުން ވަނީ މިސާލު ޖައްސަވައިފަ އެވެ.

އެއާ އެކު އާ ސަރުކާރަށް މަސް ދުވަސް ނުވަނީސް އަނިޔާވެރިވީ ކޮން ބައެއްތޯ ވެސް ގާސިމް ސުވާލު އުފެއްދެވި އެވެ.

"ވީ އެއްބަސްވުމާ ޚިލާފުވީ، ވައުދާއި އަހުދު މަޖިލީސް އަށް ކުރިމަތި ލުމަށާއި އަދި މަޝްވަރާކޮށްގެން ނިންމަން ހުރި ކަންކަން މަޝްވަރާ ނުކޮށް ކުރަމުން ގެންދިއުމާއި އިސްލާމް ދީނުގައި ކަނޑައެޅިގެން ބޮޑު ފާފައިގެ ގޮތުގައި ހިމެނޭ ހަރާމް ކަންކަން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް އެކިއެކި ވާހަކަ ދައްކަމުން ދިއުމާއި ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުގެ މަތިން ހަނދާން ނެތުމާއި ބާރާއި އާރު އަދި މަގާމް ލިބުމުން އެކަންކަން ލިބެން މެދުވެރިވި ސަބަބު ހަނދާން ނެތުމާއި ގާނޫނުއަސާސީއާ ޚިލާފަށް ގާނޫނު ހަދައިގެން ބާރު ހޯދަން މި އުޅެވެނީ ކޮން ބައަކަށްތޯ؟" ގާސިމް ސުވާލު ކުރެއްވި އެވެ.

"ހުރިހާ ބާރަކާއި އާރެއް ގާނޫނުއަސާސީއާ ޚިލާފަށް، ގާނޫނާ ޚިލާފަށް، އަދި ގަވާއިދާ ޚިލާފަށް ބަނޑުދަށު ނުލެވިގެން މި އުޅެނީ ކޮން ބައެއްތޯ؟"

ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ނައިބް ރައީސް ފައިސަލް ނަސީމް-- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބެން ޖެހޭނީ އެމްޑީ އަށް ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވާ ވާހަކަފުޅަށް ވެސް ގާސިމް ފާޑުވިދާޅުވި އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ޚިޔާލުތަފާތުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ބަދަލުކުރަން ފެށީ މަޖިލީސް ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ވީ އެއްބަސްވުމާ އެއްގޮތަށް އިންތިޚާބުގައި ވާދަކުރަން އެމްޑީޕީން ދެކޮޅު ހެދުމުންނެވެ. ގާސިމް އެ އިޝާރާތް ކުރައްވާ އެއްބަސްވުމުގައި އޮތީ، ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކަށް ދާއިރާތައް ބެހުމަށެވެ. އެކަމަކު އެއީ، އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެމްޑީޕީން ނިންމީ އިންތިޚާބުގައި ހުރިހާ ދާއިރާތަކަކަށް ވާދަ ކުރާށެވެ.

ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ގާސިމް ނިންމެވީ އެ މައްސަލައިގައި ހިތްހަމަޖެހިވަޑައިނުގެންނެވެ. ނާށިގަނޑު ހިފައިގެން ސަލާން ޖަހަން މަޖުބޫރުކުރުވީ އެމްޑީޕީން ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

"ކޮބައިތޯ ވީ އެއްބަސްވުން ހަތަރު ވެރިން؟" ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، ގާސިމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މެދުގައި ހެދި އެއްބަސްވުމަށް އިޝާރަތްކުރައްވައި، ގާސިމް ސުވާލުކުރެއްވި އެވެ.

"ކޮބާތޯ 18، 19 ކޮމިޓީގައި ވީ އެއްބަސްވުން؟ ކޮބައިތޯ އެމްޑީޕީ އާއި ރިޔާސީ ކެންޑިޑޭޓު ވީ އެއްބަސްވުން؟ ކޮބައިތޯ އޭރުގެ ރިޔާސީ ކެންޑިޑޭޓް [މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް] އާ އެކު ޖޭޕީން ވީ އެއްބަސްވުން؟ މިހާރު ހަނދާން އެބަހުރިތޯ؟ އެ އެއްބަސްވުމާއި އަހުދާއި ވައުދާ އެއްގޮތަށްތޯ ހުރިހާ ކަމެއް މި ދަނީ؟"

ގާސިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ މަގާމުގައި އެމަނިކުފާނު ހުންނަވައިގެން ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނުދެއްވާނެ އެވެ. އަދި އޭނާ ވެސް އަމަލު ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.