ބަދަލު ހޯދަން ނާޒިމް ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައެއްނުގަތް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމަށް ސުޕްރީމް ކޯޓުން ކުރިން އިއްވި ޖަލު ހުކުމާ އެކު އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ނާޒިމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.


ދިއްގަރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް ނާޒިމްގެ މެމްބަރުކަމުގެ ގޮނޑި 2015 ގައި ގެއްލުނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި އޭނާ އުމުރަށް ޖަލަށްލާން 2015 ގައި އޭރު ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އެވެ. އެކަމަކު އެ ނިންމުން ރިވިއުކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުމުން މިދިޔަ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ ޖަލު ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.

އެ މައްސަލާގައި ނާޒިމްގެ ފަރާތުން ސިވިލް ކޯޓުގައި މިދިޔަ ފެބްރުއަރީ މަހު ދައުވާކުރީ އޭނާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވާތީ، މެމްބަރު ކަމުގެ މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަން ދައުލަތުން އޭނާއަށް ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި ޖަލު ހުކުމުގެ ސަބަބުން ނާޒިމަށް ލިބުނު އެހެނިހެން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެކަމަކު އެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް މިދިޔަ މަހު އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ.

ރަޖިސްޓްރާގެ އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ނާޒިމްގެ ފަރާތުން އެ ކޯޓުގެ އިސްގާޒީއަށް ހުށަހެޅުއްވުމުން މިދިޔަ ހަފުތާގައި ސިވިލް ކޯޓުގެ އިސްގާޒީ ވެސް ނިންމެވީ ރެޖިސްޓްރާގެ އެ ނިންމުން ރަނގަޅު ކަމަށެވެ.

ނާޒިމްގެ މެމްބަރުކަމުގެ ގޮނޑި ގެއްލުމުން ބޭއްވި ބައި އިލެކްޝަންގައި އިންތިޚާބު ކާމިޔާބުކޮށް، ދިއްގަރު ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަނީ ފާރިސް މައުމޫނެވެ. ނާޒިމް މިހާރު ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ދިއްގަރު ދާއިރާއަށް ކުރިމަތިލައްވައިފަ އެވެ.