ހޮވަންވީ ނުވިކޭނެ، ނުފޫޒެއްގެ ދަށު ނުވާނެ މެމްބަރުން: ރައީސް

ހޮނިހިރު ދުވަހު ބާއްވާ އާއްމު އިންތިޚާބުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ރައްޔިތުން ދޭންވީ ފައިސާ އަށް ނުވިކޭނެ އަދި އެއްވެސް ނުފޫޒެއްގެ ދަށު ނުވާނެ މެމްބަރުންތަކަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރުގެ ހަތަރު ގޮނޑި އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަފުލާއެއްގައި ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުން ވަނީ ނަޒާހަތްތެރި މަޖިލީހެއް ކަމަށެވެ. އެފަދަ މަޖިލީހަކުން ފުރުސަތު ދޭން ޖެހޭނީ ހެޔޮވެރިކަމަކަށް އެއްބާރުލުން ދެއްވާނެ ނަޒާހަތްތެރި މެމްބަރުންތަކަކަށް ކަަމަށް ވެސް ވިދާޅުވި އެވެ.

"ނަޒާހަތްތެރި މެމްބަރުންނަކީ ހަމައެކަނި ފައިސާ އަށް ނުވިކޭ މީހުންނެއް ނޫން. ނުފޫޒެއްގެ ވެސް ދަށުވެގެން ނުވާނެ. މި ތިއްބެވި ބޭފުޅުން [އެމްޑީޕީގެ ކެންޑިޑޭޓުންނަކީ] ނުފޫޒެއްގައި ޖެހޭނެ ބޭފުޅުންނެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާ އަށް ވާދަ ކުރައްވަނީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ. މެދު ހެންވޭރަށް މިހާރުގެ މެމްބަރު އަލީ އާޒިމް ކުރިމަތިލައްވާ އިރު ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވަނީ ހުސެއިން ޝަމީމް [އަނދުން ހުސެއިން] އެވެ. ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވަނީ އިބްރާހިމް މުއިއްޒެވެ.

ރައީސް ވިދާޅުވި ގޮތުގައި ހެންވޭރަށް ކުރިމަތިލެއްވި އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި މަސައްކަތް ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށެވެ.

ހެންވޭރަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ހަފުލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/އެމްޑީޕީ

މާލެ އަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަހު މުސާރަ ކުއްޔަށް ދައްކައިގެން ދެކޮޅު ނުޖެހި ތިބެން ޖެހުން ކަމަށް ވިދާޅުވި އެވެ. އެކަމަށް ސަރުކާރުން ވިސްނާފައި އޮތް ހައްލަކީ އަގު ހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ދައުލަތުން ޚަރަދުތަކެއް ކޮށްފައި ހުއްޓަސް ރައްޔިތުންނަށް ލިބުނީ ގެއްލުން ކަމަށް ވިދާޅުވި އެވެ. ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް މިރޭ ވެސް ރައީސް ވިދާޅުވި އެވެ.

"500 އަކަ ފޫޓުގެ ތެރޭގައި ތިން ކޮޓަރީގެ އެޕާޓްމެންޓެއް ހަދާއިރުގައި ކޮޓަރިއެއްގެ ބޮޑުމިނަކީ އަށް ފޫޓު ނުވަ ފޫޓު. އެތާ އެތެރެ އަށް އެނދެއް ލުމަށް ފަހުގައި ދެން ނެތް އަލަމާރިއެއް ބަހައްޓާލާނެ ޖާގައެއް،" ރައީސް ވިދާޅުވި އެވެ.

"މިއީއެއް ނޫން، ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރަކުން ކަންކުރަންވާ ގޮތަކީ. އެތަނުގެ އަގު 8،000ރ. ފްލެޓަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި 950 އަކަފޫޓުގައި އަޅާ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު 6،000ރ. އަށް ނާރާނެ އެވެ. މާލެ އާއި ރަށްރަށުގައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ފުރަތަމަ އިސްކަން ދެއްވާނީ، ރައީސް ވިދާޅުވި ގޮތުގައި، އެއްވެސް އާމްދަނީއެއް ނުލިބި ދަތި ހާލުގައި ދިރިއުޅޭ މީހުންނަށެވެ. އެ މީހުންނަށް އާމްދަނީއެއް ލިބޭނެ އިންތިޒާމެއް ހަމަޖެހެންދެން ހިލޭ ބޯހިޔާވަހިކަން ފޯރުކޯށްދޭނެ ކަމަށް ވިދާޅުވި އެވެ.

ލިބޭ އާމްދަނީން ކުލި ދައްކައިގެން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭ މީހުންނަށް ވެސް ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިން ފްލެޓް ގަނެވޭނެ ގޮތް ހަދައިދީ، އެ ފަރާތްތަކަށް ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމަނިކުފާނު އިންތިޚާބު ކުރީ ހެޔޮވެރިކަމަކަށް އުއްމީދު ކުރާތީ ކަމަށެވެ. ކުރީގެ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަން ބަލައި އިންސާފު ގާއިމްކުރަން ބޭނުންވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަފުލާގައި އެ ދާއިރާގެ ރައްޔިތުންތަކެއް ބައިވެރިވަނީ.

ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު، އެ މަސައްކަތް ފެއްޓެވި ނަމަވެސް ކުރިމަތިވެވަޑައިގެންނެވީ ގޮންޖެހުންތައް ކަމަށް ވިދާޅުވި އެވެ. ނިމިދިޔަ ސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ދައުލަތް ހިންގުން ޚަރާބުކޮށްފައި އޮތް މިންވަރުން އެއްވެސް މުއައްސަސާއަކަށް އޭރު އެމަނިކުފާނާއި ރައްޔިތުންނަށް ވެސް އިތުބާރު ނުކުރެވުނު ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ބާރުގެ ތެރެއިން ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މަރުތަކާއި ޚިޔާނާތް މިނިވަންކަމާ އެކު ބަލައި ރައްޔިތުންނަށް އިންސާފު ހޯދައި ދެއްވަން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮވެ، އެކަމަށް ހުރަސްތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ މިރޭ ވެސް ކަންބޮޑުވުންފާޅުކުރެއްވި އެވެ.

"ދަންނަވަން ބޭނުންވާ ވާހަކަ އަކީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަޣުލަބިއްޔަތު އޮތަސް އެވަރުން ފުދޭކަށް ނެތޭ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަޣުލަބިއްޔަތު އެބައޮތޭ. އެހެން ނަމަވެސް މިކަންތައްތައް ނުވެގެން މިއުޅެނީ ކީއްވެތޯ؟ މި ސުވާލުގެ ޖަވާބު އަޅުގަނޑުމެން ހޯދަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.