ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާ އެޅުމުގެ ބޮޑު މަޝްރޫއު ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމުގެ މަޝްރޫއު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.


ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމުގެ މި މަޝްރޫއަކީ އެމްޑަބްލިއުއެސްސީން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މިއީ 160،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ. މަޝްރޫއަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި މަޝްރޫއު އިފްތިތާހުކޮށް ދެއްވުމުގެ ގޮތުން، ރައީސް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ ކޮނެފައި އޮތް ވަޅަށް ނަރުދަމާ ހޮޅި ލައިދެއްވައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި ރަށުގެ އާބާދީގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި، އެއް އުސޫލަކުން ހުރިހާ ރަށެއްގައި ހިދުމަތްތައް ގާއިމު ކުރެވޭނެ ކަމަށެވެ. އެގޮތުން، ހުޅުމާލޭގައި މިއަދު ފަށާ މަޝްރޫއަކީ އެ މަސައްކަތުގެ އެއްބައި ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ފަހުކޮޅު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފަށާއިރު، ކޮންމެ ގޭބިސީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅުމަށް ގާތްގަނޑަކަށް 26،000 ގޭބިސީ ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

"މި ކުންފުނިން [އެމްޑަބްލިއުއެސްސީ] އިން މަޝްރޫއު ހިންގަނީ ދައުލަތުގެ ބަޖެޓުން އިތުރު ތަކްލީފެއް އުފުލަން ނުޖެހޭ ގޮތަށް. މި މަޝްރޫއަށް ބޭނުންވާ ތަކެތި ގަތުމުގެ ހުރިހާ ހަރަދެއް ހަމަޖައްސާފައި ވަނީ ޖަޕާންގެ ހިޓާޗީ ކެޕިޓަލްގެ ފަރާތުން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، މި މަޝްރޫއުގައި ހިނގާ ހަރަދުތައް ހަމަޖައްސަނީ އެމްޑަބްލިއުއެސްސީން އަމިއްލަ އަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ އާޒިމް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފުރިހަމަ ކުރެވޭނީ 2020 ވަނަ އަހަރު ކަމަށެވެ. އޭގެ ކުރިން ވެސް ހުޅުމާލޭގައި ބަޔަކު އާބާދީވާ ނަމަ، އެ ބަޔަކަށް އެ ހިދުމަތް ދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާޒިމްއާ ސަލާމަތް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ތައުރީފް ކުރައްވައި، އާޒިމް ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ 42 މިލިއަން ޑޮލަރަށް (647 މިލިއަން ރުފިޔާ) އެމްޑަބްލިއުއެސްސީ ބޭނުންކޮށްގެން ބަޔަކު ކުރުވަން އުޅުނު މަޝްރޫއެކެވެ. އެކަމަކު، މި މަޝްރޫއު ފުރިހަމަ ވާނީ އެއަށް ވުރެ ކުޑަ އަގެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ދިވެހި ދައުލަތާއި ރައްޔިތުންނަށް 27 މިލިއަން ޑޮލަރުގެ (416 މިލިއަން ރުފިޔާ) ގެ ފައިދާ ވެގެން ދާނެ ކަމެއް މިގޮތަށް މިކަން ކުރުމަކީ. މިއަދުގެ ރައީސްގެ އަމާޒަކީ މަދު ފައިސާ އިން މަދު އެއްޗެއް ބޭނުންކޮށްގެން ގިނަ ހިދުމަތްތަކެއް ދިނުން،" އާޒިމް ވިދާޅުވި އެވެ.