ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިކްރާމް ހަސަނާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ގޮނޑި ފުރުއްވި ނާޒިމް. ---
08 އެޕްރީލް 2019 - 11:41
މާޒީ އަށް ބަލާ އިރު، މީގެކުރިން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުތަކުގައި ދިއްގަރު ދާއިރާގެ ގޮނޑި ބެލެވިފައި އޮތީ އެމްޑީޕީ އަށް ކާމިޔާބު ކުރަން އެންމެ އުނދަގޫ އެއް ގޮނޑީގެ ގޮތުގަ އެވެ. އެމްޑީޕީގެ ފިކުރު ގަބޫލު ނުކުރާ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ އެ ދާއިރާގެ މަންޒަރު މިއަދު ވަނީ ބަދަލުކޮށްލައިފަ އެވެ. ތާރީޚު ބަދަލުކޮށް އެމްޑީޕީން ދިއްގަރު ގޮނޑި މި ފަހަރު ނެގީ އެމްޑީޕީންނެވެ.
މީގެ 10 އަހަރެއްހާ ދުވަސް ކުރިން، 2009 ވަނަ އަހަރު ބޭއްވި މަޖިލިހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. ނަމަވެސް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ނާޒިމްގެ މައްޗަށް ކަނޑައެޅުމާ ގުޅިގެން 25 އަހަރަށް ޖަލަށް ލާން 2015 ގައި ކުރި ހުކުމާ އެކު އޭނާގެ މަޖިލިހުގެ ގޮނޑި ގެއްލުނީ އެވެ.
އޭނާ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބު ކުރި ކަމަށް ދައުލަތުން ދައުވާ ކުރުމުންނެވެ. އެކަމަކު، ނާޒިމްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު ބާތިލް ކުރުމާ ގުޅިގެން އޭނާ އަލުން މަޖިލިހަށް ކުރިމަތިލެއްވީ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިއްގަރަށް ވަޑައިގެންނެވި އިރު، އެމަނިކުފާނުގެ އަރިހުގައި (ވ) އިކްރާމް. --
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ނާޒިމްގެ މައްޗަށް ކުރި ހޯއްދެވީ ދިއްގަރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އިކްރާމް ހަސަނެވެ. އިކްރާމަށް ހާހަކަށް ވުރެ ގިނަ ވޯޓު މިހާތަނަށް އައިއިރު، ލިބިވަޑައިގެންނެވި އިރު، އޭނާއާ ވާދަކުރެއްވި ނާޒިމަށް 700 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ.
"އަމިއްލަ ފައިދާ އަށް ކަމެއް ނުކުރާނަން. އެއްވެސް މީހަކު އިނގިލި އުފުލާފައި ތިކުރަނީ ގޯސްކޮށޭ ބުނާ ވަރު ކަމެއް ނުކުރާނަން. --- އިކްރާމް
ދިއްގަރު ދާއިރާގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ. ނާޒިމްގެ ގޮނޑި ގެއްލުމުން ޖޫން 6، 2015 ގައި ބޭއްވި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ފާރިސް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ބޮޑު ތަފާތަކުން ބަލިކުރައްވަ އެވެ. ވާދަވެރި އެ ބައި އިލެކްޝަންގައި ފާރިސް އަށް 1،232 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ އެންމެ ބޮޑަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރާޒީ އަށް ލިބިވަޑައިގަތީ 756 ވޯޓެވެ. އެކަމަކު، ފާރިސް މިފަހަރު މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރައްވައި ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.
ނާޒިމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ބޭފުޅެކެވެ. އެކަމަކު، 2013 ގައި ޔާމީން ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން، ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އެންމެ ފަހުން އެ ގުޅުން އެއްކޮށް ކެނޑުނީ އެވެ.
ނާޒިމަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން އޭނާގެ ބަހެއް ނުލިބުނެވެ.
އިކްރާމް ދިއްގަރު ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވުމާ ގުޅިގެން، އެރަށުގައި ދިރިއުޅޭ އެމްޑީޕީގެ ސަޕޯޓަރުން އޭނާ އަށް މަރުހަބާ ދަންނަވަނީ.
އެކަމަކު، ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިކްރާމް "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއީ ރަނގަޅު ޓީމެއް ފަހަތުގައި އޮތުމުން ނުކުތް ނަތީޖާއެކެވެ. ދިއްގަރަށް އަމާޒުކޮށް ވަރަށް ގިނަ މަސައްކަތްތަކެއް މީގެކުރިން ކުރެއްވި އިރު، އެކަންކަން ރައްޔިތުން ބަލައިގެންފައިވާ ކަމަށް އިކްރާމް ވިދާޅުވި އެވެ.
އިކްރާމް ތުހުމަތު ކުރެއްވި ގޮތުގައި ނާޒިމްގެ ޓީމުން، ނާޒިމަކީ ސަރުކާރުގެ ކެންޑިޑޭޓެއް ކަމަށް ބުނެ، ކެމްޕެއިން ކުރަމުން ދިޔަ އެވެ. އެކަމަކު، ރައްޔިތުންގެ ގާތުގައި އޭނާ ބުނަމުން އައީ އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު، ރައްޔިތުން އިސްކޮށް ރަނގަޅު ކަންކަން ކުރާނެ ވާހަކަ ކަމަށް އިކްރާމް ވިދާޅުވި އެވެ.
"އަޅުގަނޑު ސާބިތުވެ ހުންނާނީ އެގޮތަށް. އަމިއްލަ ފައިދާ އަށް އެއްވެސް ކަމެއް ނުކުރާނަން. މީހަކު އިނގިލި އުފުލާފައި ތިކުރަނީ ގޯސްކޮށޭ ބުނާ ވަރު ކަމެއް ނުކުރާނަން. ކުރިއަށް އޮތް ފަސް އަހަރު މަސައްކަތް ކުރާނީ ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި،" އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އިކްރާމް ވިދާޅުވި އެވެ.
ވަގުތީ ނަތީޖާ އަށް ބަލާ އިރު، މ. އަތޮޅުގައި ހިމެނޭ ދެ ގޮނޑީގެ ތެރެއިން މުލަކު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ އެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރެވެ. އިބްރާހިމް ނަސީރު އެ ގޮނޑި އަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން އެ ގޮނޑީގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީން 2013 ގައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވީ މުލަކު ދާއިރާގެ ގޮނޑި ފުރުއްވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
09 April 2019
މަރުހަބާ، ތީވެސް ކަޓަންވެފަހުރި މީހެއް، މީނަވެސް ދައުލަތުން ނަހަމަ ގޮތުގައި ހޯދާފަހުރި މާލީ އެތަށް މަންފާއެއް އެބަހުރި. ޚާއްސަކޮށް އެޓޯލްސް މިނިސްޓްރީގެ ދުވަސްވަރު ހިންގި ކަރަންޓް ޕްރޮކެޓްތަކުން. ދިއްގަރު ދާއިރާގެ ރައްޔިތުންގެ ތިޔަ ނިންމުމަށް އަދިވެސް އެއްފަހަރު މަރުހަބާ.
ދާއިރާގެ ރައްޔިތެއް
09 April 2019
ދިއްގަރު ދާއިރާގެ ރަައިއްޔަތުންނަކީ އަބަދުވެސް ސަރުކާރާއި އެކުގައި މަސައްކަތް ކުރާ ބައެއް. ނަމަވެސް މިދާއިރާގެ ރައްރައްތަރައްގީ ކުރުމުގައި ކޮންމެސަރުކާރަކުންވެސް އިހްމާލުވަމުންދާކަމީ ދެރެވާކަމެއް " މިއީ އާބާދީގެ ތަފާތުތޯ "
މަރޭމިތުރު
09 April 2019
ކަޓަން ޖެހޭމީހެއް ނާޒިމަކީ އިންތިހާއަށް ރިޝްވަތު ކުޅިގަނޑު ކުޅުނުމީހެއް އަދީބު އިރުގަ.
ކަރާ
09 April 2019
ކޮންބައެއްތަ މާބޮޑަށް ރޯފިލައިގެން ތިއުޅެނީ. ރޯފިލީ ފައިސާއަށްތަ؟ އެހެންވިއްޔާ ތެދެއް؟ ދެން ގޮނޑި އެހެން ކޮލަކަށް ހިނގައްޖެއްޔާ އެމީހުން ގަމާރީދޯ. އެކަމަކު މިފަހަރު ގިނަގޮނޑިހޯދި މީހުންގެ ފެންވަރު ބަލައިލުން މުހިންމު.
އަނޯނާ
09 April 2019
ބަލަމަޖްލިހައްމިފަހަރުވެސް ތިހޮވީމުޅިންވެސްމަހްޖަނުން އެކަމެއްނޭންގުނުދޯ ހޮވިއިރު
ހަކީމް
08 April 2019
ފިކުރު ބަދަލުވަނީކީ ނޫން ... ހެޔޮ ، ރަނގަޅު ގޮތް ވިސްނެނީ. ދ. އަތޮޅު / އ.ދ އަތޮޅު ގެ ގިނަ މީހުން އަދިވެސް ޤަބޫލު ކުރަނީ މަހުޖަނުން ނަށޭ އެމީހުންނަށް ކަމެއް ކޮއްދެވޭނީ ... މަހުޖަނުން ނަގަނީ ނިކަމެތި ކަމުގެ ފައިދާ. ޓެކްސް ގެ ނިޒާމު އައިސް ދައުލަތު މުއްސަނދިކަން މިވީއަހަރު ތަކުގައި ގިނަ ވުމުން ދިރިއުޅުން ތަނަވަސްވުން އެއީ މީހުންނަށް ހެޔޮވިސް މަހުޖަނުންނަށް ބަރޯސާ ވުން ކުޑަވިކަމެއް.
ނޫރު
08 April 2019
މިހާރު މިފެންނަނީ ރަނގަޅު ބަދަލެއް .. ދަވްލަތް ހިންގަންޖެހޭނީ އަބުރުވެރި ސާފް މީހުންކަން ރައްޔިތުން ދައްކަން ފެށީމާ ދެން ޖެހޭނީ ކޮރަޕްޝަނާ ދުރުގަހުންނަން،، ޔާމީނު މެނަކަށް ނުފެނުނޭ ޕްރޮފެސަރ އަބުދުލް ކާމު ކަހަލަ ބައެއް މީހުން ދަވްރު ނިންމާލާފަ ސަރުކާރުން ދީފަހުރިގެއިން ނިކުތް އިރު ކުޑަކުޑަ ދެ ބްރީފް ކޭސް އެކަނި ނެރުނުތަނެއް .. މީނަޔަތް ފެނިފަ އޮތީ މައުމޫނު ވެރިކަން ނިމިގެން ބޮޑުކެރޭނުން ތީމުގައިން އެތިވަރު ނެރުން ތަނޭ،، އެހެންވެ ކޮޕީކުރީ ހަމަ.
ޙުސައިން މުލި
08 April 2019
ޕީ ޕީ އެމް އަށް ބުނެލަން އޮތީ ޕުރައިމަރީ ނުބާއްވާ ގޮނޑި ކަމިޔާބު ކުރުމަކީ އުނދަގޫކަމެކޭ
އަމީނު
08 April 2019
ޕްރައިމަރީގަަ ވޯޓްލާނީ އެ ޕާޓީގެ މީހުންނޭ.. ސައިލެންޓް ސޮސައިޓީ މިތިބެނީ ބަލަބަލަ .. ވަަރަށް އަޕްޑޭޓް،، މުސްކުޅިން ވެސް ... ބަރާބަރަށް ހަބަރު ބަލާ،، ރަނގަޅަށް އުޅެން ދަސްކޮށްބަ..
ސިކުނޑި
08 April 2019
"ފައިސާ ނުބަހާ ހަމައެއްބައެއްވެސްނެތް! ރާއްޖޭގައި އޮންނަނީ އާއިލީ ފިކުރާއި ޕާޓީގެ ފިކުރާއި، ފައިސާގެ ފިކުރު! މިފަހަރު ގިނަ ރައްޔިތުންތިބީ ފައިސާގެ ފިކުރުގައި! އެއީ އަމިއްލަ ޕާޓީއެއްނެތި މަގުމަތި ވެފައިތިބި މީހުން! އެމީހުންނަށް ދެފަރާތުންވެސް ފައިސާބެހި! ގިނައިން ދިން މީހުންނަށް ވޯޓު ލިބުނީ!!" މިއީ މިހާރު ކޮފީޓޭބަލްތަކުގައި ދެކެވޭ ވާހަކައެއް!!
ޢަލީމް
08 April 2019
މަޖިލީހަށް ހޮވުމުން އެތަނަށް މާބޮޑަށް ހިތްކިޔާތީ އަލަށްހޮވުނު ބޭފުޚުންވެސް ތިއީ ދާއިމަށް އިންނަންވީ ގޮނޑިއެއްކަމަށް ނުދެކުމަށް ދަންނަވަން. ގޮނޑިދޭށޭކިޔާ އިންޒާރު ދިނުމާ އާދޭސްކޮށް ރޮއެހޭރެނީ އަމިއްލަ އެދުން ބޮޑުވުމުން.
ދަލޭކަ
08 April 2019
ދިވެހިންނަށް އައްސެރި ބަހާ ސާބަސް. ފައިސާގެ ކަރަޕްޝަން އޮތް މީހުން ވޯޓުން ތަޅާ ތިރި އަރުވާލައިފި! މިފިލާވަޅު ހުރިހާ ސިޔާސީއާ ސަރުކާރު މީހުން ދަސްކުރާނެ ކަމަށް ހީކުރަން