އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށް އިންޑިއާ އިން މަރުހަބާ ކިޔައިފި

މަޖިލިސް އިންތިޚާބުގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ހޯދި ކާމިޔާބީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޯނުން ގުޅުއްވައި، އިންތިޚާބުގެ ނަތީޖާއިން ފެނުނީ މިހާރު އޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރު ކަމަށް މޯދީ ވިދާޅުވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް މޯދީ ވަނީ އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިންތިޚާބުގައި މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑިއާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީއަށެވެ.

މޯދީގެ ވާހަކަފުޅުގައި ރާއްޖެއަކީ އިންޑިއާއާ ވަރަށް ގާތް ގައުމެއްކަން ފާހަގަކުރައްވައި އެ ގައުމުން އަބަދުވެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވިދާޅުވީ އިންޑިއާއާ ރާއްޖެ އޮތް ގުޅުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

މޯދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތެވެ. އަދި ބޭރު ގައުމެއްގެ ވެރިޔަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުން ވެސް އޮތީ މޯދީއާ އެކުގަ އެވެ. އަދި ވެރިކަމަށް ވަޑައިގެން ރައީސްގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ވެސް އިންޑިއާއަށެވެ.