ނަޝީދު އިނގިރޭސިވިލާތުގައި: އެ މަނިކުފާނު މިހާރު ހުންނެވީ ލަންކާގައި.-- ފައިލް ފޮޓޯ: އޭއެފްޕީ
31 އޯގަސްޓް 2016 - 17:11
ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ކުރައްވަނީ ޑިމޮކްރެސީގެ މަސައްކަތްޕުޅު ކަމަށާއި އެހެންވެ އެ ކަމާ ކަންބޮޑު ނުވާ ކަމަށް ލަންކާ ސަރުކާރުން މިއަދު ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މިދިޔަ ހަފުތާގައި ލަންކާ އަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނު އަދިވެސް ހުންނެވީ ލަންކާގަ އެވެ.
ލަންކާ ސަރުކާރުގެ ކެބިނެޓް ސެކްރެޓަރީ ރަޖިތަ ސެނެރަތުނަ ކޮލަމްބޯ ގެޒެޓު ނޫހަށް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމާ ދެކޮޅަށް ނަޝީދު މަސައްކަތްޕުޅު ކުރެއްވީ ވެސް ލަންކާގަ އެވެ. މައުމޫނަށް ފަހު ވެރިކަމަށް ވަޑައިގަތުމާ އެކު ލަންކާ ސަރުކާރަށް ނަޝީދު ޝުކުރު ވެސް އަދާކުރެއްވިކަން ފާހަގަކުރައްވައި ރަޖިތަ ވިދާޅުވީ ނަޝީދު މިހާރު ވެސް ކުރައްވަނީ އޭރު ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ.
"އެއީ ރާއްޖޭގެ ވެރިކަން ބަދަލުކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި [އަޅުގަނޑުމެން] ނުދެކެން،" އޭނާ ވިދާޅުވި އެވެ.
ނަޝީދު ލަންކާގައި މަސައްކަތްޕުޅު ކުރެއްވިޔަސް ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ގުޅުން ހީނަރު ނުވާނެ ކަމުގެ ޔަގީންކަން ރަޖިތަ ދެއްވި އެވެ. އޭގެ ހެއްކަކަށް އޭނާ ދެއްކެވީ މައުމޫންގެ ދައުރުގައި އެމްޑީޕީގެ ހަރަކާތްތައް ކޮލަމްބޯގައި ހިންގިއިރު ވެސް ދިވެހި ސަރުކާރާ އެކު ލަންކާއިން ގާތް ގުޅުމެއް ބާއްވާފައި ވުމެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން މި ފަހުން ވަނީ ކޮންމެވެސް ވަރަކަށް ގޯސްވެފަ އެވެ. އެއީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގު) ލަންކާގައި ހުއްޓާ ހައްޔަރުކުރުމާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރާއްޖެ ގެނައި ސްނައިޕަރެއް ކަމަށް ބުނެ ލަންކާގެ ރައްޔިތަކު ހައްޔަރުކޮށް، ޝަރީއަތް ހިންގާ މައްސަލައާ ގުޅިގެންނެވެ. ލަންކާ ސަރުކާރުން އޭރު ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ބަޔާނެއް ވެސް ނެރުނެވެ.
ނަޝީދު ލަންކާގައި ކުރައްވާ ކަމަކާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ނަޝީދާ ބައިވެރިވެ ވަޑައިގަތުމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް ލަންޑަނުން ލަންކާ އަށް ވަޑައިގަންނަވަން ވަނީ ނިންމަވާފަ އެވެ. އެކަމަކު، އެ މަނިކުފާނު އަދި ކޮލަމްބޯ އަށް ވަޑައެއް ނުގަންނަވަ އެވެ.
މައުމޫންގެ ވެރިކަމުގައި ސިޔާސީ ޕާޓީ ނުހެދޭ ގޮތަށް އޮތް އިރު، ނަޝީދު އިސްކޮށް ހުންނަވައި އިދިކޮޅު ހަރަކާތްތައް ހިންގެވީ ލަންކާގަ އެވެ.
ނަޝީދު ލަންކާގައި ހުންނެވިއިރު، އެ މަނިކުފާނާއި ޖަމީލުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ހައްޔަރުކުރަން އިއްޔެ ވަނީ ކޯޓު އަމުރު ނެރެފަ އެވެ.
ނަޝީދު ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ދެ މައްސަލައެއްގަ އެވެ. އެއީ 2011ގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ 1.8 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަހުގީގަށާއި ޖަލު ހުކުމަކަށް ފިލައިގެން އުޅޭތީ ހައްޔަރު ކޮށްގެން ވެސް ހާޒިރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިފައި ވާތީ އެވެ.
ޖަމީލާއި އަކުރަމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގެ ތަހުގީގަށް ހާޒިރުވާން ދިން މުއްދަތުގައި އެކަން ނުކުރުމުން ތަހުގީގު ފުރިހަމަކުރުމަށެވެ.
އިދިކޮޅު ލީޑަރުންތަކެއް ހައްޔަރުކުރަން ކޯޓު އަމުރު މި ނެރުނީ ސަރުކާރު ވައްޓާލަން އެ ބޭފުޅުން އިސްވެ ތިއްބަވައި ކުރައްވަމުން ގެންދަވާ މަސައްކަތް ވަރުގަދަ ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. ބޭރުގެ މީޑިއާތަކުން ވެސް ގެންދަނީ ވަރަށް އަވަހަށް ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބުނެ، ސަރުކާރަށް ފާޑުކިޔާ ގިނަ ލިޔުންތަކެއް ޝާއިއުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
01 September 2016
ދިވެހިސަރުކާރާ ލަނކާއާ ދެމެދު އޮވޭނޫންތޯ ކުއްވެރިން ބަދަލްކުރުމުގެ އެއްބަސްވުމެއް؟ ނަޝީދަކީ ކުށްވެރިއެއް. ޖަލުހުކުމް ތަނފީޒުކުރާ. އޭނަޔާ ޢަބްދުﷲ ލުތޔފީއަކާ އެއްވެސް ތަފާތެއް ނެތް. ލަންކާ ސަރުކާރުގައި އެދެން ވީނޫންތޯ ހިފާ ހައްޔަރުކޮށްފަ ރާއްޖެ ފޮނުވަން. އެއީވެސް ހަމަ ޑިމޮކްރަސީ ހަރުދަނާކޮށް ޝަރުޢީ ނިޒާން ހަރުދަނާކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ނޫންތޯ؟
ކެނެރީކަލްޓް
01 September 2016
ނަޝީދުގެ ޑިމޮކްރަސީ ގެ ދަށުން ކޯޓުއަމުރެއްނެތި އިސްގާޒީ ހައްޔަރުކޮށް ފޮރުވީވެސް. ނަޝީދުގެ ޑިމޮކްރަސީގެ ދަށުން ލާއިންސާނީ އަނިޔާކޮށް އެތައް ލައްކަމީހުނެއްމެރި މައްސަލައިގައި ލަންކާޔާ އެއްކޮޅަށް ވޯޓުދިނީވެސް.
އެތެރެވަރި
01 September 2016
އެ ކޮއި ދަންނަނީ އަހަރުމެން ދަންނަ ކަހަލަ ޑިމޮކްރަސީއެއްނޫން . އެކޮއިގެ ޑިމޮކްރަސީގައި އޮތީ މުޅިންވެސް ގާނުނާ ގަވާއިދާ ޚިލާފު ކަންތައް އެއީ އަސްލު ނަނެއް ދިވެހިރާއްޖޭގެ ކަނތައް ހުންނަ ގޮތަކީ
ރުބެލް ޚާން
01 September 2016
ރާކަނިމަސް ކެވިއްޖެއެއްނު ދޯ ، ދެން އޮތީ އަޑުކިޔާފަ ބަންލާފަ ވެއްޓުން !
ސުވާދީބުކަލޯ
01 September 2016
ވެރިކަމަށް އަރާފައިވެސް ކުރީ ޑިމޮކޮރަސީގެ މަސައްކަތްތޯ ސުވާލު ކޮށްލަން ޖެހޭ ދައުލަތުން ނުސީދާ ގޮތުގައި ޖެހުނު ލާރިއާއި ގާނޫނުއަސާސީއާއި ހިލާފުވުމާއި ދީނީކަންކަން ދިޔަގޮތް އެއީ ޑިމޮކްރަސީތޯ ސުވާލު އުފެދޭ
ބޯހުދު
31 August 2016
ކުރިއަށް ކުރިއަށް... ބާރަށް ކުރިއަށް... ސާބަސް ރައީސް ނަޝީދު ތިޔަކުރައްވާ ހިތްވަރަށް. ރަށްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ އުންމީދުގައި މިތިބީ އަޅުގަނޑުމެން.
ކަލޯބެ
31 August 2016
ޕޮއް... ލަންކާ ނުވިކޭނެ. ސުނައިޕަރު ކޮބާ؟
ލަވަ
31 August 2016
ބޭރުމީހުން ރާއްޖެދެކެނީ ދެވަނައެއް ނެތްފަދާން....
ބާރީ
31 August 2016
ކޮންމެގޮތެއް ވިއަސް ނަޝީދަކީ ތެރަރިޒަމްގެ ކުށް ސާބިތުވެ ޙުކުމްކޮށްފައިވާ މީހެއް އެހެންވީމަ ލަންކާއިން އެދައްކަނީ ތާކުންތާކު ޖެހޭ ވާހަކައެއްނުން
ހުކުމް
31 August 2016
ނަޝީދު ގެ މަށްޗަށް ކުރި ޝަރީއަތަކީ ޖޯކެއް ކަމަށް ހުރިހާ ގައުމަކުން ދެކެނީ...
ބަފާ
01 September 2016
ތެރަރިޒަމްގެ މާނަ އިނގޭތަ..
ރޮކް
31 August 2016
ލަންކާގަ މަރުވި އަތައް ސަތޭކަ ޓައިގަރުންގެ އާއިލާތައް ނިކަން ރާއްޖެގެނެސް ލަންކާއަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް ފައްޓަބަލަ ރައިސް ޔާމިނުވެސް. ވާގޮތް ބަލާނަން