ވިލާ ހައި ސްކޫލްގައި ހުރިހާ މާއްދާއެއް ދިވެހިން ކިޔަވައި ދީފި

ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ގައި ހުރިހާ މާއްދާއެއް ދިވެހި ބަހުން މިއަދު ކިޔަވައި ދީފި އެވެ.


އެތަނުގެ ޕްރިންސިޕަލް ސައީދު އަހްމަދު "މިހާރު" އަށް ވިދާޅުވީ އިނގިރޭސިން ކިޔަވައިދޭ މާއްދާތައް ވެސް މިއަދު ކިޔަވައިދިނީ ދިވެހިން ކަމަށެވެ. އެއީ، ހުރިހާ ޓީޗަރުންގެ ބައިވެރިވުމާ އެކު ސްކޫލުން ކުރިއަށް ގެންދިޔަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭ ލެވެލްގައި މި ކިޔަވައިދޭ މާއްދާތައް، ދިވެހިން ކިޔަވައިދޭން އުނދަގޫތަކެއް ދިމާވި. އެހެންވިޔަސް މި ދުވަހުގެ މުނާސަބަތާ ގުޅިގެން ހުރިހާ މާއްދާތަކެއް ވެސް ޓީޗަރުން ކިޔަވައިދިނީ ދިވެހިން،" ސައީދު ވިދާޅުވި އެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން ވިލާ ހައި ސްކޫލުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު (ވ) ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ވިލާ ހައި ސްކޫލް

ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން އެ ސްކޫލުގައި މިއަދު ވަނީ ޚާއްސަ ޖަލްސާއެއް ވެސް ބާއްވައިފަ އެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

އެ ޖަލްސާގައި ބަހުސް ކުރުމާއި ޅެން އަދި ރައިވަރު ހުށަހެޅުން ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

ސައީދު ވިދާޅުވި ގޮތުގައި ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން ސްކޫލުގެ ފާރުތަކުގައި ދިވެހި ބަސްތަކާއި އެ ބަސްތަކުގެ މާނަ ދޭހަވާ ޕޯސްޓަރުތައް ވަނީ ހިއްޕައިފަ އެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގައި ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ -- ފޮޓޯ: ވިލާ ހައި ސްކޫލް

މި އަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން އެކި ސްކޫލުތަކުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. ގިނަ ސްކޫލްތަކުން އެ ދުވަހުގެ ހަރަކާތްތައް ބޭއްވީ އިއްޔެ އެވެ.