ރޮޒެއިނާގެ ޝައުގުވެރިކަން ވެސް މަޖިލިހުގެ ރައީސްކަމަށް

އަންނަ މަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.


މަޖިލިހުގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން މެމްބަރުންގެ ތެރެއިން ރޮޒެއިނާ މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިވެވަޑައިގެންނެވި އިރު، އެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރައިފަ އެވެ. ރޮޒެއިނާ އަކީ މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ފުރަތަމަ އަންހެން ބޭފުޅެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އެމްޑީޕީން 65 ގޮނޑިއާ އެކު ބޮޑު އަޣުލަބިއްޔަތެއް ހޯދި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް ވިދާޅުވި ބޭފުޅުންގެ ލިސްޓުގައި ރޮޒެއިނާގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި އަމިއްލަ ގޮތުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރާއި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އާއި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.

"މިދިޔަ 30 އަހަރުގެ ތެރޭގައި މަޖިލިހުގައި އެންމެ މަދުން [އަންހެން] މެމްބަރުން ބައިވެރިވާ މަޖިލިހަށް ވާނެ ކުރިއަށް އޮތް މަޖިލިސް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް އަންހެނުން ބާރުވެރިކުރުވުމަކީ. އެހެންވެ، ޕާޓީން އެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރަނީ،" ---ރޮޒެއިނާ

މަޖިލިހުގެ ރައީސްކަމަށް ހަ ބޭފުޅަކު މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، އެ މަގާމުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.

މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރެއިން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތީ އަސްލަމަށެވެ. ނަޝީދާއި އަސްލަމަކީ ސިޔާސީ މައިދާނުގައި ވަރަށް ގާތް ދެ ބޭފުޅުންނެވެ.

ރޮޒެއިނާ "މިހާރު" އަށް މިއަދު ވިދާޅުވީ މަޖިލިހުގެ ރައީސްކަމަށް އަންހެން ބޭފުޅަކު އަންނަން ޖެހޭ އިރު، އެ މަގާމަށް ކުރިމަތިލުމަށް މި އަށް ވުރެ ރަނގަޅު ވަގުތެއް ނެތް ކަމަށެވެ. މިހާތަނަށް އައިއިރު، މަޖިލިހުގެ ރައީސްކަމަށް އަންހެން ބޭފުޅަކު ވަޑައިގެންފައި ނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ވަނީ މަޖިލިހުގެ ދެ ދައުރު ފުރިހަމަ ކޮށްފައި. އަދި 16 ވަނަ މަޖިލިހުގައި ވެސް މަސައްކަތް ކުރިން. އަޅުގަނޑަކީ މަޖިލިހުގައި އިސް އެކަކު. އެހެންވެ [މަޖިލިހުގެ ރައީސްކަމަށް] ކުރިމަތިލުމަކީ ނެތް ކަމެއް ނޫން،" މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒެއިނާ ވިދާޅުވި އެވެ.

ގިނަ ބަޔަކު މަޖިލިހުގެ ރައީސްކަމަށް ކުރިމަތިލެއްވުމަކީ، އެ މަގާމު ލިބުމަށް އޮތް ހުރަހެއްތޯ ސުވާލު ކުރުމުން ރޮޒެއިނާ ވިދާޅުވީ ޑިމޮކްރަޓިކް ޕާޓީއެއްގެ ރީތި ގޮތަކީ ގިނަ ބަޔަކު ވާދަކުރުން ކަމަށެވެ. އެއީ ޑިމޮކްރަސީގެ އުސޫލު ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

"މިދިޔަ 30 އަހަރުގެ ތެރޭގައި މަޖިލިހުގައި އެންމެ މަދުން [އަންހެން] މެމްބަރުން ބައިވެރިވާ މަޖިލިހަށް ވާނެ ކުރިއަށް އޮތް މަޖިލިސް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް އަންހެނުން ބާރުވެރިކުރުވުމަކީ. އެހެންވެ، ޕާޓީން އެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރަނީ،" އާ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވީ ހަތަރު އަންހެން ބޭފުޅުން ފާހަގަކުރައްވަމުން ރޮޒެއިނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެރަވެ، ލަދުވެތިވާ ކަމެއް މިހާ މަދު އަންހެން މެމްބަރުން މަޖިލިހަށް އައުމަކީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަންހެނުން ބާރުވެރި މަގާމުތަކުގައި ތިބެގެން އެމީހުންނަށް އެހީތެރިވެވޭނީ."

"އަޅުގަނޑު ވަނީ މަޖިލިހުގެ ދެ ދައުރު ފުރިހަމަ ކޮށްފައި. އަދި 16 ވަނަ މަޖިލިހުގައި ވެސް މަސައްކަތް ކުރިން. އަޅުގަނޑަކީ މަޖިލިހުގައި އިސް އެކަކު. އެހެންވެ [މަޖިލިހުގެ ރައީސްކަމަށް] ކުރިމަތިލުމަކީ ނެތް ކަމެއް ނޫން،" --- ރޮޒެއިނާ

މި ފަހަރުގެ އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެއްވި އަންހެން ބޭފުޅުންނަކީ ރޮޒެއިނާގެ އިތުރުން ތުޅާދޫ ދާއިރާ އިން ހިސާން ހުސައިނާއި ހިންނަވަރު ދާއިރާ އިން ޖީހާން މަހުމޫދާއި ގަލޮޅު އުތުރު ދާއިރާގެ މިހާރުގެ ވެސް މެމްބަރު އީވާ އަބްދުﷲ އެވެ. އެއީ، 87 ދާއިރާ ހިމެނޭ އާ މަޖިލިހުގެ ނިސްބަތުން އެންމެ 4.5 ޕަސެންޓެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ ރިޔާސަތު ކަމުގެ ދަށުގައި މަޖިލިސް ހިނގީ ވަރަށް "ހުދުމުހުތާރު" ގޮތަކަށެވެ. މަސީހްގެ ރިޔާސަތުގައި އޭރުގެ އިދިކޮޅު މެމްބަރުންނަށް ފުރުސަތު ނުދެއްވި ނަމަވެސް، އާ މަޖިލިހުގައި އިދިކޮޅު މެމްބަރުން ފުރުސަތު ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން ގަވައިދަށް ބަދަލު ގެނެސްގެން ވިޔަސް، މަޖިލިހުގައި މައިނޯރިޓީގެ އަޑު އިއްވުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.