މަޖިލިސް އިންތިޚާބު ވަރަށް ބޭއިންސާފު، ތާކުން ތާކު ނުޖެހޭ: ފަލާހް

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބަކީ ވަރަށް ބޭއިންސާފު، ތާކުން ތާކު ނުޖެހޭ އިންތިޚާބެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.


މިއީ، މަޖިލިސް އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަވައި، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ އިސް މެމްބަރަކު ފާޑު ވިދާޅުވި ފުރަތަމަ ފަހަރެވެ.

މަޖިލިހުގެ ޖަލްސާގައި ފަލާހް ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީ ހިތާމަވެރި ގޮތަކަށް ދިޔަ އިންތިޚާބެއް ކަމަށެވެ. ފަލާހާއި އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓާ ދެމެދު ވޯޓުގެ ފަރަގު ވަރަށް ކުޑަ ކަމަށާއި ނަމަވެސް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދާއިރާގެ ވޯޓު އަލުން ގުނާފައި ނުވާ ކަމަށް ފަލާހް ވިދާޅުވި އެވެ.

އީސީގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި، އިނގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ހަސަން މުހައްމަދު (ހަސަންޓޭ) އަށް ލިބިވަޑައިގަތީ 1038 ވޯޓެވެ. ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ފަލާހަށެވެ. އެއީ 949 ވޯޓެވެ. މިއީ 89 ވޯޓުގެ ފަރަގެކެވެ.

"ނިމިގެންދާ ފަސް އަހަރުގެ ދައުރުގައި އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އަޅުގަނޑާ އެއްކޮށް، އަޅުގަނޑުގެ ބަސް އަހައިގެން ދާއިރާގެ ތަރައްގީއަށް ކޮށްދިން ހުރިހާ މަސައްކަތަށްޓަކައި ދާއިރާގެ ފަސް ރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ފަލާހް ވިދާޅުވި އެވެ.

އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ގުނަން ހުށަހެޅުމުން ގުނާފައިވެ އެވެ. އަދި ބައެއް ފޮށިތަކާ ބެހޭ ގޮތުން ހުށަހެޅި ޝަކުވާތަކަކީ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ޝަކުވާތަކެއް ނޫން ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

އާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އިންތިޚާބުގެ ވަގުތީ ނަތީޖާ އަންނަމުން ދިޔަ ވަގުތުގައި 24 މައްސަލައެއް ހުށަހެޅި ކަމަށެވެ. އަދި ކޮމިޝަނުން މައްސަލަތައް ދިރާސާކުރުމަށް ފަހު، ނިންމީ ފަސް ދާއިރާއެއްގެ ބައެއް ފޮށިތައް ގުނާށެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ 65 ގޮނޑި ހޯދައިފަ އެވެ. މިއީ އާންމު އިންތިޚާބުގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ގޮނޑި އެއް ޕާޓީއަކުން ހޯދި ފުރަތަމަ ފަހަރެވެ.