ފްރާންސް މީހާ ރާއްޖޭން ފިލީ ފަޅުވެރިއެއްގެ ގޮތުގައި!

ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ ފްރާންސް މީހާ ރާއްޖޭން ފިލީ ބޭރުގެ ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ކަމަށް ފްރާންސްގެ "ލަ ޕެރީސިއަން" ނޫހުން ބުނެފި އެވެ.


ކ. ހުވަފެންފުށި ރިސޯޓުގައި އޮކްޓޯބަރު 23، 2017 ގައި ކުޑަ ކުއްޖަކު ސްވިމިން ޕޫލަކަށް ވެއްޓި މަރުވި މައްސަލައިގައި އިހުމާލުވި ކަމަށް ބުނެ، ފުލުހުން ތަހުގީގު ނިންމައި މެނަން 24، ގެ މައްޗަށް ދައުވާ ކުރަން ނިންމި އެވެ. އެކަމަކު، ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށުނު ފަހުން، މެނަން ވަނީ ރާއްޖެ ދޫކޮށް ފްރާންސަށް ގޮސްފަ އެވެ.

ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާ ހިއްސާކޮށް މެނަން ބުނި ގޮތުގައި އޭނާ މަސައްކަތް ކުރަމުން ދިޔައީ ހުވަފެންފުށި ރިސޯޓުގެ ކޭޓަރިން ކޯޑިނޭޓަރަކަށެވެ. ރެސްޓޯރަންޓުގެ ކަންކަންމުގައި އިސްކޮށް އުޅެނިކޮށް މެނޭޖްމަންޓުން އަންގައިގެން ކުޑަ ތިން ކުއްޖަކު ބަލައްޓަން ޖެހުނު ކަމަށް ވެ އެވެ. މެނަން ބުނީ އެ ތިން ކުދިންނަކީ އަޔަލެންޑްގެ މުއްސަނދި އާއިލާއެއްގެ ތިން ދަރިން ކަމަށެވެ.

މެނަންއާ ހަވާލުކުރި ޒިންމާ އަކީ އަށް އަހަރުގެ އަންހެން ކުއްޖަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖަކާއި އެއް އަހަރާއި 11 މަހުގެ ފިރިހެން ކުއްޖާގެ ކަންކަން ބެލެހެއްޓުމެވެ. ފުލުހުންނަށް މެނަން ދިން ބަޔާނުގައިވާ ގޮތުގައި އެ ހާދިސާގައި 23 މަހުގެ ކުއްޖާ މަރުވީ ރިސޯޓުގެ އިހުމާލުންނެވެ. އަދި މުއްސަނދި އެ އާއިލާ އިން ވެސް މެނަން ކުށްވެރި ނުކުރާ ކަމަށް ބަޔާނުގައިވެ އެވެ. މެނަން ބުނެފައިވަނީ "ބޭބީ-ސިޓާ" އެއްގެ ގޮތުގައި އޭނާ އަށް މަސައްކަތް ހަވާލުކުރީ މެނޭޖްމަންޓުން ކަމަށާއި އޭނާ އަކީ އެ ވަޒީފާ އަށް އައި މީހެއް ނޫން ކަމަށާއި އެކަމުގެ އެއްވެސް ތަޖުރިބާއެއް ވެސް ނެތް ކަމަށެވެ.

ފުލުހުން މެނަން ހޯދުމަށް ވެބްސައިޓްގައި އިއުލާންކޮށްފައި.

މެނަން ބުނި ގޮތުގައި އޭނާގެ ބޮލުގައި މަރުގެ އިލްޒާމް އެޅުވީ ވެސް ރިސޯޓުންނެވެ. އަދި ތަހުގީގު އަވަސް އަރުވާލައިގެން އޭނާގެ ބޮލަށް ޖެހި ކަމަށް ވެސް މެނަން ބުންޏެވެ. މެނަން ބުނީ އޭނާގެ ވަކީލަކަށް ހަމަޖެއްސީ ވެސް ރިސޯޓުގެ ވަކީލެއް ކަމަށާއި އޭނާގެ އަމަލުތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"މައްސަލަ ތަހުގީގު ކުރަމުން އަންނަތާ އެއް ހަފުތާ ފަހުން، އަހަރެންނަށް އެންގީ ދިވެހިން ލިޔެފައި ހުރި ކަރުދާސްތަކެއްގައި ސޮއި ކުރުމަށް. އޭގައި އޮތް އެއްޗެއް އެއްވެސް ވަރަކަށް ނޭނގޭ. އެކަމަކު، ހަގީގަތަކީ އެ ކަރުދާސްތަކުން އެނގޭ ގޮތުގައި ފިރިހެން ކުއްޖާގެ މަރުގެ ޒިންމާ ނަގަން ޖެހެނީ އަހަރެންކަން. އަހަރެން ކައިރީ ބުނެފައި އޮތީ ތުހުމަތު ކުރާ ވާހަކަ،" މެނަން ބުންޏެވެ.

ފަނޑިޔާރެއްގެ މައްސަލަތަކެއް!

ފްރާންސްގެ ނޫހަށް ދިން އިންޓަވިއުގައި މެނަން ވަނީ ކްރިމިނަލް ކޯޓްގައި މައްސަލަ ބެއްލެވި ފަނޑިޔާރަކު އޭނާއާ ބައްދަލު ކުރަން އުޅުނު ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފަ އެވެ. ފަނޑިޔާރު ފޯން ނަންބަރު ހޯދީ، ޝަރީއަތާ ގުޅޭ ކަމެއްގައި ކަމަށް ބެލެވުނަސް، އޭނާގެ ނިޔަތް ގޯސްކަން އެނގުނު ކަމަށް މެނަން ބުންޏެވެ.

މެނަން ބުނީ އެ ފަނޑިޔާރު އޭނާއާ އެކު ރެސްޓޯރަންޓަކަށް ދިއުމަށާއި ހޮޓަލެއްގައި ބައްދަލު ކުރަން ޝައުގުވެރިކަން ފާޅުކޮށް މެސެޖު ކުރި ކަމަށެވެ. އަދި އެ ފަނޑިޔާރު ވަޓްސްއެޕް މެދުވެރިކޮށް ފޮނުއްވި މެސެޖްގެ ސްކްރީން ޝޮޓެއް އެ ނޫހުގައި ޝާއިއުކޮށްފައިވެ އެވެ.

"އޭނާ [ފަނޑިޔާރު] ދައުވަތު ދިނީ ރެސްޓޯރަންޓަށް އައުމަށް. އޭނާ ބޭނުންވީ ހޮޓަލުގައި ބައްދަލުކުރަން. އަަހަންނަކަށް ނޫނެކޭ ނުބުނެވޭ،" މެނަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ދިމާވި ހުރިހާ ކަމަކީ ކަޅު ދުވަސްތަކެކެވެ. އަދި އަމިއްލަ އަށް މަރުވުމުގެ ވިސްނުން ވެސް އައި ކަމަށް މެނަން ބުންޏެވެ.

"މައްސަލަ ތަހުގީގު ކުރަމުން އަންނަތާ އެއް ހަފްތާ ފަހުން، އަހަރެންނަށް އެންގީ ދިވެހިން ލިޔެފައި ހުރި ކަރުދާސްތަކެއްގައި ސޮއި ކުރުމަށް. އޭގައި އޮތް އެއްޗެއް އެއްވެސް ވަރަކަށް ނޭނގޭ. އެކަމަކު، ހަގީގަތަކީ އެ ކަރުދާސްތަކުން އެނގޭ ގޮތުގައި ފިރިހެން ކުއްޖާގެ މަރުގެ ޒިންމާ ނަގަން ޖެހެނީ އަހަރެންނަށް. އަހަރެން ކައިރީ ބުނެފައި އޮތީ ތުހުމަތު ކުރާ ވާހަކަ،" ---މެނަން

ރާއްޖެ ދޫކޮށް ދިޔައީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް މުއްދަތު ހަމަވެ، މުއްދަތު އިތުރު ކުރުމާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނުނިންމައި އޮއްވައި ކަމަށް މެނަން ބުންޏެވެ. އަދި ރާއްޖެ ދޫކޮށް ފިލީ ދެކުނުގެ އަތޮޅެއްގައި ހުރެފައި ރާއްޖޭން ބޭރަށް ފުރާ ބޯޓަކުން ކަމަށް އޭނާ ބުންޏެވެ. މެނަން ބުނި ގޮތުގައި އެ ބޯޓު ބަލައި ފާސް ކުރުމުގެ މަސައްކަތުގައި ކަސްޓަމުން ބައިވެރިއެއް ނުވެ އެވެ.

މެނަން ބުނީ ހުވަފެންފުށީގައި ހިނގި ހާދިސާ އަށް ފަހު، 14 މަސް ވަންދެން އުޅުނީ "ޖަލެއްގަ" އެވެ. އެ އަށް ފަހު، އަމިއްލަ ގައުމަށް ދެވި "ހަމަނޭވާ" ލެވިފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފްރާންސްގައި އިންސާނީ ހައްގުތަކާއި މިނިވަންކަން އޮތީ ކަށަވަރުކޮށްދީފަ އެވެ.

"އަހަރެން މިހާރު ވިސްނަނީ ކުރިއަށް ދިއުމަށް. އެކަމަށް ވަގުތު ނަގާނެ. އެކަމަކު އަހަރެން ބޭނުންވަނީ [ދިރިއުޅުމައިގެން] ކުރިއަށް ދާން،" މެނަންގެ އިންޓަވިއު ނިންމާލަމުން ބުނެފައިވެ އެވެ.