ވަޒީފާ އިން ވަކިކުރި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕީއެސް ކޯޓަށް ދަނީ

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުން އޭނާ ވަކިކުރީ ގާނޫނީ އިޖުރާއަތުތަކާއި އަދުލު އިންސާފުގެ އަސާސީ ހަމަތަކާ ޚިލާފަށް ކަމަށް ވިދާޅުވެ ކޯޓަށް ވަޑައިގަންނަވަން މުހައްމަދު ސައީދު ނިންމަވައިފި އެވެ.


ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، މިިދިޔަ ޖެނުއަރީ 27 އިން ފެށިގެން ސަސްޕެންޝަނުގައި ހުންނެވުމަށް ފަހު ސައީދު މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އޭގެ އެއް ދުވަސް ފަހުން، ސީއެސްސީން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް އާ ޕީއެސް އެއް ހޯދަން އިއުލާނުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ސައީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ތިން ތުހުމަތެއް ކޮށް އެޑިއުކޭޝަން މިނިސްޓްރީން ސީއެސްސީ އަށް މައްސަލަ ހުށަހެޅި ނަމަވެސް އެއިން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އެފަދަ ކަމެއް ކުރެއްވި ކަމުގެ އެއްވެސް ހެއްކެއް، ތަހުގީގު މަރުހަލާގައި ސީއެސްސީ އަށް ދެއްކިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިގެން ނޫން ގޮތަކަށް ހިނގާފައިވާ ކަމެއްގެ ޒިންމާ އަޅުގަނޑު އުފުލަން ޖެހޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު މާނަ ކުރައްވައި، ތަހުގީގު މަރުހަލާގައި އަޅުގަނޑު ބަޔާންކުރި އެއްވެސް ކަމަކަށް ރިއާޔަތް ކުރެއްވުމެއް ނެތި އަޅުގަނޑު ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނީ އިޖުރާއަތުތަކާއި އަދުލު އިންސާފުގެ އަސާސީ ހަމަތަކާ ހިލާފަށް ކަމަށް ފެންނާތީ، އެ މައްސަލަ ޝަރުއީ ކޯޓަށް ހުށަހަޅައިގެން އިންސާފު ހޯދުމަށް އަޅުގަނޑު ގަސްދުކުރަމެވެ،" ބަޔާނުގައި ވެ އެވެ.

ސައީދުގެ މައްޗަށް ކުރި ތުހުމަތުތައް:

- ތައުލީމީ ދާއިރާގެ މުވައްޒަފެއް، ރަސްމީ ގަޑީގައި މުލީއާގެ އަށް ގޮސް ރިޔާސީ އިންތިޚާބުގެ ހަރަކާތްތަކުގައި ބައިވެރިވުން.

- ތައުލީމީ ދާއިރާގެ މުވައްޒަފެއްގެ ފަރާތުން، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒާތީ މައުލޫމާތު މުލީއާގެއާ ހިއްސާކުރުން.

- ތައުލީމީ ދާއިރާގައި މަސައްކަތް ކުރި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުގައި ހުށަހަޅާފައިވާ ލިޔުންތައް ސައްހަތޯ ބަލާފައޮ ނުވުން.

ސައީދު ވިދާޅުވި ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ހޯދައި އެއްވެސް ފަރާތަކަށް ދިނުމަށް އެއްވެސް މީހަކަށް އަންގަވާފައި ނުވާނެ އެވެ. އެފަދަ ކަމެއް ކުރައްވާފައިވާ ނަމަ އެކަމުގެ ހެކި މިނިސްޓްރީގެ އައިޓީ ސެކްޝަނުން ހޯދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގުގައި އެ ހެކި ދައްކާފައި ނުވާ ކަމަށާއި އެފަދަ އީމެއިލެއް ނެތި އެ ތުހުމަތު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުގެ މައްސަލައާ ގުޅިގެން ސައީދު ވިދާޅުވީ، އެ ދެ މުވައްޒަފުން ވަކިކުރަން ހުށަހަޅާފައިވާ ލިޔުންތައް ކަމަށް ސީއެސްސީން އިޝާރާތްކުރީ، އެ ދެ މީހުން މަސައްކަތް ކުރި އިދާރާގެ އިސްވެރިޔާ ސޮއިކުރައްވައި ފޮނުވާފައިވާ ލިޔުންތަކަށް ކަމަށެވެ. އެމީހުންނާ މެދު ގޮތް ނިންމާފައި ވަނީ އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ އެތެރޭގައި ހަމަޖެހިފައިވާ ގޮތް އަދި ގާނޫނުން ގަބޫލުކުރާ ނިޒާމުގެ ތެރެއިންކަން، މި ސަރުކާރުގެ ވައުދުގައި ހިމެނޭ ދަރިވަރުންގެ ނާސްތާގެ ކަންތައް ހަމަޖެއްސެމުގައި އިސްކޮށް އުޅުއްވި ސައީދު ފާހަގަކުރެއްވި އެވެ.

"އެ ދެ މުވައްޒަފުންގެ މައްޗަށް އެޅުމަށް ކަނޑައެޅުނު ފިޔަވަޅު ތަންފީޒު ކުރައްވާފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އެ މުވައްޒަފުންނާ މެދު އަޅާފައިވާ ފިޔަވަޅު ނުވަތަ އެ ފިޔަވަޅު އެޅުމަށް ހިނގި މަރުހަލާތަކުގައި ގޯހެއް އުޅޭ ނަމަ އެކަމުގެ ޒިންމާ ވެސް އުފުލަން ޖެހޭނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ،" ސައީދުގެ ބަޔާނުގައި ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާފައިވާ ސައީދު ވިދާޅުވީ ޕީއެސްގެ މަގާމުގައި ހޭދަކުރެއްވި 16 މަސް ދުވަހުގެ ތެރޭގައި ވެސް އަދި އޭގެ ކުރިން ވެސް، ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ސައީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޮވެމްބަރު 9، 2017 ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ވަގުތީ ޗިޓުން ވަޒީފާ ދީ، ދާއިމީ ނުކުރެވި ތިބި ގާތްގަނޑަކަށް 3،500 މީހުންގެ ވަޒީފާ ސިވިލް ސާވިސްގެ ވިއުގައިގެ ތެރެއިން ހަމަޖެއްސުމާއި އެ މީހުންނަށް ލިބެންޖެހޭ މަގާމުގެ ކުރިއެރުން ހޯދައިދީފަ އެވެ.

އޭގެ އިތުރުން، އެޑިއުކޭޝަން އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑު ތައާރަފުކޮށް، އެ އޮނިގަނޑަށް މުވައްޒަފުން ހަމަޖައްސާފައިވާ ކަމަށް ވެސް ސައީދުގެ ބަޔާނުގައި ވެ އެވެ. މައުލޫމާތު ފުރިހަމަކުރަންޖެހޭ 2000 އެއްހާ ބިދޭސީންގެ ރެކޯޑުތައް ބެލެހެއްޓުން ފަދަ މުހިއްމު މަސައްކަތްތައް ސައީދު އިސްވެ ކުރެއްވި ކަން ފާހަގަކުރެއްވި އެވެ.