އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.
ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ބިލްގައި ބުނެފައި ވަނީ އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންނަކީ ޝަރަފްވެރިކަމާއެކު ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ މީހެއް ކަމަށެވެ.
ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން މަގާމުން ވަކިވާ ހިސާބުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ލިބެން ވާނެ ކަމަށް ބިލްގައިވެ އެވެ.
އެ ބިލަށް އަމަލުކުރަން ފަށާނީ ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުން ކަމަށް ބިލްގައި ބުނެފައިވެ އެވެ.
ރިޔާޒް ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ ކުށެއްގެ ސަބަބުން މަގާމުން ވަކިކުރާ ފަނޑިޔާރުން ފިޔަވައި ފަނޑިޔާރުކަމުގެ މަގާމުގައި ދައުލަތަށް ހިދުމަތްކުރާ ފަނޑިޔާރުން ޝަރަފުވެރިކަމާ އެކު މަގާމުން ވަކިވުމަކީ ތަހުޒީބުވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލެއް ކަމަށެވެ.
ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން އުއްތަމަ ފަނޑިޔާރަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރުމުގައި ދެމި ހުންނެވި ފަނޑިޔާރަކަށްވެފައި، އެ އުއްތަމަ ފަނޑިޔާރަކީ ކުށަކާލައިގެން ވަކި ކުރެވުނު ފަނޑިޔާރެއް ނޫން ކަމަށް ވެސް ރިޔާޒް ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
ރިޔާޒް އެ އިޝާރާތް ކުރައްވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހިމަށެވެ. އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފަށައި އުއްތަމަ ފަނޑިޔާރެއް އައްޔަންކުރެއްވި އިރު އޭރު ހުންނެވި އުއްތަމަ ފަނޑިޔާރާ މެދު އަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ.
އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންނަށް އިނާޔަތް ދޭން ހުށަހެޅުއްވީ ހިދުމަތުގެ އަގުވަޒަން ކުރުމަށް ކަމަށް ބިލްގައިވެ އެވެ.
ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ލިބޭ ބިލެއް މަޖިލިހަށް ހުށަހެޅި އިރު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރުންނަށް ދެމުން އަންނަ މުސާރައިގެ އޮނިގަނޑެއް ކަނޑައަޅައި އެކަމާ މެދު ގޮތެއް ނިންމުމަށް ކޮމިޓީ އަށް ސިޓީ ފޮނުވައިފަ އެވެ.
ޖޭއެސްސީ އިން ފޮނުވި ސިޓީގައި ވަނީ ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް މިހާތަނަށް އައިއިރު ރިވިއުކޮށްފައި ނުވާ އިރު، މިހާރު ފަނޑިޔާރުންނަށް ލިބޭ މުސާރަ އަކީ ދިރިއުޅުމުގެ ހަރަދުތަކާއި އެ ބޭފުޅުންގެ މަސްއޫލިއްޔަތާ އަޅާ ބަލާއިރު، އެކަށީގެންވާ ވަރަށް ވުރެ ކުޑަ މުސާރައެއް ކަމަށެވެ.