ސުއޫދު ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގައިފި

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އޭނާ މިއަދު ހާޒިރުކޮށް ބަޔާނެއް ނަގައިފި އެވެ.


މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ގެ ޕްރޮގްރާމްގައި ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށާއި އެ ހުރިހާ ބޭފުޅުން މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލަން ނިންމައިފަ އެވެ.

ސުއޫދު "މިހާރު" އަށް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑީޖޭއޭ އަށް އޭނާ ހާޒިރުކޮށް، އެ ވާހަކަތައް ދެއްކެވީ ކޮން މަގުސަދެއް ހާސިލް ކުރަންތޯ އެތަނުން އެހި ކަމަށެވެ. ސުއޫދު ވިދާޅުވި ގޮތުގައި އޭނާއާ ސުވާލު ކުރެއްވީ ޑީޖޭއޭ އާއި ސުޕްރީމް ކޯޓުގެ އިސް ބައެއް ބޭފުޅުންނެވެ.

"އަޅުގަނޑު ދެންނެވިން މަގުސަދެއް ނެތޭ. ހިޔާލުފާޅުކުރުމުގެ މިނިވަން ކަމޭ ބޭނުންކުރީ. އެއީ އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ދެއްކި ވާހަކައެއް ކަން ފާހަގަކުރީ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ ޝަރުއީ ނިޒާމަށް ބަދަލު ގެނެވޭ ފެންވަރުގެ މަގާމެއްގައެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަންޖެހޭ ކަމަށް ވިދާޅުވީ އެއީ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަން ޖެހޭ ކަމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ބުނީ، ސުއޫދު އެ ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ މައްސަލަ ބަލަން ނިންމީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ގާނޫނީ ވަކީލުންގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން ކަމަށެވެ.

މީގެ ކުރިން ވެސް ޝަރުއީ ދާއިރާގެ އެކި ކަންކަމަށް ފާޑު ވިދާޅުވެގެން ސުއޫދާއި އެހެން ބައެއް ވަކީލުން ސުޕްރީމް ކޯޓުން ވަނީ ސަސްޕެންޑްކޮށް، އެ ވަކީލުންގެ މައްސަލަ ބަލައިފަ އެވެ. އެކަމަކު، ފަހުން، އެ ހުރިހާ ވަކީލުންނަށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ވަނީ ދީފަ އެވެ.

ސުއޫދު އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ 54 ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އޭނާގެ އެ ސަސްޕެންޝަން އުވައިލީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ، ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރުމާ އެކު އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ސުއޫދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ ރައީސް ކަން ވެސް ކުރައްވައި ސުއޫދު ބައެއް ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން ގޮތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އޭނާގެ މައްސަލަ ބެލި އެވެ.