ކާޑެއްދޫ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެތަން ވިލާ ކުންފުންޏަށް އަނބުރާ ދޭން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.


ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ ކުންފުންޏަށް 50 އަހަރަށް 2013 ވަނަ އަހަރު ދިނުމަށް ފަހު އެތަނުގެ އެއްބަސްވުން ބާތިލްކޮށް، ސަރުކާރުން 2017 ވަނަ އަހަރު އެތަން އަތުލި މައްސަލާގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިވިލް ކޯޓުން ހުކުމްކުރީ އެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ، އެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށް ކަނޑައަޅައި، އެތަން އަތުލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ވިލާ އެއާ އަށް އޮންނާނެ ކަމަށް ވެސް ސިވިލް ކޯޓުން ހުކުމްކުރި އެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެއާޕޯޓް ދިނުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓަކަށް ގެއްލުންވި ހާދިސާއަކާ ގުޅިގެން އެ ކުންފުނިން ތައްޔާރުކުރި ރިޕޯޓަކަށާއި ސިވިލް އޭވިިއޭޝަން އޮތޯރިޓީން ހެދި އެސެސްމަންޓް ރިޕޯޓަކަށް ބިނާކޮށް ކަމަށެވެ.

އެކަމަކު އައިލެންޑް އޭވިއޭޝަންގެ ރިޕޯޓަށް ބަލާއިރު، އެ ބޯޓަށް ގެއްލުންވީ ކާޑެއްދޫ އެއާޕޯޓުގައި ޖެއްސުމުން ކަމަށް ބުނެފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ރިޕޯޓުގައި ވެސް، ކާޑެއްދޫ އެއާޕޯޓަށް ފްލައިޓްތައް އޮޕަރޭޓް ކުރުން ކުރިއަށް ގެންދާނެ ކަމަށް ބުނެފައި އޮތުމުން ކާޑެއްދޫ އެއާޕޯޓަށް ފްލައިޓްތައް އޮޕަރޭޓް ކުރުމުގައި ހުރަހެއް ނެތް ކަން އައިލެންޑް އޭވިއޭޝަނުން ގަބޫލު ކުރާ ކަން ދަލީލު ކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ އެސެސްމަންޓް ރިޕޯޓަށް ފަހު ވެސް އައިލެންޑް އޭވިއޭޝަންގެ ބޯޓުތައް އެ އެއާޕޯޓްގައި ޖައްސަމުން ދިޔަ ކަމަށް ވިލާ ކުންފުނިން ބުނާއިރު އެކަމަށް ދައުލަތުން ވެސް އިންކާރު ނުކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީން 2016 ގައި ހެދި އެސެސްމަންޓް ރިޕޯޓުގައި، ވެސް ކާޑެއްދޫ އެއާޕޯޓް އޮޕަރޭޝަންސްތައް ހުއްޓާލަން އަންގާފައި ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އޭގެފަހުން އެ އޮތޯރިޓީން ހެދި ފޮލޯ އަޕް އެސެސްމަންޓްގައި ވެސް، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން އިތުރު މުއްދަތުތަކެއް ވިލާ އެއާ އަށް ދީފައި އޮތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެސެސްމަންޓްތަކަށް ފަހު ޖެނުއަރީ، 2017 ގައި ކާޑެއްދޫ އެއާޕޯޓް އޮޕަރޭޓް ކުރުމުގެ ލައިސަންސް އެ އޮތޯރިޓީން ދިން ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ހުކުމުގައިވާ ގޮތުން ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި އެއާޕޯޓް އޮޕަރޭޓް ކުރުމާއި ލައިސަންސާ ގުޅޭ ކަންކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމަށާއި އެ އޮތޯރިޓީގެ ނިންމުމަށް ސަރުކާރަށް ވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ އޮތޯރިޓީގެ އެސެސްމަންޓްތަކަށް ފަހު ވެސް، އޮޕަރޭޝަންސް ހުއްޓާލަން އަންގާފައި ނެތުމާއި އޭގެފަހުން ވެސް އެތަނަށް ލައިސަންސް ދީފައި އޮތުމުން އެތަން އޮޕަރޭޓް ކުރަމުން އައީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައިވަނީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ ޚިލާފްވި ކަމަށް ބުނެ ކާޑެއްދޫ އެއާޕޯޓްގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށެވެ. އެހެންވެ، އެތަން އަނބުރާ ދޭން ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީ އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ޝުޖާއު އެވެ.

ކާޑެއްދޫ އެއާޕޯޓްގެ މައްސަލަ ސިވިލް ކޯޓުގައި ހިނގިއިރު، އެތަން އަތުލުން ހުއްޓާލުމުގެ ވަގުތީ އަމުރެއް ވެސް ސިވިލް ކޯޓުން އޭރު ނެރުނެވެ. އެކަމަކު ފަހުން ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.