ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ޚިލާފުވާތީ: ސިރާޖު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮރަޕްޓު ކަމަށް ވިދާޅުވީ، އެ ބޭފުޅުން ފައިސާ ނަންގަވާ ކަމުގެ މާނައިގައި ނޫން ކަމަށާއި އޭނާ މާނަކުރެއްވީ ލިބިވަޑައިނުގަންނަވާ ބާރުގެ ބޭނުން ކުރެއްވުމާއި އިޖުރާއަތުތަކާ ޚިލާފަށް އަމަލު ކުރެއްވުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ދެއްވި ބަޔާނުގައި ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.


ފަނޑިޔާރުގެ އިސްލާހުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްގެން ކަމަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވުމާ ގުޅިގެން ސިރާޖު އިއްޔެ ވަނީ ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އެ ބަޔާނުގައި ވެސް އޭނާ ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށެވެ. އަދި ދައުލަތުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ މަގާމެއްގައި ތިބޭ ބަޔަކު ކަން ކުރަން ޖެހޭ ގޮތާ ހިލާފަށް ކަންކުރާ ނަމަ އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ބަޔާނުގައި ވިދާޅުވި އެވެ.

"ފަނޑިޔާރުން ކަންކުރާ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ ފަނޑިޔާރުން ބަދަލުކުރަން ޖެހޭ. އެއީ ބުނަން ޖެހޭ ވާހަކައެއް. އެއީ ކޯޓުގެ ހުރުމަތް ކެނޑުމެއް ނޫން،" ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އަށް ދިން ބަޔާނުގައި ސިރާޖު ވިދާޅުވި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގަައި، ފޮނަދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބަލިކުރެއްވި ސިރާޖު ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާ އެކުލަވާލާފައި ވަނީ ފެހި ގާނޫނުއަސާސީ ބުނާ ގޮތަކަށް ނޫނެވެ. އެހެންވެ، މީހުންގެ އިތުބާރު ލިބޭ ގޮތަށް ޝަރުއީ ދާއިރާ އެކުލަވާލަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"ފަނޑިޔާރުންނަށް މަގާމުގެ ރައްކާތެރިކަން އޮންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ނަމަވެސް ފަނޑިޔާރުން ސީދާ ގޯސްކޮށް ކަންކަން ކުރާއިރު ފަނޑިޔާރުން ވަކިނުކޮށް ތިބެގެން ނުވާނެ،" އެމްޑީޕީގައި އިސްކޮށް އުޅުއްވާ ވަކީލް، ސިރާޖުގެ ބަޔާނުގައި ވެ އެވެ.

ޝަރުއީ ދާއިރާއަށް އާއްމުން އިތުބާރު ނުކުރާކަން ފާހަގަ ކުރައްވައި ސިރާޖު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިންގައި އޭނާ އުޅުއްވިއިރު ވެސް އަދި އެކި މައްސަލަތަކުގައި އަންނަ މީހުން ވެސް ރާއްޖޭގެ ޝަރުއީ ދާއިރާ އިން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"ފަނޑިޔާރުންނަށް މަގާމުގެ ރައްކާތެރިކަން އޮންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ނަމަވެސް ފަނޑިޔާރުން ސީދާ ގޯސްކޮށް ކަންކަން ކުރާއިރު ފަނޑިޔާރުން ވަކިނުކޮށް ތިބެގެން ނުވާނެ،" ސިރާޖު

ފަނޑިޔާރުން، އިޖުރާއަތާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ކޮރަޕްޓު ބައެއް ކަމަށް މާނަކުރެއްވީ، އެ ކޯޓުން ސުމޯޓޯ މައްސަލަ ހިންގުމާއި ދަށު ކޯޓުގައި ހިނގަމުން އަންނަ މައްސަލަތަކުގެ ފައިލް 'އުފުލުން' ފަދަ ކަންކަން ކުރާތީ ކަމަށެވެ. އަދި ޑީޖޭއޭ ސުޕްރީމް ކޯޓުގެ ދަށަށް ބަދަލުކޮށްފައިވާއިރު އެއީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ސިރާޖު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އަންގައިގެން ޑީޖޭއޭ އަށް މިދިޔަ ބުދަ ދުވަހު ވަނީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ހާޒިރުކޮށްފަ އެވެ. އޭނާގެ މައްސަލައަކަށް ވީ، އިންސާފު ގާއިމްކުރެވެން އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްގެން ކަމަށް ވިދާޅުވެ ރާއްޖެ ޓީވީގައި ވާހަކަ ދެއްކެވުމެވެ.

މީގެ ކުރިން ވެސް ޝަރުއީ ދާއިރާގެ އެކި ކަންކަމަށް ފާޑުވިދާޅުވެގެން ސުއޫދު ވަނީ ސަސްޕެންޑު ކޮށްފަ އެވެ. ޝަރުއީ ދާއިރާ އަށް ފާޑުކިޔާ އެހެން ބައެއް ވަކީލުން ވެސް މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.