ޑްރަގުގެ ބޮޑު މައްސަލަ: ހައްޔަރުކުރި މީހުންގެ ތެރޭގައި އުމުރަށް ޖަލަށް ލި މީހެއް ވެސް!

ގދ. ހުޅުވާރުލުގައި ވަޅުލާފައި އޮއްވާ އިއްޔެ ފުލުހުން ހޯދި 149 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސް ހުރި މީހަކު ވެސް ހިމެނޭކަން، "މިހާރު"އަށް އެނގިއްޖެ އެވެ.


ގދ. ގައްދު އާއި ގއ. ކަނޑުހުޅުދުއާ އެއް ފަޅެއްގައި އޮންނަ ހުޅުވާރުލުން ފެނުނު ހެރޮއިން އާއި ކެނަބިސްގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ. އެ މައްސަލާގައި ފަސް މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގައްދޫގެ ދެބެންނާއި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައި މީހާ އެވެ.

އެ ބޮޑު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާާމީން ސަރުކާރުން މިދިއަ ރިޔާސީ އިންތިހާބާ ދިމާކޮށް މައާފުދިން މީހުންގެ ތެރޭގައި އޭނާ ހިމެނުނީ ކަމަށް "މިހާރު" އަށް ލިބުނު މައުލޫމާތުތަކުން އެނގެ އެވެ.

އޭނާ މިނިވަންވީ ހަ އަހަރު ޖަލުގައި ހުރި ފަހުންނެވެ. އޭނާ އެންމެ ފުރަތަމަ ދޫކޮށްލީ ރަށު ބަންދަށެވެ. މުޅިން މިނިވަންވީ އޭގެ ފަހުންނެވެ.

ފަސް މީހުންގެ ތެރެއިން ދެ މީހަކު ގައްދޫން ހައްޔަރުކުރި އިރު އަނެއް ތިން މީހުން ހައްޔަރުކުރީ ނިލަންދޫންނެވެ. އޭގެ ތެރޭގައި ދެ ޅިޔަނަކު ވެސް ހިމެނެ އެވެ.

ގައްދޫގެ ދެބެންގެ ތެރެއިން ދޮށީ މީހާ ވެސް ވަނީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭނާއަށް އެއްވެސް ހުކުމެއް އައިކަން ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ހައްޔަރުކުރި މީހުންނާ ބެހޭ މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، ފަޅުރަށުގައި މަސްތުވާތަކެތި ވަޅުލަން ލޯންޗެއްގައި ގެންދިއުމުގައި އިސްކޮށް އުޅުނީ ހައްޔަރުކުރި ދެ ޅިޔަނުންނެވެ. އޭގެ ތެރެއިން އެކަކު ނިސްބަތްވަނީ ކޮނޑޭއަށެވެ. އަނެކަކަކީ ނިލަންދޫ މީހެކެވެ.

"މިހާރު"އާ ވާހަކަ ދެއްކި މީހާ ބުނީ އެ ދެ މީހުން އެގޮތަށް ދަތުރުކުރާތާ މިހާރު މަހެއް ވެދާނެ ކަމަށެވެ.

"[ކޮނޑޭއަށް ނިސްބަތްވާ މީހަކީ] އެ ރަށުގައި [ނިލަންދޫގައި] އުޅޭ މީހެއް ނޫން. އެކަމަކު މަހެއް ވެދާނެ މިހާރު، ޅިޔަނާ ދެ މީހުން ވެގެން އެގޮތަށް ދަތުރުކުރާތާ. ކޮނޑޭއަށް ނިސްބަތްވާ މީހާ ގެނައި ލޯންޗުން އެ ދާ ތަނަކަށް ގޮސްފައި ގާތްގަނޑަކަށް ދެތިން ދުވަސް ކޮށްލާފައި އަނެއްކާވެސް އެގޮތަށް ދަތުރުކުރާނީ،" ނަން ނުޖަހާ ގޮތަށް "މިހާރު"އާ ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

"މިއީ އާދައިގެ ލިންކެއް ނޫން."

ކޮނޑޭއަށް ނިސްބަތްވާ މީހާ ވެސް މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ވެ އެވެ. މި ފަހުން އޭނާ ވަނީ ގްރޫޕު ހަދައިގެން ދީނީ ފަތުވާ ވެސް ދީފައި ކަމަށް، އެނގިފައިވެ އެވެ.