އޭސީސީގެ ރިޕޯޓް: އަދުރޭ އާއި އާރިފު މުޅިން ވެސް ދެއްކެވީ "ސިޔާސީ ވާހަކަ"!

އެމްއެމްޕީއާރުސީގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް އަލީ އާރިފް، އަދި ހިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުންގެ ލިސްޓް އެނގިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ވިދާޅުވުމަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް، އޭސީސީގެ ތަހުގީގުގައި ދެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.


ކެލާ ދާއިރާގެ އާރިފާއި ފޮނަދޫ ދާއިރާގެ އަދުރޭ އެ ތުހުމަތުތައް އަޅުއްވައި، ދެއްކެވި ވާހަކަތަކާ ގުޅިގެން އޭސީސީއަށް ދެ ބޭފުޅުން ހާޒިކުރީ މިދިއަ ފެބްރުއަރީ މަހު އެވެ. އެކަމަކު ތަހުގީގުގައި ދެ ބޭފުޅުން ވެސް ވިދާޅުވީ އެއީ "ސިޔާސީ ގޮތުން ދެއްކެވި ވާހަކަތަކެއް" ކަމަށެވެ.

ދެ ބޭފުޅުންގެ ވާހަކަތަކާ ގުޅިގެން އޭސީސީން ކުރި ތަހުގީގާ ބެހޭ ރިޕޯޓް މިއަދު އާންމުކުރި އިރު އެއިން ދޭހަވަނީ، ތަހުގީގީ އިދާރާއަކަށް ހާޒިރުކުރުމުން އާރިފާއި އަދުރޭއަށް ވެސް އެނގިވަޑައިގަންނަވާ އެއްޗެއް ނެތް ކަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތުހުމަތުކުރައްވާ އާރިފް ވިދާޅުވެފައި ވަނީ ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރުފިޔާ އެމަނިކުފާނު ނެންގެވި ކަމަށެވެ. އެހެން އޭނާ ވިދާޅުވީ އެކަން އެނގިވަޑައިގަންނަވާތީ ކަމަށް ވެސް އާރިފު އޭރު ވިދާޅުވި އެވެ.

އަދުރޭ އޭސީސީއަށް ހާޒިރުކުރީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީ މެމްބަރުންގެ ލިސްޓް އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވުމުންނެވެ.

ދެ ބޭފުޅުންގެ ތަހުގީގާ ބެހޭ ގޮތުން އޭސީސީން ބުނި ގޮތުގައި ސިޔާސީ އެހެން ބޭފުޅުންނަށް ތުހުމަތުކުރައްވައި ދެ މެމްބަރުން ވެސް ވާހަކަ ދެއްކެވީ ސިޔާސީ ގޮތުން ކަމަށް، ތަހުގީގުގައި ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ ކޮން ބަޔަކަށް ކަމާއި، ކިހާ ވަރެއްކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ކަމަށް ވެސް، ރިޕޯޓްގައިވެ އެވެ.

"އެއީ ސިޔާސީ ގޮތުން ދައްކަވާފައިވާ ވާހަކައެއް ކަމަށާއި އާންމުކޮށް ސިޔާސީ މަޝްރަހުގައި އެހެން މީހުން ވެސް ވާހަކަދައްކަނީ ހަގީގަތް ބަލައިގެން ނޫން ކަމަށް،" އެއް މެމްބަރަކު ވިދާޅުވި ކަމަށް، ރިޕޯޓުން އެނގެ އެވެ.

"ސިޔާސީ ގޮތުން އެވަގުތަކު ދައްކަންވާ ވާހަކައެއް ދައްކާނެ" ކަމަށް ވެސް އެ މެމްބަރު ތަހުގީގުގައި ވިދާޅުވި ކަމަށް، ރިޕޯޓްގައި ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ބެހި ވާހަކަ އޭނާއަށް އެނގިވަޑައިގަތީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަމަށް ތަހުގީގުގައި ވިދާޅުވިޔަސް، އެ ވާހަކަ ދެއްކެވީ ކޮން މެމްބަރެއް ކަމާއި އެ ފައިސާ ސީދާ ވަކި މީހަކަށް ލިބުނުކަން ފާހަގަކުރެއްވުނުކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް، އެ މެމްބަރު ވިދާޅުވި އެވެ.

މިއީ އަލީ އާރިފާއި އަދުރޭ ހާޒިރުކޮށް ކުރި ތަހުގީގެއް ނަމަވެސް އޭސީސީގެ ރިޕޯޓްގައި އެ ބޭފުޅުންގެ ނަމެއް ގެނެސްފައެއް ނުވެ އެވެ.

އޭސީސީން ބުނީ ރާއްޖޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތަކާ ބެހޭ ގޮތުން، ދައުލަތުގެ ޒިންމާދާރު ބައެއް ވެރިން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތެއް ވާހަކަ ދައްކަވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެކަށީގެންވާ ވަރަށް މައުލޫމާތު ނުހޯއްދަވާ ވާހަކަ ދައްކަވާ ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނި ގޮތުގައި އެއިން ބޭފުޅަކު ކޮމިޝަނަށް ހާޒިރުކުރުމުން "އެއްވެސް މައްސަލައެއްގައި ތަހުގީގު ކުރިއަށް ގެންދެވޭ ވަރަށް މައުލޫމާތު ދީފައެއް ނުވެ" އެވެ.

އަލީ އާރިފާއި އަދުރޭ ވެސް ވަނީ މިދިއަ އިންތިހާބުގައި ބަލިވެވަޑައިގެންފަ އެވެ. ޕީޕީއެމްގެ ބަދަލުގައި މިހާރު ދެ ބޭފުޅުން ތިއްބެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންސީގަ އެވެ. އެކަމަކު ދެ ޕާޓީގައި ވެސް އުޅެނީ ދާދި އެއް ބައެކެވެ.