އޭޖީ ދައްކަވަނީ ބޮޑެތި ގޯސްތަކެއް، 348 މިލިއަން ދޭން ދެކޮޅު

ދީބާޖާގެ އެއްބަސްވުން އުވާލުމުން، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާގެ ގެއްލުން ވި ކަމުގެ ހެއްކާއި ގަރީނާއެއް ފެންނަން ނެތް ކަމަށާއި އެ އަދަދަކީ ދައުލަތަށް ބަލަދުއަރާ ފައިސާގެ ސައްހަ އަދަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އިއްޔެ ވިދާޅުވެއްޖެ އެވެ.


އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން އެމްޑީޕީގެ ސަރުކާރުގައި ދީބާޖާއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވަނީ ބާތިލްކޮށްފަ އެވެ. އެ މައްސަލައިގެ ގެއްލުމުގެ ބަދަލަށް 348 މިލިން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

ދައުލަތަށް މާލީ ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ މައްސަލަ ކޯޓުތަކުގައި ކުރިއަށް ގެންދިިޔަ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ކަންބޮޑުވުންތަކާއި ދީބާޖާ އަށް ބަދަލު ދިނުމާ މެދު ދައުލަތުގެ ވިސްނުން އޭޖީ ވަނީ "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ހިއްސާކުރައްވައިފަ އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި، ދީބާޖާ މައްސަލަ ކޯޓުތަކުގައި ނިންމި ގޮތުން ސުވާލު އުފެދޭ ގިނަ ކަންކަން އެބަ ހުއްޓެވެ. އެއީ، އަދުލުވެރި ބަދަލެއްގެ ގޮތުގައި ބަލައިގަނެ، ނުދޭ ޚިދުމަތަކަށް ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ތައްޔާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލްކުރުމުން ގެއްލުން ވެއްޖެ ކަމަށް ބުނާ ނަމަ، އެ ގެއްލުން ރަނގަޅަށް ބަލައި ދިރާސާކުރަން ޖެހޭނެ ކަމަށް ރިފްއަތު ދެކެވަޑައިގަންނަވަ އެވެ. ދައުލަތުން ދައްކަން ޖެހޭނީ ގެއްލުންވި އަދަދެއް ކަމަށާއި މިހާރު ފެންނަން އޮތް 348 މިލިއަނަކީ ސައްހަ އަދަދެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮބައިތޯ މައްސަލަ އަކީ ދަށު ކޯޓު މަރުހަލާގައި، ދީބާޖާ އަށް ވެފައި އޮތް ގެއްލުން އަޅުގަނޑުމެން ބެލުމުގެ؟ ނެތޭ އެއްވެސް މައްސަލައެއް. ކީއްވެތޯ އަޅުގަނޑުމެން 348 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ގޯސް ކަމަށް ހައި ކޯޓުން ބާތިލްކުރީމަ އިތުރަށް އެއްވެސް ބެލުމެއް ނުބަލައި އަނެއްކާ ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކުރީ؟ ވަކިން ޚާއްސަކޮށް، ފަނޑިޔާރުންނަށް މި މައްސަލައިގައި ކުރާ ރިޝްވަތުގެ ތުހުމަތާ މެދު ސުވާލު އުފެދޭ. --އޭޖީ

ދީބާޖާ މައްސަލައިގެ ޚުލާސާ:

- އުތުރު ޕްރޮވިންސް (ނ، ރ، ބ، ޅ،) ގައި ދަތުރުފަތުރުގެ ޚިދުމަތް ދޭން ސަރުކާރާ އެކު ދީބާޖާ އިން އެއްބަސްވުމުގައި ސޮއިކުރީ ފެބުރުއަރީ 1، 2010 ގައި.

- އެއްބަސްވީ ދީބާޖާ އަށް 47 ބިމެއް ހަވާލުކޮށް، ރ. ކުޑަކުރަތު ޖޮއިންޓްވެންޗާގެ ގޮތުގައި ތަރައްގީކުރަން އެ ކުންފުންޏާ ހަވާލުކުރަން. ޖުމްލަ 17 ބިމެއްގެ ރަޖިސްޓްރީ ދީބާޖާއާ ހަވާލުކުރި. (ޖޫން، 30، 2010 ގައި، 9 ބިމެއްގެ އަދި ޖެނުއަރީ، 18، 2011 ގައި 8 ބިމުގެ ރަޖިސްޓްރީ)

- އެއްބަސްވުމާ ޚިލާފަށް ޚިދުމަތް ދޭތީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެއްބަސްވުން ބާތިލްކުރީ، ވިދިވިދިގެން ފަސް ދުވަހު ޚިދުމަތް ނުދެވިއްޖެ ނަމަ އެއްބަސްވުން އުވާލެވެން އޮތުމުން.

- އެއްބަސްވުން ބާތިލްކުރުމުން ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލައިގެ ހުކުމްގައި ވަނީ، އެއްބަސްވުން އުވާލީ ތިން ދުވަހު ޚިދުމަތް ނުދެވުމުން ކަމަށް. އެއީ، އެއްބަސްވުން ގޯސްކޮށް ބާތިލްކުރި ކަމަށް ކަނޑައެޅި އެއް ސަބަބު.

- އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އިން ހުށަހެޅީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން. އެކަމަކު 23، އޮކްޓޯބަރު، 2014 ގައި ސިވިލް ކޯޓުން، ގާޒީ އަލީ ނަސީރު ހުކުމް ކުރެއްވީ ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 348 މިލިއަން ރުފިޔާ ކަމަށް.

- އެ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ، ކޯޓަށް މައްސަލަ ހުށަހަޅަން ޖެހޭ މުއްދަތު ފަހަނަޅައިދިޔަ ފަހުން ޖުލައި، 22، 2015، ގައި.

- ޖޫން، 26، 2018، ގައި ހައި ކޯޓުން ނިންމީ ބަދަލުގެ ގޮތުގައި 348 މިލިއަން ދޭން ދަށު ކޯޓުން ކުރި ހުކުމް ގޯސްކަމަށް.

- އެ މައްސަލަ ދީބާޖާ އިން ސުޕްރީމް ކޯޓަށް މިދިޔަ އޮކްޓޯބަރު މަހު ހުށަހެޅުމުން، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައި ދީބާޖާއާ އެއްކޮޅަށް މައްސަލައިގެ ހުކުމް ކުރީ އެޕްރީލް، 17، 2019، ގައި.

- ސިވިލް ކޯޓުން އަމިއްލަ އިސްނެގުމަށް ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ވަނީ ފަށާފައި.

ދީބާޖާގެ އެއްބަސްވުމުގައި ސޮއިކުރަނީ: ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން އެ ކުންފުންޏަށް ދައުލަތުން ދޭން ޖެހޭ ކަމަށް އޭޖީ ގަބޫލެއް ނުކުރައްވާ.

ފެރީ ޚިދުމަތް ދޭން ވި އެއްބަސްވުމާ އެއްގޮތަށް ދީބާޖާ އިން މާ ބޮޑު އިންވެސްޓްމެންޓެއް ކުރި ތަނެއް ފެންނާކަށެއް ނެތެވެ. އެ ހާލަތުގައި، އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް މުސްތަގުބަލުގައި ލިބޭނެ ގެއްލުމުގެ ގޮތުގައި ބަލައި، އެހާ ބޮޑު އަދަދެއް ނެގުމަކީ މި މައްސަލައިގެ ހުކުމާ މެދު ގާނޫނީ ފަރާތްތަކުން ވެސް ސުވާލު އުފައްދާ ކަމެކެވެ.

ބިންތަކާއި ސަބްސިޑީގެ ގޮތުގައި ރަށަކާއި ޓެކްސް އަށް ލުއިތަކެއް ވެސް ސަރުކާރުން އެ ކުންފުންޏަށް ދިނެވެ. އެ ކުންފުންޏަށް މާލީ ބޮޑު ފައިދާވާނެ ގޮތަށް އޮތް އެއްބަސްވުމާ އެއްގޮތަށް ތިން އަހަރު އެކަށީގެންވާ ޚިދުމަތެއް އެ ކުންފުނިން ދީފައެއް ނުވެ އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި 348 މިލިއަން ދީބާޖާ އަށް ނަގައިދޭން ސިވިލް ކޯޓުން ފުރަތަމަ ނިންމި ގޮތެއް ވެސް ސާފެއް ނުވެ އެވެ.

"އެއް ކަމަކަށް، [ހުކުމުގައިވާ] ވެއިޓެޑް އެވްރެޖް ކޮސްޓް އޮފް ކެޕިޓަލް، މި ބުނާ މަހްފޫމެއް މި މައްސަލައިގައި އެޕްލައިކުރި ގޮތެއް، ކިހިނެއްތޯ ކަންކަން ބެލީ މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ހުކުމުގައި ސާފުކޮށް ކިޔައިދީފައެއް ނެތް،" އޭޖީ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި އޭނާގެ ކަންބޮޑުވުމަކީ ދަށު ކޯޓުން މައްސަލަ ނިންމި އިރު ވެސް އެންމެ އެކަށީގެންވާ ގޮތުގައި އެ ކަންކަމަށް ބަލާފައި ނުވުމެވެ.

"ދީބާޖާ އިން އެބަ ބުނޭ އާންސްޓް އެންޑް ޔަންގް ރިޕޯޓްތަކެއްގެ ވާހަކަ. އަޅުގަނޑު މިކޮޅުން ބެލިން މައްސަލަ ބެއްލެވި ވަކީލުންނާ ވާހަކަ ދައްކާފައި، އެއީ ތެދެއްތޯ ދޮގެއްތޯ. އަޅުގަނޑަށް ލިބުނު މައުލޫމާތުގައި، އެ ބޭފުޅުން މި ވިދާޅުވަނީ އެ ރިޕޯޓްތަކަކީ މި ޕްރޮޖެކްޓް އެންމެ ފުރަތަމަ ބިޑްކުރި އިރު ގެންގުޅުނު ފައިނޭންޝަލް ޕްރޮޖެކްޝަންސްތަކެކޭ،" ރިފްއަތު ވިދާޅުވި އެވެ.

"އެއީކީ އެއްވެސް ހާލެއްގައި ލިބުނު ގެއްލުން އެސެސްކުރަން މިނިވަން މުސްތަގިއްލު އޮޑިޓް ފާމެއް ލައްވައި ހެދި އެސެސްމަންޓެއް ނޫން."

އަނެއް ކަންބޮޑުވުމުގެ ގޮތުގައި ރިފްއަތު ނެންގެވީ، ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާ އެވެ. އެ މާއްދާގައި އޮންނަނީ، ސޮއިކުރާ އެއްބަސްވުމާ، އެއް ބައިވެރިކު ޚިލާފުވުމުން ވެސް ނަގައިދެވޭ ގެއްލުމުގެ ބަދަލު ވާންވާނީ ދެބައި މީހުންނަށް ތަސައްވަރުކުރެވޭ ވަރުގެ ބަދަލަކަށް ކަމަށެވެ.

ބަދަލުގެ ގޮތުގައި ދީބާޖާ އަށް ދައުލަތުން ނަގައިދޭން ހުކުމް ކުރި އަދަދަކީ، އޭޖީ ގަބޫލުކުރައްވާ ގޮތުގައި، އެއްވެސް މީހަކަށް ތަސައްވަރު ކުރެވޭ އަދަދެއް ނޫނެވެ.

ވަހީދު ސަރުކާރުގައި އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަން ފާހަގަކުރައްވައި، ރިފްއަތު ވިދާޅުވީ އެހެންވިޔަސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދީފައިވާ 348 މިލިއަނަކީ ސައްހަ އަދަދެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ހައި ކޯޓުގައި ކުރީގެ ސަރުކާރުން މި މައްސަލަ އިސްތިއުނާފްކުރީ، މުއްދަތު ހަމަވި ފަހުންނެވެ.

އޭޖީ ވިދާޅުވީ މުއްދަތު ފަހަނާޅާފައި އޮތަސް ހައި ކޯޓުގެ ގަވާއިދަށް ރިއާޔަތްކޮށް މައްސަލަ ކުރިއަށް ގެންދިއުމުގެ ހުއްދަ އަށް ދައުލަތުން އެދިފައި ވަނީ މާލީ ބޮޑު މަސްލަހަތެއް ހިމެނޭ މައްސަލައަކަށް ވެފައި އޭގައި ނަގައިދިން ބަދަލު ދައްކަން ޖެހޭނެ ކަމަށް ގަބޫލުނުކުރެވިގެން ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބަލައިގަތް ސަބަބާ މެދު ސުޕްރީމް ކޯޓުން ސުވާލު އުފެއްދި އެވެ. އެކަމަކު، ރިފްއަތު ވިދާޅުވީ އެ މައްސަލަ ބަލައިގަތީ، ހައި ކޯޓުގެ ގަވާއިދާ އެއްގޮތަށް ކަމަށާއި އެގޮތަށް ހުށަހަޅާ މައްސަލަތަކުގައި ފަނޑިޔާރުންނަށް ގަބޫލުކުރެވޭ ސަބަބުތަކެއް އޮތް ކަމަށް ފެންނަ ނަމަ، މައްސަލަ ބަލައިގަނެވޭނެ ކަމަށް އޮންނަ ކަމަށެވެ. ހައި ކޯޓުން ނިންމީ ސިވިލް ކޯޓުގެ ހުކުމް ގޯސްކޮށް ކަމަށާއި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަން ނުޖެހޭނެ ކަމަށެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ހުށަހެޅުއްވި

ސުޕްރީމް ކޯޓުގައި ދީބާޖާގެ ފަރާތުން ވަކާލާތު ކުރީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓްސް އިންނެވެ. ދީބާޖާ އާއި އަލްހާންގެ ލޯ ފާމާ އެކު ވެސް ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ. އޭގައި ވަނީ، ސިވިލް ކޯޓުގެ ގަޒިއްޔާ އިން ދީބާޖާ އަށް ބަދަލުގެ ގޮތުގައި ނަގައިދީފައިވާ 348 މިލިއަން ރުފިޔާގެ 50 ޕަސެންޓު ކަމަށް ވާ 174 މިލިއަން ރުފިޔާ ލޯ ފާމަށް ދޭން ޖެހޭ ގޮތަށެވެ. އެއީ، މައްސަލަ ކާމިޔާބުވެއްޖެ ނަމަ ދޭ "ސަކްސެސް ފީ" ކަމަށް ވެސް އެއްބަސްވުމުގައިވެ އެވެ.

ދީބާޖާ އަށް ލިބެން ޖެހޭ ކަމަށް ދައުވާކުރާ ފައިސާގެ ދެބައިކުޅަ އެއްބައި އަލްހާންގެ ލޯ ފާމަށް ދޭން ޖެހޭ ސަބަބާ މެދު އެއްބަޔަކު ސުވާލު އުފައްދަ އެވެ.

ސުޕްރީމް ކޯޓު: އެ ކޯޓުން ދީބާޖާއާ އެއްކޮޅަށް ނިންމި މައްސަލަ އަލުން މުރާޖާ ކުރަން ހުށަހަޅުއްވާނެ ކަމަށް އޭޖީ ވިދާޅުވި. --ފޮޓޯ/މިހާރު

ރިފްއަތު ވިދާޅުވީ ދީބާޖާ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް އެކި ސިފަސިފައިގައި ނުފޫޒު ފޯރުވައި ކޯޓުގެ ފަނޑިޔާރުންނާ ގުޅިގެން ހުކުމެއް ނެރެން އުޅޭ ކަމަށް ކުރަމުން ދިޔަ ތުހުމަތު އޭނާ އަށް އެނގިވަޑައިގަތުމާ އެކު ކޯޓުން ބޭރުގައި މައްސަލަ ހައްލުވޭތޯ މަސައްކަތް ކުރެއްވި ކަމަށެވެ.

ކޯޓުން ބޭރުގައި ވާހަކަ ދަައްކައިގެން އެއްވެސް ހައްލެއް ހޯދޭނެ ފުރުސަތެއް އޮތްތޯ ބެލިން. ރިފްއަތު

ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ކޯޓުން ބޭރުން ހައްލު ހޯދުމަކީ ޒަމާނުއްސުރެ އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ކުރަމުން އައި ކަމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ އެ އުސޫލުން ދީބާޖާއާ މައްސަލަ ހައްލުކުރެވޭތޯ ބެއްލެވި ކަމަށެވެ.

"ޝަރީއަތުގައި މައްސަލައެއް ހިނގަމުން އަންނަ އިރު ޝަރީއަތަކަށް ނާންގާ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރާކަށް މަސައްކަތެއް ނުކުރާނެ. ރަނގަޅު ގޮތަކީ ވެސް ޝަރީއަތުގެ ސަމާލުކަމަށް ގެންނާނީ، މައްސަލައިގެ ރަނގަޅު ގޮތަކީ ދެ ފަރާތުން ކޯޓުން ބޭރުން މައްސަލަ ހައްލުކުރެވޭތޯ ވާހަކަ ދައްކާ ކަން ޝަރީއަތުގެ ސަމާލުކަމަށް ގެނެސް، ޝަރީއަތުގެ ހުއްދައަކަށް އެދޭނީ. އޭރަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް އަދި ކޯޓަށް ވެސް އެނގޭނެތާ ކޯޓުން ބޭރުގައި މި މައްސަލައިގައި ކަންތައްތަކެއް ހައްލުކުރަން މަސައްކަތް ކުރާކަން،" ރިފްއަތު ވިދާޅުވި އެވެ.

"އެ އުސޫލުން ދީބާޖާ މައްސަލަ ހިނގަ ހިނގާ އޮއްވައި، ވަކިން ޚާއްސަކޮށް ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅައިގެން ފަނޑިޔާރުންނަށް ނުބައި ނުފޫޒުގެ ބޭނުންކޮށްގެން މައްސަލައިގެ ވަކި ގޮތަކަށް ހުކުމްކުރަން އުޅޭ ވާހަކަ އަޑުއިވުނީމަ، އޭޖީ އޮފީހުން އަޅުގަނޑު ނިންމީ ކޯޓުން ބޭރުގައި ވާހަކަ ދަައްކައިގެން އެއްވެސް ހައްލެއް ހޯދޭނެ ފުރުސަތެއް އޮތްތޯ."

އެގޮތުގެ މަތިން، ޑިސެމްބަރު، 18، 2018 ގައި ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި، އޭޖީ ވިދާޅުވި ގޮތުގައި، ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފަ އެވެ. އެއީ، ވަކިން ޚާއްސަކޮށް ދީބާޖާ މައްސަލައިގައި ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި އެޓާނީ ޖެނެރަލްގެ އޮފީހުން އަމަލުކުރަމުން އަންނަ އާއްމު އުސޫލް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

ވަޒީފާގެ އެތައް މައްސަލައެއް ވެސް ޝަރީއަތުގެ މަރުހަލާގައި ހިނގަމުން ދަނިކޮށް، ކޯޓުން ބޭރުގައި ހައްލު ހޯދަން ކޯޓުތަކުގައި އޭޖީ އޮފީހުން އެދިފައިވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއީކީ ދީބާޖާއާ، އަޅުގަނޑާ ގުޅިގެން ވަކި ކަމެއް ވަކި ގޮތަކަށް ހިންގާކަށް ނޫނިއްޔާ، ވަކި ފައިދާއެއް، މަންފާއެއް ހޯދަން ފޮނުވި ސިޓީއެއް ނޫން،" ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ރިފްއަތު ރިޝްވަތު ނަންގަވަން އުޅުއްވި ކަމަށް އަލްހާން ކުރެއްވި ތުހުމަތަށް ރައްދު ދެއްވައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސިޓީ ފޮނުއްވި މަގްސަދު އޮޅުވާލައި، މީޑިއާތަކާއި އެ ނޫން ވެސް ގޮތްގޮތަށް ވާހަކަ ފަތުރާތީ ހިތާމަކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ހުށަހެޅުމާ އެއްގޮތަށް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ދީބާޖާ އިން ބޭނުމެއް ނުވި އެވެ.

ފައިސާ ދައްކާ ޚަލާސްކުރަން ޖެހޭ މުއްދަތު ސާފެއް ނޫން

ސުޕްރީމް ކޯޓުން ދީބާޖާއާ އެއްކޮޅަށް ނިންމި ހުކުމުގައި ވަނީ، ހައި ކޯޓުން އެ މައްސަލައިގެ އިސްތިއުނާފް ބަލައިގަތީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އޭޖީ އޮފީހުގެ މުވައްޒަފެއްގެ އިހުމާލު އޮތް އޮތުމަކީ އޭގެ ޒާތުގައި، އޭޖީ އޮފީހުގެ ކޮންޓްރޯލް ނެތް ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންވެ ކޯޓުން ނިންމީ ސިވިލް ކޯޓުގެ ހުކުމަށް ދައުލަތުން އަމަލުކުރުމަށެވެ.

އެ ހުކުމް މާނަކުރައްވަމުން ރިފްއަތު ވިދާޅުވީ ދައުލަތުން ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ފައިސާ ދައްކާ ޚަލާސްކުރާނީ ކޮން އިރަކު ކަމެއް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ނުވާ ކަމަށެވެ.

"ސިވިލް ކޯޓުން 23، އޮކްޓޯބަރު، 2014 ގައި ކުރި ހުކުމުގައި ބުނެފައި އޮންނަނީ، އެ މުއްދަތުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދަށް ފައިސާ ދައްކައި ޚަލާސްކުރަން ޖެހޭ ވާހަކަ، އޭގެ މާނައަކީ އެ ހަ މަސް ދުވަސް އެ އޮތީ ފާއިތުވެގެން ގޮސްފައި. އެހެންވެއްޖިއްޔާ ސުޕްރީމް ކޯޓުން ހުކުމުގައި ސާފުކޮށް ބުނަންވާނެ، ކިހިނެއްކަން އެ ފައިސާ ދައްކާ މުއްދަތު ގުނާނީ،" ރިފްއަތު ވިދާޅުވި އެވެ.

"އެ ކަމެއް ނެތް ކޮށްފައެއް، އަޅުގަނޑަށް ފެންނަ ގޮތުގައި މިހާރު ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރަން ސުޕްރީމް ކޯޓުން ކަނޑައަޅާ ހާލަތުގައި އެ ކޯޓުގެ ހުކުމުގައި އޮތް މިންވަރަށް ފައިސާ ދައްކަންޏާ، އެ ހުކުމުގައި އެ ބުނާ މުއްދަތު ވެސް ލިބެން ޖެހޭނެ ފައިސާ ދައްކަން،" އޭނާ ވިދާޅުވި އެވެ.

އޭޖީ މިހެން ވިދާޅުވިޔަސް ދީބާޖާ އިން މިކަން ގަބޫލެއް ނުކުރެ އެވެ.

އެ ކުންފުނިން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސިވިލް ކޯޓުން ހުކުމް ކުރީ، އޮކްޓޯބަރު، 23، 2014 އިން ފެށިގެން، މަދުވެގެން އެ މަހަކަށް ޖެހޭވަރު ކޮންމެ މަހަކު ކޯޓަށް ދައްކައި ހަ މަސް ތެރޭގައި 348 މިލިއަން ރުފިޔާ ޚަލާސްކުރަން ކަމަށެވެ. ހުކުމް ކުރި ތާރީޚުން ފެށިގެން، އެޕްރީލް، 23، 2015 އަށް ހަ މަސްވެފައިވާ ކަމަށް ދީބާޖާ އިން ބުންޏެވެ.

ހައި ކޯޓުގައި ދީބާޖާ މައްސަލަ ހިނގަމުން ދަނިކޮށް، ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ސިވިލް ކޯޓުގައި ދީބާޖާ އިން ކުރިއަށް ގެންދިޔަ ކަން ފާހަގަކުރައްވައި ރިފްއަތު ވިދާޅުވީ އެ މައްސަލަ މަޑުޖައްސާލީ ހައި ކޯޓުގެ މައްސަލަ ކުރިއަށްދާތީ ކަމަށެވެ. ހައި ކޯޓުން، ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރުމުން، އެ ކޯޓުގައި ހިނގަމުންދިޔަ ހުކުމް ތަންފީޒުކުރަމުން ދިޔަ މައްސަލަ ވެސް އިތުރަށް ކުރިއަށް ގެންދަން ޖެހޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން އޮތީ ނިންމައިފަ އެވެ.

"ދީބާޖާ އިން އެ ބުނާ ގޮތަކަށެއް، ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުން ނުދޭ ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު. އެހެންވީމާ އަލުން ޖެހޭނީ ތަންފީޒުކުރުމުގެ މައްސަލައެއް ސިވިލް ކޯޓުގައި ހިންގަން،" އޭޖީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ، ސުޕްރީމް ކޯޓުން މި ބުނަނީ ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރާށޭ. ހަމަ އެ ހުކުމުގައި ބުނަނީ ފައިސާ ދައްކައި ހަލާސްކުރަން ވާނީ ކޮންމެ މަހަކު އެ މަހަކަށް ދައްކަން ޖެހޭ ވަރު ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ހަ މަސް ދުވަހުގެ ތެރޭގައޭ. އެެހެންވެއްޖިއްޔާ ހަ މަސް ދުވަސް ލިބެން ޖެހޭނެ ނޫންތޯ ފައިސާ ދައްކާ ޚަލާސްކުރަން،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުކުމުގައި މިހާރު އޮތް ގޮތުން އެންމެ މަހަކު ދައްކަން ޖެހޭ ފައިސާ ވެސް މިހާތަނަށް ނުދެއްކިފައެއް ނެތެވެ. އޭޖީ ގަބޫލުކުރައްވާ ގޮތުގައި، ފައިސާ ދައްކަން ޖެހޭ ފުރަތަމަ މަސް ހަމަވާނީ، މި މަހުގެ 18 އަށެވެ.

ސިވިލް ކޯޓުން ދީބާޖާގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބަލައިގަތީ، މި މަހުގެ 13، ގަ އެވެ. އެއީ، ސުޕްރީމް ކޯޓުން ހުކުމް ކުރިތާ ނުވަތަ ފައިސާ ދައްކަން ޖެހޭ ކަމަށް ދައުލަތުން ގަބޫލުކުރާ މުއްދަތުން މަސް ދުވަސް ވެސް ނުވަނީސް ކަން ފާހަގަކުރައްވަމުން ރިފްއަތު ވިދާޅުވީ މައްސަލަ ބަލައިގަތީ އުސޫލާ ޚިލާފަށް ކަމަށެވެ.

"އެއް މަސް ނުވަނީސް ކިހިނެއްތޯ ފުރަތަމަ ކަމަކަށް ސިވިލް ކޯޓުގައި މައްސަލަ ހިންގާނީ. ނުވެސް ހިންގޭނެ، ދީބާޖާ އިން ކޯޓަށް އަންގަން ޖެހޭނީ އެއް މަސް ވުމުން. ދެން ކޯޓުގެ އަމިއްލަ އިސްނެގުމަށް މައްސަލަ ހިންގަން ޖެހެނީ،" ރިފްއަތު ވިދާޅުވި އެވެ.

އެކަމަކު ސިވިލް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ މައްސަލަ ހިންގަނީ އުސޫލާ އެއްގޮތަށް ކަމަށެވެ. އެއީ އެފަދަ އެހެން މައްސަލަތަކެކޭ ވެސް އެއްގޮތަށް، އިސްތިއުނާފް މަރުހަލާ ނިމުމުން ކޯޓުން އިސްވެ ހުކުމް ތަންފީޒު ކުރަން ފަށަން ހަމަޖެހިފައިވާ މައްސަލައެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އޭޖީ އޮފީހުގެ ސްޓޭންޑް ދިފާއު ކުރައްވަމުން ރިފްއަތު ވިދާޅުވީ ހުކުމް ތަންފީޒުކުރުން ސިވިލް ކޯޓުން ކުރިއަށް ގެންދަނީ އުސޫލާ ޚިލާފަށް ކަމަށެވެ. މައްސަލަ ބަލައިގަތީ، އަދި ހިންގީ ވެސް ގޯސްކޮށް ކަމަށާއި އިތުރު ޝަރީއަތެއް ބާއްވައިގެން ނުވާނެ ކަމަށް އެ އޮފީހުން ދެކޭ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތާ، އެޓާނީ ޖެނެރަލްގެ މަގާމުގެ ރަސްމީ ލިއުން ރައީސް ހަވާލު ކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދީބާޖާ އަށް 348 މިލިއަން ރުފިޔާގެ ގެއްލުމެއް ނުވޭ

ގޯސްކޮށް އެއްބަސްވުން ބާތިލް ކުރުމުން ދީބާޖާ އަށް ކޮންމެވެސް ގެއްލުންތަކެއް ލިބިފައިވާނެ ކަމަށް އޭޖީ ގަބޫލުކުރައްވަ އެވެ. އެކަމަކު، ބަލައިގަންނަން ދަތިވަނީ، އޭނާ ވިދާޅުވި ގޮތުގައި، ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް ދައްކަން ޖެހިފައި އޮތް އަދަދެވެ.

"ދަށު ކޯޓުގެ މަރުހަލާގައި އެ އަދަދާ މެދު ދައުލަތުން ސުވާލު އުފެއްދުމުން ވެސް ނެތް އެ އަދަދަށް ގެއްލުންވި ކަމުގެ ހެއްކާއި ގަރީނާ ހުށަހެޅިފައެއް. އެ ގެއްލުން ނެތް، މިނިވަން އޮޑިޓަރުން ލައްވައި ބަލާފައި. އަދަދާ މެދު ސުވާލު އުފެއްދީމަ ގާޒީ ވެސް ނެތް އެކަން އިތުރަށް ބަލަން ކަމެއް ކޮށްފައެއް. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ އެ މައްސަލަ ރަނގަޅަށް ދަށު ކޯޓުން ބަލަންވީއޭ އަލުން،" ރިފްއަތު ވިދާޅުވި އެވެ.

"ކޮބައިތޯ މައްސަލައަކީ ދަށު ކޯޓު މަރުހަލާގައި މި މައްސަލައިގައި ދީބާޖާ އަށް ވެފައި އޮތް ގެއްލުން އަޅުގަނޑުމެން ބެލުމުގެ؟ ނެތޭ އެއްވެސް މައްސަލައެއް. ކީއްވެތޯ އަޅުގަނޑުމެން 348 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ގޯސްކަމަށް ހައި ކޯޓުން ބާތިލްކުރީމަ އިތުރަށް އެއްވެސް ބެލުމެއް ނުބަލައި އަނެއްކާ ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކުރީ؟ ވަކިން ޚާއްސަކޮށް، ފަނޑިޔާރުންނަށް މި މައްސަލައިގައި ކުރާ ރިޝްވަތުގެ ތުހުމަތާ މެދު ސުވާލު އުފެދޭ، ދެއްތޯ؟"

މައްސަލަ ރަނގަޅަށް ބަލައި ދީބާޖާ އަށް ގެއްލުމެއް ލިބިފައިވާ ނަމަ ބަދަލު ލިބެން ޖެހޭނެ ކަމަށް އޭޖީ ވިދާޅުވި އެވެ. އެކަމަކު އެއީ، 348 މިލިއަން ކަމަކަށް ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.