ހުޅުމާލެ ބީޗުގައި އެގޮތަށް ކެފޭ ނުހިންގޭނެ: އޭސީސީ

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެރޭ/ރެސްޓޯރަންޓު މިހާރު ހިންގަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފި އެވެ.


އޭސީސީން މިއަދު ބުނީ އެ މައްސަލަ ބެލުމަށް ފަހު، ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓު ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅަން އެޗްޑީސީ އަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

އޭސީސީން އެހެން ބުނިއިރު، ހުޅުމާލެ ބީޗް ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓު ހިންގާ މީހުން އެ ތަންތަން ނަގަން އެޗްޑީސީން ކުރިން ނޯޓިސް ވެސް ދިނެވެ. އެކަމަކު، ފަހުން އެ ނިންމުން ބަދަލުކޮށް، އަނެއްކާ ވެސް އެ މީހުންނަށް ފުރުސަތު ދިނީ އެވެ.

އެޗްޑީސީން ފަހުން ވަގުތީ ހުއްދައެއް ދިނީ އެ ކޯޕަރޭޝަންގެ އެންގުމާ އެއްގޮތަށް، ހުޅުމާލޭގެ ބީޗު ސަރަހައްދުން މޭޒާއި ގޮނޑި ނަގައި އެ ތަންތަން ހުސްކުރި ފަރާތްތަކަށެވެ. އެކަމަކު، އެޗްޑީސީގެ އެންގުމަށް ކިޔަމަން ނުވި ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

އޭސީސީން ބުނީ، ހުޅުމާލޭގެ އިރުމަތީ ބީޗް ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓު ހިންގުމަށް އެޗްޑީސީން ފަހުން ވަގުތީ ހުއްދަ ދިން އުސޫލަށް އަދިވެސް ބައެއް ތަންތަނުން ބޯނުލަނބާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެޗްޑީސީން ވެސް އެ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އަޅާފައިވާކަން ފާހަގަ ނުކުރެވޭ ކަމަށް އޭސީސީން ބުންޏެވެ.

"އަދި ވަކި ބަޔަކު އެންގުމަށް ބޯނުލެނބުމުން، އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުން ކަމަށް ތުހުމަތު ކުރެވިދާނެ ކަމެއް ކަމާއި، މިއީ ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރެއް ކަމަށް ވާތީ، މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި، ކަނޑައެޅިފައިވާ ފިޔަވަޅުތައް އެ ފަރާތްތަކާ މެދު އެޅުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނަށް ވަނީ އެންގިފަ އެވެ،" އޭސީސީގެ ތަހުގީގީ ރިޕޯޓުގައި ވެ އެވެ.

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓުތައް ހިންގަނީ ދައުލަތަށް އެއްވެސް ކުއްޔެއް ނުދައްކަ އެވެ. އޭސީސީ ބުނިގޮތުގައި އެއްވެސް ކުއްޔަކާ ނުލައި އެ ތަންތަން ހިންގުމަކީ އަދުލުވެރި އަދި އިންސާފުވެރި ގޮތެއް ނޫނެވެ. އެހެންވެ، ބީޗް ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓުތައް ކުއްޔަށް ދިނުމުގައި އެކަން ރެގިއުލޭޓު ކުރެވޭނެ އުސޫލަކަށް އަމަލު ކުރުމަށް ވެސް އޭސީސީން ވަނީ އެޗްޑީސީ އަށް އަންގައިފަ އެވެ. އެގޮތުން ކުއްޔަށް ދޭއިރު، އެކަމަށް ޝައުގުވެރިވާ އެންމެންނަށް ހަމަހަމަ ފުރުސަތު ދިނުމަށާއި އާންމުކޮށް އިއުލާން ކުރުމަށް ވެސް އޭސީސީން ވަނީ އަންގައިފަ އެވެ.

އޭސީސީގެ ތަހުގީގުގައި ބުނީ، ހުޅުމާލޭގެ އިރުމަތީ ބީޗު ސަރަހައްދު އާންމުކޮށް ބޭނުންކުރަނީ ގެސްޓު ހައުސްތަކުން ރެސްޓޯރަންޓުގެ ވިޔަފާރި ކުރުމަށް ކަން އެނގޭ ކަމަށާއި އެކަމަކު، އެ ގެސްޓު ހައުސްތަކުގެ ކުރިމަތީގައި އޮންނަ ބީޗް ސަރަހައްދުގައި އެހެން އަމިއްލަ ފަރާތްތަކުން ކެފޭ/ރެސްޓޯރަންޓު ކުއްޔަށް ދީގެން ނަފާ ހޯދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެންވެ، އެއީ ވެސް ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ އެކަން ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެޗްޑީސީ އަށް އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ވަނީ ހުޅުމާލޭގެ ބީޗް ސަރަހައްދު ވިޔަފާރީގެ ބޭނުމަށް ދޫކުރާ ނަމަ އެކަމަށް ހަރުދަނާ އުސޫލެއް ހަދައި އެއަށް އަމަލު ކުރުމަށް ވެސް އެޗްޑީސީ އަށް އަންގައިފަ އެވެ.

"އަދި އެފަދަ އުސޫލެއް އެކުލަވާލާއިރު، ބީޗް ސަރަހައްދަކީ އާންމުން ބޭނުންކުރާ ތަނެއް ކަމަށް ދެކި، އާންމުންނަށް ވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތަށް އެ އުސޫލު އެކުލަވާލުމަށް ވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ އެންގިފަ އެވެ،" އޭސީސީގެ ރިޕޯޓުގައި ބުންޏެވެ.