ލޯންޗުގެ ބެޓަރީ ގޮވައިގެން އެންމެ ބޮޑަށް ފިހުނު މީހާ އޭޑީކޭ އަށް ބަދަލުކޮށްފި

ހުޅުމާލޭ ފަޅުގައި އޮތް އެމްޓީސީސީގެ ލޯންޗެއްގެ ބެޓަރީ ގޮވައިގެން އެންމެ ބޮޑު ފިހުނު މީހާ އަށް ފަރުވާ ދޭން އޭޑީކޭ ހޮސްޕިޓަލަށް އިއްޔެ ބަދަލުކޮށްފި އެވެ.


އެމްޓީސީސީގެ "އެކްސްޕްރެސް 1" ލޯންޗުގެ ޕެޓްރޯލް ޕަމްޕުގެ ސްވިޗު ބަދަލުކުރަން އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއެއްގައި އެ ލޯންޗުގައި ތިބި ތިން މީހަކަށް އެކި ވަރުގެ ޒަޚަމްތައް ލިބުނެވެ. މި ހާދިސާގައި ހަށިގަނޑުގެ އެންމެ ބޮޑު ބައެއް ފިހުނީ ހދ. ވައިކަރަދޫ، ނޫރީގެ އަލީ އިމްރާނެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ހަމަ އެ ދުވަހު ދޫކޮށްލި ކަމަށެވެ. އަދި އިމްރާނުގެ ހަށިގަނޑުގެ 30 ޕަސެންޓު ވަނީ ފިހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާންގެ އާއިލާ އިން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުނީ އިމްރާނުގެ ފަރުވާގެ ކަންތައްތައް ބަލަހައްޓަމުން އަންނަނީ އެމްޓީސީސީން ކަމަށެވެ.