ހަތިޔާރާ އެކު ސިފައިން ފޯރިމަރާ ސަބަބު އޮޅުންފިލުވައިދީ: ޕީޕީއެމް/ޕީއެންސީ

މާލެތެރޭގައި ހަތިޔާރާ އެކު ސިފައިން ފޯރިމަރަމުންދާ ސަބަބު އޮޅުންފިލުވައިދޭން ޕީޕީއެމާއި ޕީއެންސީން މިރޭ ގޮވާލައިފި އެވެ.


ސަރުކާރު ޖަވާބުދާރީކުރުވަން ކޯލިޝަން ހަދާފައިވާ ދެ ޕާޓީ ގުޅިގެން ރޭ ދަންވަރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ވިދާޅުވީ ސިފައިން މަގުމަތީގައި ހަތިޔާރާ އެކު ކުއްލިއަކަށް ނުކުމެ އުޅޭ ސަބަބު ސާފުކޮށްދޭން އާއްމު ފަރާތްތަކުން އެ ދެ ޕާޓީ އަށް ގުޅަމުންދާ ކަމަށެވެ. ސަލާމަތީ ކަންކަން ވަރުގަދަކުރި ސަބަބާ ގުޅޭ ތަފްސީލީ މައުލޫމާތު މުއައްސަސާތަކުން އާއްމުންނާ ހިއްސާ ނުކުރާތީ ނިހާން ކަންބޮޑުވުންފާޅުކުރެއްވި އެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ފުލުހުންނާ ގުޅިގެން ފެށި ތަމްރީނުތަކަކީ ދެ މުއައްސަސާ އިން މި މަހުގެ ކުރީކޮޅު ފެށި ތަމްރީނުތަކުގެ ދެވަނަ ސިލްސިލާ ކަމަށެވެ. އަދި އެއީ ވަކި އިތުރު ކަމެއް މެދުވެރިގެން ގެންދާ ތަމްރީނުތަކެއް ނޫން ކަމަށް ދިވެހި ސިފައިން ނެރުނު ބަޔާނުގައި ވެ އެވެ. އެކަމަކު، އާންމުންނަށް ޝައްކުވާ ބާވަތުގެ ކަމެއް ހިނގާ ނަމަ، އެކަމުގެ މައުލޫމާތު ދިނުމަށް އެ ބަޔާނުގައި އެމްޑީއެފުން އެދިފައި ވެ އެވެ.

ނިހާން ވިދާޅުވި ގޮތުގައި ނޫސް ބަޔާނަކުން ފުއްދާލި ނަމަވެސް ޑިއުޓީ އަށް ނެރެފައި ތިބި ސިފައިންނަކަށް ވެސް ވެގެން އުޅޭ ގޮތެއް ސާފެއް ނޫނެވެ.

"މި ވާހަކަ މިގޮތަށް ދައްކާއިރު އަޅުގަނޑުމެންނަށް އެނގޭ ހުރިހާ މައުލޫމާތެއް ސިޔާސީ ޕާޓީއަކުން އެދިގެން ނާންނާނެ ކަން. އެކަމަކު އާއްމު މީހާގެ ކަންބޮޑުވުންތައް ސިޔާސީ ޕާޓީތަކުގެ ދަފްތަރާ ހަމައަށް އަންނާނީ،" ނިހާން ވިދާޅުވި އެެވެ.

ސިފައިންނާއި ފުލުހުންގެ ފަރިތަކުރުމުގެ ހަގީގީ މަގްސަދު، އޮޅުވާނުލައި، ސައްހަކަމާ އެކު ކިޔައިދޭން ޕީޕީއެމާއި ޕީއެންސީން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.