ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދެއްކި ފައިސާއިން ޓެކްސް ދައްކަން ޖެހޭނަމަ އެ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރާއި އެމްއޭސީއެލުން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.
ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމުގައި އުފެއްދި އިންޑިއާ ކުންފުންޏަށް ވެލާނާ އެއާޕޯޓް ހިންގަން ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމާފަ އެވެ.
އެ ފައިސާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ޖީއެމްއާރަށް ދައްކާފައި ވަނިކޮށް މިދިޔަ އަހަރު މީރާއިން ވަނީ ޖީއެމްއާރުން ޓެކްސްގެ ގޮތުގައި ދައުލަތަށް 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު (300 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް އަންގައިފަ އެވެ.
މި ފައިސާގެ މައްސަލަ ހޫނުވެފައި އޮއްވައި އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީރާއިން އެ މައްސަލާގައި ލަފަޔަކަށް އެދުމުން މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެ ލަފާދީފައިވާނެ ކަމަށެވެ.
އެ ލަފާގައި ބުނެފައިވަނީ އާބިޓްރޭޝަން ފައިސާއަކީ ޓެކްސް ދައްކަންޖެހޭ ފައިސާ ކަމަށް މީރާއިން ނިންމާ ހާލަތެއްގައި ވެސް އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި އެމްއޭސީއެލްއިން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ސަބަބެއް ކަމަށް ބަޔާނުގައި ބުނެފައިވަނީ އާބިޓްރޭޝަނުން ނިންމާފައިވާ ނިންމުމުގައި ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާއިން އެއްވެސް އަދަދެއް އުނިނުވެ އެ ކުންފުންޏަށް ދައްކަން ޖެހޭ ކަމަށް ނިންމާފައިވާތީ އެވެ.
އާބިޓްރޭޝަންގެ ނިންމުމުގައި ބުނެފައިވަނީ ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއްވެސް އަދަދެއް ޓެކްސްގެ ގޮތުގައި އުނިކުރާނަމަ އެމްއޭސީއެލުން ޖީއެމްރާއަށް އެ ފައިސާ ދައްކަން ޖެހޭނީ ޓެކްސްގެ ގޮތުގައި އުނިކުރާ ފައިސާ ހިމަނައިގެން ކަމަށެވެ.
ޖީއެމްއާރަށް ފައިސާ ދެއްކުމަށް ފަހު އެމްއޭސީއެލްއިން ފޮނުވި ސިޓީގައި ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް އޭޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"އާބިޓްރޭޝަންގެ ފައިނަލް އެވޯޑްގެ ފައިސާއިން އެއްވެސް ޓެކްސް އެއް ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާތީ އެވޯޑުގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ޓެކްސްއެއް މީރާއަށް ދައްކަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެން،" އެމްއޭސީއެލްގެ ސިޓީގައި އެގޮތަށް އެއްބަސްވެފައިވާ ކަމަށް އޭޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.