އަސްލަމް މަޖިލިސް ރައީސް ކަމަށް ވާދަ ނުކުރައްވާނެ ކަމަށް ބުނެ ފޭކް މެސެޖެއް ފޮނުވަނީ

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަމަށް ބުނެ ފޭކް މެސެޖްތަކެއް އެތައް ބައެއްގެ ފޯނަށް ފޮނުވައިފި އެވެ.


މެސެޖު ފޮނުވާ ނަންބަރަކަށް އަސްލަމްގެ ނަންބަރުން އިންނަ ގޮތަށް ފޮނުވަމުން އަންނަ މެސެޖްގައި ބުނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދުމުގެ މަތިން މަޖިލިހުގެ ރައީސް ކަމަށް ކުރިމަތިނުލައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ވާދަކުރައްވާ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފަށް ތާއީދުކުރަައްވާ ކަމަށް މެސެޖްގައިވެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ކުރައްވާ އަސްލަމް "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ވާދަނުކުރައްވައި ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އޭނާ ފިޔަވައި އެ މަގާމަށް ގާބިލް ބޭފުޅެއް ނެތް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނަންބަރު ކްލޯންކޮށްގެން ބަޔަކު މެސެޖް ކުރަމުން އެ ދަނީ. އެއީ އަޅުގަނޑު ފޮނުވާ މެސެޖެއް ނޫން. އޭގައި ހުރީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ވެސް ނޫން،" އަސްލަމް ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ ތެރެއިން ހޮވާނެ ބޭފުޅަކާ މެދުގައި ހިޔާލުތަފާތުވުން އޮތް އިރު، އެ މަގާމަށް ވާދަކުރައްވަނީ އަސްލަމާއި އަފީފްގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ އަސްލަމާއި އަފީފްގެ މެދުގަ އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅު ވަނީ މަޖިލިހުގެ ރައީސް ކަމަށް އަފީފް ގެނައުމަށެވެ. އެކަމަކު އަސްލަމާ ގާތް ގުޅުމެއް އޮންނަ އިންތިޚާބީ މެމްބަރު ނަޝީދު ބޭނުންފުޅުވަނީ މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށެވެ.

މި ހިނގާ 18 ވަނަ މަޖިލީހުގެ މެމްބަރުންނާއި އާ މަޖިލިހަށް ހުވާ ކުރާ 19 ވަނަ މަޖިލީހުގެ ބޭފުޅުންނާ އެކު މިދިޔަ ބުދަ ދުވަހު މަޖިލިހުގައި އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުވުން އެހާ ރަނގަޅެއް ނޫން ކަމަށެވެ. އެކަމަކު، ރައީސްގެ ވާހަކަފުޅުގައި ބޮޑަށް ފާހަގަ ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި އަފީފްގެ ނަމެވެ.

އެގޮތުން ރައީސް ވިދާޅުވީ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށެވެ. އަދި އަސްލަމާއި އަފީފްއާ އެކު މަސައްކަތް ކުރެއްވި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސް ހޮވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. އަދި އެމްޑީޕީން ވޯޓު ދޭނެ ބޭފުޅަކު އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ކަނޑައެޅުން އަންނަ ހޯމަ ދުވަހު އޮންނާނެ އެވެ.