އަސްލަމް އަދިވެސް ވިދާޅުވަނީ ރައީސްގެ ތާއީދު އެބައޮތް ކަމަށް

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އެންމެ އެކަށީގެންވަނީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވި ނަމަވެސް އެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެނައުމަށް ރައީސްގެ އިތުބާރާއި ތާއީދު އަދިވެސް އެބައޮތް ކަމަށް އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.


މި ހިނގާ 18 ވަނަ މަޖިލީހުގެ މެމްބަރުންނާއި އާ މަޖިލިހަށް ހުވާ ކުރާ 19 ވަނަ މަޖިލީހުގެ ބޭފުޅުންނާ އެކު މަޖިލިހުގައި އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންނާ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުވުން އެހާ ރަނގަޅެއް ނޫން ކަމަށެވެ. އެކަމަކު، ރައީސްގެ ވާހަކަފުޅުގައި ބޮޑަށް ފާހަގަ ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި އަފީފްގެ ނަމެވެ.

އެގޮތުން ރައީސް ވިދާޅުވީ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށެވެ. އަދި އަސްލަމާއި އަފީފްއާ އެކު މަސައްކަތް ކުރެއްވި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސްގެ އެ ނިންމެވުމާ ގުޅިގެން، "މިހާރު" ން ސުވާލު ދެންނެވުމުން އަސްލަމް މިއަދު ވިދާޅުވީ، މަޖިލިހުގެ ރައީސް ކަމަށް އަފީފަކީ ގާބިލް ބޭފުޅެއް ކަމަށް ރައީސް ވިދާޅުވީ ނޫސްވެރިޔާ ސުވާލު ކުރެއްވި ގޮތުން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަކި ބޭފުޅަކަށް ތާއީދު ކުރައްވާ ކަން މިހާތަނަށް އައި އިރު، ހާމަކުރައްވާފައި ނުވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (ކ-3) މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމާއި (ކ-2) މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކާއި (ކ) ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޖިލިހުގެ އާ އިމާރާތް ރޭ ބައްލަވާލެއްވުމަށް ފަހު މަޝްވަރާއެއްގައި. --- ފޮޓޯ: މަޖިލިސް

"އަޅުގަނޑާއި ރައީސްއާ ރޭ ވެސް ބައްދަލުވެ، ގަޑިއިރެއްހާ އިރު ވަންދެން މަޝްވަރާ ކުރެވުނު. ރައީސް ވިދާޅުވި ވަކި ބޭފުޅަކަށް ތާއީދު ނުކުރައްވަމޭ،" އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ އެކި ފެންވަރުގެ ހިޔާލުތައް ރައީސްއާ ހިއްސާ ކުރަމުން މި ދަނީ. އަޅުގަނޑާއި ރައީސްއާ ދެމެދު އެއްވެސް ނުތަނަވަސް ކަމެއް ނޫނީ މައްސަލައެއް ނެތް."

އަސްލަމް ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި އާ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި 65 ބޭފުޅުންގެ މެދުގައި ނަގާ ވޯޓަކުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް ހޮވާނެ ބޭފުޅުން އެނގޭނެ އެވެ. އަދި މިހާރު ކުރައްވާ މަސައްކަތަކީ މެމްބަރުންނަށް ގުޅުއްވައިގެން ތާއީދު ހޯއްދެވުން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު މިހުރީ ކޮންމެ ބޭފުޅަކު ހޮވުނަސް އެބޭފުޅަކަށް ތާއީދު ކުރާ ގޮތަށް. އަޅުގަނޑަށް ވުރެ ރަނގަޅު ބޭފުޅެއް ނެތް ކުރިމަތިލާފައި މަޖިލިހުގެ ރައީސް ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑާއި ރައީސްއާ ރޭ ވެސް ބައްދަލުވެ ގަޑިއިރެއްހާ އިރު ވަންދެން މަޝްވަރާ ކުރެއްވުނު. ރައީސް ވިދާޅުވި ވަކި ބޭފުޅަކަށް ތާއީދު ނުކުރައްވަމޭ،" ---އަސްލަމް

ރައީސްގެ ވާހަކަފުޅު ވަކި ގޮތަކަށް އައި ކަމުގައި ވިޔަސް، މަޖިލިހުގެ ރައީސްކަމަށް ވާދަ ނުކުރެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން އަދިވެސް އެބަހުރި ކަމަށާއި އެ މަގާމަށް ވާދަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އަސްލަމާއި އަފީފްގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭގެ ތެރެއިން އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ އަސްލަމާއި އަފީފްގެ މެދުގަ އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅު ވަނީ މަޖިލިހުގެ ރައީސް ކަމަށް އަފީފް ގެނައުމަށެވެ. އެކަމަކު، ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ބޭނުންފުޅުވަނީ ރައީސް ކަމަށް އަސްލަމް ގެނައުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އަފީފަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވީ އަފީފްގެ އިތުރުން މަޖިލިހުގެ ރައީސް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފަދަ ބޭފުޅުންނަކީ ވަރަށް ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި މެމްބަރުން ކަމަށާއި އެބޭފުޅުން ދައްކަވާ މަގުން ކުރިއަށް ވަޑައިގެންފި ނަމަ، އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މަޖިލިސް އެންމެ ރަނގަޅު މަޖިލިހަށް ވެގެންދާނެ ކަމަށެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސް ހޮވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. އަދި އެމްޑީޕީން ވޯޓު ދޭނެ ބޭފުޅަކު އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ކަނޑައެޅުން އަންނަ ހޯމަ ދުވަހު އޮންނާނެ އެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ހޮވުމުގެ ވޯޓު ނަގާނެ ގޮތަކާ މެދު އެމްޑީޕީގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ކަނޑައަޅަން ވާނީ ސިއްރު ވޯޓެއް ނަގައިގެންނެވެ. އެކަމަކު، އެކަމާ ދެކޮޅު ހައްދަވާ މެމްބަރުން ވިދާޅުވީ ޑިމޮކްރަސީގެ ރިވެތި އުސޫލަކީ ހާމަކަން ބޮޑު ވޯޓަކަށް ދިއުން ކަމަށެވެ.