ނަޝީދު ވާނީ އެންމެ ބާރުގަދަ މަޖިލިހުގެ ރައީސަކަށް!

މިރޭ ހުވާކުރާ އާ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެންފި ނަމަ އެމަނިކުފާނު ވެވަޑައިގަންނަވާނީ މިހާތަނަށް ރާއްޖެ ދުށް އެންމެ ބާރުގަދަ މަޖިލިހުގެ ރައީސަށެވެ.


ރޭ އޮތް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އެ ޕާޓީން އެމަނިކުފާނުގެ ނަންފުޅު ކުއްލިއަކަށް ފާސްކުރުމުގެ ކުރިން، އެ މަގާމަށް ކުރީގެ ރައީސް ވާދަނުކުރައްވާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އެކަމަކު ފަހު ވަގުތު އެމްޑީޕީގެ 65 މެމްބަރުންގެ ޕާލިމެންޓްރީ ގްރޫޕުން ނަޝީދަށް ފުރުސަތު ދެއްވުމާ އެކު މިރޭ އޮންނަ މަޖިލިހުގެ ރައީސް ކަނޑައަޅާ ވޯޓުން އެމަނިކުފާނު ހޮވިވަޑައިގަންނަވާނެކަމާ މެދު ޝައްކެއް ނެތެވެ.

މިހާތަނަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ބެލެވެމުން އައީ، މަގާމު ކިތައްމެ ބޮޑަސް، މަޖިލިސް ކޮންޓްރޯލްކުރެއްވޭ ބޭފުޅުންގެ ގޮތަކު ނޫނެވެ. އެންމެ ފަހުން ހުންނެވި އަބްދުﷲ މަސީހަށް ވެސް މަޖިލިހުގެ މެޖޯރިޓީ މެމްބަރުން ކޮންޓްރޯލެއް ނުކުރެއްވުނެވެ. ގިނަ މެމްބަރުން ކަންކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި ގޮތަށެވެ.

އޭގެ ކުރީގެ މަޖިލިހުގެ ރައީސުން ވެސް ތިއްބެވީ އެފަދަ ހާލަތެއްގަ އެވެ.

އެކަމަކު ނަޝީދު އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ވެސް މަޖިލިހުގެ މެޖޯރިޓީ މެމްބަރުންގެ ކޮންޓްރޯލްކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ވޯޓު ދެއްވާނެ، ބަހުސްކުރަައްވާނެ އަގުލަބިއްޔަތެއް، މަޖިލިހުގައި އޮންނާނީ ގާއިމްވެފަ އެވެ.

އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) "މިހާރު" އަށް ވިދާޅުވީ ނަޝީދު އެ ހަވާލުވެވަޑައިގަންނަވަނީ ވަރަށް ޒިންމާދާރު، މަސްއޫލިއްޔަތު ބޮޑު ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުން އިންތިހާބުކޮށްފައި ތިބި ބޭފުޅުންގެ ރައީސްގެ މަގާމާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ މަޖިލިހަށް އޮތް އޮރިއެންޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

"ނަޝީދަކީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް އެންމެ މުހިންމު ދައުރެއް އަދާކުރި ބޭފުޅާ. ޑިމޮކްރަޓިކް ނިޒާމެއް ގެނައުމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމުގައި ޗެމްޕިއަނެއް. ވާދަވެރި ސިޔާސީ ނިޒާމެއް ގާއިމު ކުރުމުގައި ވަރުގަދަ ޝަހްސިއްޔަތެއް،" އިންތި ވިދާޅުވި އެވެ.

އެންމެ ފަހުން ޖޭއެސްސީ އަށް ވެސް

ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރަން ޖެހޭކަމުގެ ބަހުސުގައި އަބަދުވެސް އެންމެ ކުރީގައި އުޅުއްވަނީ ނަޝީދެވެ. އެކަމަކު މީގެ ކުރިން އެމަނިކުފާނަށް އެކަމުގައި މިހާރު އޮތްހާ ތަނަވަސް ފުރުސަތެއް ލިބިވަޑައިގެންފައެއް ނުވެ އެވެ. ރައީސްކަމުގައި ހުންނެވި އިރު މަޖިލިހުގެ ކޮންޓްރޯލް އޮތީ އިދިކޮޅަށެވެ. އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުވި ބަދަލުތަކެއް ޝަރުއީ ނިޒާމަކަށް ނުގެންނެވުނެވެ.

އެކަމަކު މިރެއަށް ފަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކަށް ނަޝީދު ވެވަޑައިގަންނަވާނެ އެވެ. އެ ކޮމިޝަންގެ އެއް ގޮނޑި ހާއްސަވެފައި އޮންނަނީ މަޖިލިހުގެ ރައީސަށް ކަމަށް ވާތީ، ނަޝީދު ދެން ހުންނަވާނީ ފަނޑިޔާރުންނާ ގުޅޭ ކަންކަމާ ބެހޭ މައި ކޮމިޝަން ތެރޭގަ އެވެ.

އިންތި ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހު ކުރަން އެންމެ ބޮޑަށް ފަސޭހަވެގެން ދާނީ ޖޭއެސްސީގެ ތެރެއިން ކަމަށެވެ. އެހެންކަމުން ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ގަބޫލުފުޅުކުރައްވައިގެން ޖޭއެއްސީ އަށް ވަޑައިގަންނަވާ ފުރަތަމަ ބޭފުޅަކީ ވެސް ނަޝީދު ކަމަށް ވާތީ އިންތި އެކަމަށް ތައުރީފް ކުރެއްވި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ނަޝީދު (މ) ރިޔާސަތު ބަލަހައްޓަވާ އިރު، އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ރައްޔިތުންގެ ހައްގުތަކާއި ޑިމޮކްރަޓިކް ނިޒާމެއް ގާއިމު ކުރުމަށް ވަރަށް ބޮޑު ހުރަހަކަށް ޖުޑިޝަރީ ވެފައިވާ ކަން ރައްޔިތުން ގަބޫލުކުރަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނަޝީދަކީ ޑިމޮކްރަޓިކް ނިޒާމެއް ގާއިމު ކުރުމަށް މަސައްކަތް ކުރައްވާ އެންމެ ބޮޑު އެއް ތަނބު،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި މަޖިލިހުގެ ރައީސް ކަމަށް ދެން އެ ވަޑައިގަންނަވަނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ޑިމޮކްރަޓިކް ނިޒާމެއް ގެނައުމަށް ބޮޑު ދައުރެއް އަދާކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ރައީސްގެ ވައުދުތައް ފުއްދެވުމަށާއި އެޖެންޑާ 19 ގައި ހިމެނޭ ކަންކަން ފުރިހަމަކޮށް ދިނުމަށް ލިބުނު ބޮޑު ބާރަކާއި ޔަގީން ކަމެއް ލިބިގެން މިދަނީ މަޖިލިހުގެ ރައީސް ކަމަށް ނަޝީދު ވަޑައިގަތުން،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވޯޓަށް ފަހު ނަޝީދު ރޭ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މަޖިލިސް ހިނގަމުން ދާނީ ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ރައްޔިތުން "އެޖެންޑާ 19" އަށް ވޯޓު ދިނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވާން ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.

"މަޖިލިސް ހިނގަމުންދާނީ ގިނަ ޕާޓީ އެކުލެވޭ، ވާދަވެރި ސިޔާސީ ނިޒާމާއި ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އިސްލާމީ އުސޫލުތަކާއި ހަމަތަކާ ހިލާފަށް އެއްވެސް ކަމެއް މަޖިލިހުގައި ހިނގައިގެން ނުދާނެ،" ނަޝީދު ވިދާޅުވި އެވެ.